ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގއަށްލާފައިވާ ރަށްރަށާއި، ގެސްޓް ހައުސް ނެތް ރަށްރަށް ނޫން ރަށްރަށަށް ދަތުރު ކުރުމުގެ ހުއްދަ ދީފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މިދިޔަ މަހު ކުރީކޮޅު މަނާކުރީ އަތޮޅުތެރޭގައި ކޮންޓްރޯލެއް ނެތި ކޮވިޑް ފެތުރެން ފެށުމުންނެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މިހާރު ދޭން ނިންމާފައިވާ ލުއިތަކާއެކު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ކައުންސިލްތަކާ ގުޅިގެން ކުރިއެކޭ ވެސް އެއްފަދައިން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.
އެހެން ނަމަވެސް މީގެ ކުރިންވެސް މޮނީޓަރިންގގައި އޮންނަ ރަށަކުން އަނެއް ރަށަށް ނުދެވޭ ގޮތަށް އޮންނަ އޮތުން އޮތީ ހަމަ އެގޮތަށެވެ. އަދި ގެސްޓް ހައުސް ހިންގާ ރަށަކަށް އަރާ ނަމަ، އެ އޮންނަ އުސޫލުގެ ތެރެއިން ހުއްދަ ހޯދަން ޖެހެއެވެ. އެހެންކަމުން މާލެ އިން ރަށްތަކަށް ދަތުރުކުރަން ބޭނުންވާ މީހުން އަދިވެސް ކަރަންޓީން ފުރިހަމަ ކުރަން ޖެހޭނެއެވެ. އަދި ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ދަތުރެއް ވެސް ނުކުރެވޭނެއެވެ.
ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު އަންނަނީ ވަރަށް ބޮޑަށް މަދުވަމުންނެވެ. ނަމަވެސް އަދިވެސް އޭޕްރީލް މަހު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ދަށަށް ދިޔަ މިންވަރަށް އަދިވެސް އަދަދުތައް ދަށަކަށް ނުދެއެވެ.
ރާއްޖޭގެ 57 ރަށެއް މިވަގުތު މޮނީޓަރިންގެ ހާލަތުގައި އެބައޮތެވެ.