ސިވިލް ސާވަންޓުން ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ ވަޒީފާ ގެއްލޭނެ

img_md_201906150420231560597623.9532.jpeg

ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހިންގި ތަމްރީނެއްގެ ތެރެއިން

ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުން ވެސް، މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ، އިތުރު އިންޒާރަކާއި ނުލައި ވަގުތުން ވަޒީފާއިން ވަކިކުރެވޭ ގޮތަށް ސިވިލް ސާވިސް ގަވައިދަށް އިސްލާހު ގެނެސްފިއެވެ.

މި އިސްލާހަށް އަމަލު ކުރަން ފަށާނީ ގަވައިދު ގެޒެޓް ކުރާތާ 60 ދުވަސްވާ ދުވަހުން ފެށިގެންނެވެ.

ވަޒީފާއިން ވަކިކުރެވޭނެ ފަދަ ކުށްތައް ކަނޑައަޅާ އެމާއްދާގެ (ހ) ގައި ބުނެފައިވަނީ މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމުން ވަޒީފާއިން ވަކި ކުރެވޭނެ ކަމަށެވެ. އަދި (ށ) ގައި މުވައްޒަފުގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމުން ވަޒީފާ ގެއްލޭނެ ކަމަށް ބުނެފައިވާއިރު، ނ ގައިވަނީ މުވައްޒަފުގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތަޢައްޞުބެއް ގެންގުޅޭނަމަ ވަޒީފާއިން ވަކި ކުރެވޭނެ ކަމަށެވެ.

މިފަދަ އަމަލެއް ކޮށްފި މުވައްޒަފަކަށް އެއްވެސް އެންގުމަކާއި ނުލައި ވަގުތުން ވަޒިފާއިން ވަކި ކުރެވޭނެ ކަމަށް މި ގަވައިދުގައި ބުނެއެވެ.

އެހެންނަމަވެސް ސިވިލް ސާވިސް ގަވާއިދަށް ގެނައި މި އިސްލާހު ގާނޫނު އަސާސީއާ ޚިލާފު ކަމަށް ގިނަ ގަނޫނީ ވަކީލުން ވަނީ ފާހަގަ ކުރައްވައިފައެވެ. ގާނޫނީ ވަކީލުން ފާހަގަ ކުރައްވާ ނުކުތާއަކީ ގާނޫނު އަސާސީގެ 30 ވަނަ މާއްދާއެވެ. އޭގައި ބުނަނީ، ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ކަމަށެވެ.

މި ގޮތަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައި ވަނިކޮށް، މި ގަވާއިދަށް ގެނައި އިސްލާހާ ގުޅޭ ގޮތުން ބައެއް ގާނޫނީ ވަކީލުން ވިދާޅުވީ، ގާނޫނު އަސާސީގައި ހިމެނޭ އަސާސީ ހައްގުތަކުގެ ބާބުގައި ހިމެނޭ އެއްވެސް އަސާސީ ހައްގެއް ހަނި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށާއި އެއްވެސް އިދާރާއެއްގެ ގަވާއިދެއް މެދުވެރިކޮށް އެ ކަން ކުރުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ.

ސިވިލް ސާވިސް ގަވައިދުގައި މިހެން ބުނެފައިވާއިރު ގަވައިދު އިސްލާހު ކުރުމުގެ ކުރިން ވެސް ސިޔާސީ އެކި ކަންކަމާއި ގުޅިގެން ސަރުކާރުގެ މުވައްޒަފުން މީގެ ކުރިންވެސް ވަޒީފާއިން ވަކި ކޮށްފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top