ކޮވިޑް-19ގެ ބަލިމަޑުކަން އިތުރަށް ގޯސްވާން ފެށުމާއެކު އެ ބަލިމަޑުކަމުން ސަލާމަތް ކޮށް ދެއްވުން އެދި ފަރުޟު ނަމާދުތަކުގައި ގުނޫތު ނާޒިލާ ކިޔަން އިސްލާމިކް މިނިސްޓްރީން މިސްކިތްތަކުގެ އިމާމުންނަށް އަންގައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު މިރޭ ވިދާޅުވީ ފަރުޟު ހުރިހާ ނަމާދެއްގެ ފަހު ރަކުއަތުގައި ގުނޫތު ނާޒިލާ ކިޔުމަށް ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގެ އިމާމުންނަށް އަންގާފައިވާ ކަމަށެވެ.
ގުނޫތު ނާޒިލާއަކީ ބޮޑު ކާރިސާއެއް ކުރިމަތިވުމުން ނަމާދުގެ ފަހު ރަކްއަތުގައި ކިޔާ ހާއްސަ ގުނޫތު (ދުއާ) އެކެވެ. ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި ބޮޑެތި ކާރިސާތައް ދިމާވުމުން ނަމާދުގެ ތެރޭގައި ގުނޫތު ނާޒިލާ ކިޔުއްވިއެވެ.
ރާއްޖެއަށް ކޮވިޑްގެ ބަލިމަޑުކަން ފުރަތަމަ ފެތުރި މިސްކިތްތައް ބަންދުކުރުމާއި ހަމައަށް ފަރުޟު ނަމާދުތަކުގައި ގުނޫތު ނާޒިލާ ކިޔަމުން އައެވެ. އަދި މިސްކިތްތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވި ފަހުން ވެސް ގުނޫތު ނާޒިލާ ކިޔަމުން އައެވެ. ނަމަވެސް ކޮވިޑްގެ ހާލަތު ރަނގަޅުވާން ފެށުމުން ފަރުޟު ނަމާދުތަކުގައި ގުނޫތު ނާޒިލާ ކިޔެވުން އޮތީ ހުއްޓާލާފައެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިމަހު މިހާތަނަށް އިއުލާން ނުކުރެވި އޮތް ކޮވިޑް ވޭދަނަ ތަކާއިއެކު މިއަދު ވަނީ 1204 މީހަކު ކޮވިޑަށް ފައްސި ވެފައެވެ. ފައްސިވި ކޭސްގެ އަދަދު ވަނީ 10،000 އަށްވުރެ މައްޗަށް އަރައިފައެވެ.