ހޯމް ސްޓޭ ޓޫރިޒަމަށް ”ރިހާކުރު އައިލެންޑް“ ތައްޔާރުވެއްޖެ

b_sgnJZ1ng3A1DpgnZsupN7Xdlx.jpg

މ ދިއްގަރު --- ފޮޓޯ: ހައުސިންގް މިނިސްޓްރީ

ހޯމްސްޓޭ ޓޫރިޒަމޭ ކިޔަނީ މީހުން ދިރިއުޅޭ ގޭގޭގައި ފަތުރުވެރިން އަގުދީގެން ހުންނަ ހުރުމަށެވެ. އެ ހުންނަ ހުރުމުގައި ގޭތެރޭގެ ވަސީލަތްތަކާއި ގޯތިތެރޭގެ ވަސީލަތްތައް ވެސް އެ ގެއެއްގެ ދިރިއުޅޭ މީހުންނާ އެކު ފަތުރުވެރިޔާއަށް ވެސް ހިއްސާކޮށް އުޅޭ އުޅުމެވެ.

ރާއްޖޭގައި ހޯމް ސްޓޭ ޓޫރިޒަމް މިހާރުވަނީ ތައާރަފް ކޮށްފައެވެ. އެންމެ ފުރަތަމަ މިޓޫރިޒަމް އިޝްތިހާރު ކުރާނެ ރަށަކަށް މ. ދިއްގަރު ކަނޑައަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކުރިން ވަނީ ވިދާޅުވެފަ އެވެ.

ހޯމްސްޓޭ ޓޫރިޒަމް ފަށާ ފުރަތަމަ ރަށަކަށް ދިއްގަރު ވެގެންދިއުމަކީ އެރަށަށް ލިބޭ ބޮޑު ފަހުރެއް ކަމަށް އެރަށު ކައުންސިލް ރައީސް އަހުމަދު ނިޝާން “ވަން” އަށް މިއަދު ވިދާޅުވި އެވެ. އަދި މިހާރު އެރަށުގެ ރައްޔިތުންނާއި ކައުންސިލުން އެކަމަށް ތައްޔާރުވުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޝާން ވިދާޅުވީ އަންނަ އަހަރު ޖެނުއަރީ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަމާޒަކީ އެންމެ ފުރަތަމަވެސް 30 ކޮޓަރިން ފެށުން ކަމަށެވެ. އަދި ރަށުގެ ރައްޔިތުންގެ އެއްބާރުލުން މިކަމަށް ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

“މިހާރުވެސް ބައެއް ގެތައް އެބަހުރި ހަމަ މިކަމަށް ދޫކުރަން ތައްޔާރަށް. މީހުން ނޫޅޭ ގެތައްވެސް އެބަހުރި. މީހުން މިހާރު ދިރިއުޅޭ ގެތަކުގެ ކޮޓަރިތައްވެސް ރީތިކޮށް ހަދަމުން އަންނަނީ. ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ. ވަރަށް ގިނަ ގޭގެއިން ހޯމް ސްޓޭއަށް ކޮޓަރިތައް ތައްޔާރުކުރަން ފަށާފައިވިޔަސް، ބިން ކުޑަވީމަ މި ރަށުގަ ގޭގެ ކުދި ޖާގަތަކުގައި ކޮޓަރިތައް ހަދާފައިވާތީ ގޮންޖެހުންތަކެއް އެބަހުރި. އެކަމަކު އެ ގޮންޖެހުންތަކަށްވެސް މިދަނީ ހައްލު ހޯދައިދެވޭތޯ މަސައްކަތް ކުރަމުން.” އޭނާ ވިދާޅުވި އެވެ.

ހޯމްސްޓޭ އާއެކު ދިއްގަރުގެ އެކި ސިނާއަތްތައް ކުރިއަރައި ތަރައްގީވާނެ ކަމަށާ ރަށުގެ ރެސްޓޯރަންޓު ވިޔަފާރި އާއި ފިހާރަތަކުގެ ވިޔަފާރި އާއި ޑައިވިން އާއި މިފަދަ އެތައް ކަމަކަށް ކުރިއެރުން ލިބި ޒުވާނުންނަށް ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ވަސީލަތްތައް ގާއިމު ކުރެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހޯމްސްޓޭ ތައާރަފް ކުރުމަށް ޓޫރިޒަމް މިނިސްޓަރު ވަނީ ބ އަތޮޅަށްވެސް ޒިޔާރަތް ކުރައްވާފައެވެ. ބ. އަތޮޅުގެ އިތުރުންވެސް ގިނަ އަތޮޅުތަކެއްގެ ރަށް ތަކަކަށް މިނިސްޓަރު ޒިޔާރަތް ކުރެއްވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top