ލޯންޗު އެކްސިޑެންޓެއްގައި މީހަކު މަރުވުމުން ކައްޕި ދެ މަސްދުވަހު ރޯދަހިފަން ހުކުންކޮށްފި

110979_4_a4cc119a1b227298c0349f96ca105c8b2c722eb1_medium.jpg

ކްރިމިނަލް ކޯޓު

ރިސޯޓަކުން ފުރައިގެން ދަތުރުކުރަމުން ދިޔަ ލޯންޗެއްގެ ކައްޕިއަށް ނިދި ޖެހިގެން ހިނގައިދިޔަ އެކްސިޑެންޓެއްގައި، މީހަކު މަރުވުމާއި ގުޅިގެން އެ ލޯންޗުގެ ކެޕްޓަނު ދެ މަސް ދުވަހަށް ރޯދަ ހިފަން ހުކުމްކޮށްފިއެވެ.

މި ހާދިސާ ގައި ލޯންޗު ކައްޕިއަށް ނިދި ޖެހިގެން، ލޯންޗު ގޮސް މަޑުކޮށްފައި އޮތް ބާޖެއްގައި ޖެހި ހިނގި މި އެކްސިޑެންޓުގައި ވަނީ މީހަކު މަރުވެފައެވެ.

މި ހާދިސާ ހިނގީ އެ ލޯންޗު ކައްޕި، މުހައްމަދު އަރީފްގެ އިހުމާލުން ކަން ކްރިމިނަލް ކޯޓުގައި ހިނގި ޝަރީއަތުން އޭނާގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ ވަނީ ސާބިތުވެފަ އެވެ. ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒް ރަޝާދު ކުށުގެ އަދަބެއްގެ ގޮތުން އިއްވެވީ ތައުޒީރީ އަދަބެކެވެ.

އަރީފު ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއަށް އިންކާރުކޮށްފައެވެ. އެހެންނަމަވެސް އެކްސިޑެންޓު ހިނގި ކަމަކަށް އޭނާ އިންކާރުކޮށްފައެއް ނުވެއެވެ. އޭނާ ބުނި ގޮތުގައި އެކްސިޑެންޓު ހިނގީ ވަން އެންޑް އޮންލީ ރިސޯޓުން ފުރައިގެން މާލެ ދަތުރު ފެށިތާ 40 ވަރަކަށް މިނެޓު ހަމަވަނިކޮށެވެ.

އަރީފުގެ ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅައިފައެއް ނުވެއެވެ.

އޭނާއާއި ދެކޮޅަށް ހެކިބަސް ދިން މީހުން ބުނީ އެކްސިޑެންޓު ހިނގިއިރު އަރީފް ހުރީ ވަރަށް ވަރުބަލިވެފައި ކަމަށާއި އެހެން ކަމުން ލޯންޗު ދުއްވަން އިން އިރު އޭނާ އިނީ ނިދި ޖެހިފައި ކަމަށެވެ. މައްސަލައިގެ ތަހުގީގުގައި ހާދިސާ ހިނގިއިރު އަރީފް ނިދި އައިސްފައި އިން ކަމަށް ބުނި ކަން ފުލުހުން ވެސް ފާހަގަކޮށްފައިވެއެވެ.

ޝަރީއަތުން ވަނީ މި ކަންކަމަށް ބަލައި އޭނާގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފައެވެ.

މީގެ އިތުރުން މި ހާދިސާގައި މީހަކު މަރުވެފައިވާތީ، މަރުވި ދާއޫދުގެ ވާރިސުންނަށް މަރުގެ ދިޔަ ހައްގު ނަމަވެސް އޭނާގެ ވާރިސުން ވަނީ އަރީފަށް މާފު ދީ، މަރުގެ ދިޔަ ބޭނުން ނުވާ ކަމަށް ބުނެފައެވެ.

ދާއޫދުގެ ވާރިސުންގެ ތެރޭގައި ހިމެނޭ އޭނާގެ ދެ ދަރިންނަކީ ކުޑަކުދިން ކަމަށް ވުމުން އެ ކުދިންގެ ބަސް ނަގައިފައިނުވާއިރު، މަރުގެ ދިޔަ ލިބިގަތުމަށް ކޯޓުގައި ދައުވާކުރުމުގެ ހައްގު އެކުދިންނަށް އޮތް ކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އަރީފު ކުރި ކުށުގެ އުގޫބާތެއްގެ ގޮތުން ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް އޭނާގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top