މުޅިރާއްޖެ އިން އިއްޔެ 184 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވިއިރު އޭގެތެރެއިން 141 މީހުންނަކީ އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. މިއީ މިދިޔަ މަހާ އަޅައި ބަލާއިރު ދެގުނަ ބޮޑު އަދަދެކެވެ.
ކޮވިޑް-19 ފެނިގެން މިއަދު އިތުރު ހަތް ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ އިރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްރަށުގެ އަދަދު 30 އަށް އަރާކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.
ބ އަތޮޅުގައި މޮނިޓަރިންގައިއޮތީ ގޮއިދުއާއި ހިތާދޫ އެވެ. އޭދަފުށީގައި މިވަގުތު ކޮވިޑް-19ގެ ޕޮޒިޓިވް ކޭސް އެއް ނެތް ނަމަވެސް އެކްޓިވް ދެ ކޭސް ފެނި އެތަންތަން ވަނީ މޮނިޓަރިން ގައި ކަމަށް ބ އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދިނެވެ.
މިއީ ނުރައްކަލުގެ ރަނގަބީލެކެވެ. އެހެންކަމުން ރަށުގެ ސަލާމަތާއި އަމިއްލަ ސިއްހަތާމެދު ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންކަމަށް އިތުރަށް ސަމާލުވުމަކީ ފަރުދީ ވާޖިބެއްކަމުގައި ދެކެން ޖެހެއެވެ. ބ އަތޮޅުގައި ގޮއިދުއާއި ހިތާދޫ އަދިވެސް އޮތީ މޮނިޓަރިންގަ އެވެ.
ރަށްރަށުގެ ހާލަތު ގޯސްވަމުން އަންނައިރު އެޗްޕީއޭ އިން އަޅުއްވާ ހަމައެކަނި ފިޔަވަޅަކީ އެ ރަށްރަށް މޮނިޓަރިންއަށް ގެނައުމާއި، ރޭގަނޑު 21:00 ގެ ފަހުން ކާފިއު ހިންގުމެވެ.
މާލޭގައި ކޮވިޑް އެންމެ ބޮޑަށް ފެތުރެމުން ދިޔަ ދުވަސްވަރު ކޮންމެ ރެއަކު އެޗްޕީއޭ އިން ނޫސްވެރިންގެ ބައްދަލުވުންތައް ވެސް ބޭއްވިއެވެ. އެހެން ނަމަވެސް ރަށްރަށުގެ ހާލަތު ގޯސްވަމުން ދާއިރު އެކަމާއި ގުޅިގެން ރައްޔިތުން ސަމާލުކަން ދޭންވީ ކަންކަން ހާމަކުރުމަށް އެންމެ ކުޑަމިނުން އެޗްޕީއޭ އިން ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ނުބާއްވައެވެ.
އަތޮޅުތެރެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަތާ މިހާރު ދެމަހެއްހާ ދުވަސް ވެއްޖެއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 89،713 އަށް އަރައިފައިވާއިރު އޭގެ ތެރެއިން 87،225 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މިހާރު ރާއްޖޭގެ ކޮވިޑްގެ އެކްޓިވް ކޭސްގެ އަދަދަކީ 2،228އެވެ.