ކޮންމެ މީހަކު ވެސް އެ މީހެއްގެ މަންމަ އާއި ބައްޕަގެ ނަމުގައި ގަހެއް އިންދުމަށް އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެދިވަޑައިގެންފި އެވެ.
ކްލީން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ހުޅުމާލެ ފޭސް ދޭއްގައި އިއްޔެ “ގޯ ގްރީން” ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެ ފަދަ ހޫނުގަދަ، ގަސް މަދު ގައުމެއްގައި ހިތްހަމަ ޖައްސާލުމަށް ހިޔާ ލިބޭނެ ގަހެއް ހުރުމަކީ އެންމެންނަށް ވެސް ލިބޭނެ ފައިދާއެއް ކަމަށެވެ.
“ގަސް އިންދުމަކީ ފަރުދީ ޒިންމާއެއް ގޮތުގައި ދެކި އެންމެން ގުޅިގެން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ކޮންމެ ބޭފުޅެއްގެ ވެސް މަންމަ އާއި ބައްޕަގެ ނަމުގައި ގަހެއް އިންދައި މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް އިލްތިމާސް ކުރަން.” މިނިސްޓަރު ވިދާޅުވި އެވެ.
މި ޕްރޮގްރާމް ފެއްޓުމުގެ ގޮތުން ފުރަތަމަ ގަސް އިންދަވައިދެއްވީ ވަޒީރު، ތޯރިގެވެ. މި ޕްރޮގްރާމުގައި 350 އަށް ވުރެ ގިނަ ބައިވެރިން ހަރަކާތްތެރިވެފައިވާއިރު މީގެ 50 އިންސަންތަ އަކީ ކުޑަކުދިންނެވެ.
”ގޯ ގްރީން“ ޕްރޮގްރާމަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒު އިފުތިތާހު ކޮށްދެއްވި”މުޅި ރާއްޖޭގައި 5 މިލިޔަން ގަސް އިންދުން“ ޝިއާރުގެ ދަށުން 1،000 ގަސް އިންދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅިގެން ކްލީން މޯލްޑިވްސް އިން ފެށި ޕްރޮގްރާމެކެވެ.