ބ.ދަރަވަންދޫގައި މިރޭ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް އެބަގެންދެ އެވެ.
ފުލުހުން ބުނީ، އެ އޮޕަރޭޝަންގައި މިހާތަނަށް ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދިންނަމަވެސް އެއީ ދީނީގޮތުން ހަރުކަށި ފިކުރުގެ ވިސްނުމުގެ މީހެއްކަން އީވީއަށް އެނގިފައިވެ އެވެ.
އޭނާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ މާލޭގައި ބޮމެއް ގޮއްވައިލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއް ކަމަށް ބުނެ ދަރަވަންދޫގައި ވާހަކަ ދެކެވުން އައި ނަމަވެސް އެކަން އަދި ޔަގީން ކުރިވިފައެއް ނުވެއެވެ.
ދަރަވަންދޫން ހައްޔަރުކުރި މި މީހާ އަކީ އެ ރަށުގެ މީހަކާ އިނދެގެން އުޅޭ ލ. އަތޮޅުގެ މީހެކެވެ. އޭނާ ދިރިއުޅޭ ގޭގައި އެއްޗެއް ގޮއްވައިލި ކަމަށް ވެސް ރަށުތެރޭގައި ވާހަކަަ ދެކެވެ އެވެ.
މިއީ މިފަހަކަށް އައިސް ނިރުބަވެރިކަމާއި ދެކޮޅަށް ފުލުހުން ހިންގާ ތިން ވަނަ އޮޕަރޭޝަނެވެ. އެގޮތުން މީގެ ހަތަރު ދުވަސް ކުރިން އައްޑޫ ސިޓީގައި ނިރުބަވެރިކަމާއި ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށްފައި ވެއެވެ. އަދި ރޭ ހިންގި އެފަދަ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރު ކޮށްފައި ވެއެވެ.
މި އޮޕަރޭޝަންގައި ފުލުހުން ދަނީ ބައެއް ގެތައް ބަލައި ފާސްކުރަމުންނެވެ.