ކޮވިޑަކީ އާދައިގެ ބައްޔެއްގެ ގޮތުގައި ޔޫރަޕްގެ ބައެއް ގައުމުތަކުން ނިންމަނީތަ؟

293923_3_5722222b1fd30ae4a21b5476d1a98dba3343fc79_medium.jpg

ކޮވިޑް19 އަކީ އާދައިގެ ބަލިމަޑު ކަމެއްގެ ގޮތުގައި ވިސްނުމަށާއި ހުމާ ރޯދާ ފަދައިން މި ބައްޔާއެކު އުޅެން ދަސް ކުރުމަށް  ޔޫރަޕްގެ ބައެއް ގައުމުތަކުން އެގައުމުތަކުގެ ރައްޔިތުންނަށް ވިސްނައިދެމުންދާ ކަމަށް ރިޕޯޓުތަކުން ބުނެފި އެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް، ރޭޑިއޯ އިންޓަވިއުއެއްގައި ވިދާޅުވީ ކޮވިޑަކީ ދުނިޔެ ދެމިއޮތްހާ ދުވަހަކު އޮންނާނެ ބަލިމަޑުކަމެއް ކަމަށާއި މި ބައްޔަށް މާބޮޑު ފަރުވާ އެއް ނެތް ކަމަށެވެ. އެހެންކަމުން އެޗްއައިވީ މެލޭރިޔާ ފަދަ ބަލިތައް ފަދައިން ކޮވިޑަކީ ވެސް އޮންނަ ބައްޔެއްކަން ބެލުމަށް ގޮވާލެއްވިއެވެ. އަދި މިއީ އެފަދަ ބައްޔަކަށް ހެދުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ވެސް އޭނާ ގޮވާލެއްވި އެވެ.

“އަހަރެންނަށް ހީވަނީ މި ބައްޔަކީ ބޮޑު ބަލިމަޑުކަމަކުން މިހާރު ނަގަންވެފައި އޮތް ބައްޔެއްހެން. އެހެން ބައެއް ބަލިތައް ފަދައިން މިއީ ވެސް ދެން އޮންނާނެ ބައްޔެއް ކަމަށް ބަލަންވީހެން.  އަދި މިއީ ޓެކްނިކަލް ލެވެލެއްގައި ސިއްހީ މާހިރުންނާއެކު ޔޫރަޕިއަންގެ ލެވެލްގައި ބަހުސް ކުރަންވީ މައްސަލައެއް،” ސަންޗޭޒް ވިދާޅުވިއެވެ.

މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ވެސް ވަނީ ކޮވިޑް19 އާއެކު އުޅެން ދަސް ކުރުމަށް އެގައުމުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އެގައުމުގެ އެޑިއުކޭޝަނަލް ސެކްރެޓަރީ ބީބީސީ އަށް ވިދާޅުވީ އެގައުމުގައި ކޮވިޑް19 އުޅެނީ ބަލިމަޑުކަމުން އާދައިގެ ބައްޔަކަށް ބަދަލުވުމުގެ މަގުމަތީގައި ކަމަށެވެ.

ޔޫރަޕްގައި މި ބަލި އަންނަނީ އަނެއްކާވެސް ހަލުވިކޮށް ފެތުރެމުންނެވެ. އެގޮތުން ފްރާންސްގައި ދުވާލެއްގެ މައްޗަށް ތިން ލައްކައެއްހާ މީހުންނަށް އަންނަނީ ބަލި ޖެހެމުންނެވެ. ބުދަ ދުވަހު އެކަނިވެސް ޖަރުމަނުގައި 83،000 މީހުންނަށްވުރެ ގިނައިން ބަލި ޖެހުނެވެ.

ބައެއް ގައުމު ތަކުން ކޮވިޑް19 އަކީ އާދައިގެ ބައްޔެއް ކަމަށް ނިންމުމަށް މަޝްވަރާތައް ކުރަމުން ދިޔަ ނަމަވެސް، ޑަބްލިޔުއެޗްއޯ އިން ބުނަނީ މިއީ އާދައިގެ ބައްޔެއްކަން ނިންމަން މާ އަވަސް ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ޑޮކްޓަރު ހޭންސް ކްލޫގު ވިދާޅުވީ މުޅި ޔޫރަޕްގެ އާބާދީގެ 50 ޕަސެންޓު މީހުންނަށް ކުރިޔަށް އޮތް ހައެއްކަ ހަފްތާގެ ތެރޭގައި އޮމިކްރޮން ވޭރިއަންޓު ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ޔޫރަޕްގެ އިތުރުން އޭޝިއާގެ މެދުގައި ހިމެނޭ ގައުމުތަކުން އޮމިކްރޮން ވޭރިއަންޓުގެ ސަބަބުން ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓިދާނެ ކަމަށް ވެސް ޑރ. ކްލޫގު ވަނީ ވިދާޅުވެފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top