އިންޓަނެޓް ބޭންކިންގެ މައުލޫމާތު ތިންވަނަ ފަރާތަކާއި ހިއްސާ ނުކުރާތި!

0.jpg

ބޭންކް އޮފް މޯލްޑިވްސް.

އިންޓެނެޓް ބޭންކިންގެ މައުލޫމާތު ތިންވަނަ ފަރާތަކާ ހިއްސާ ނުކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސް ކޮށްފިއެވެ.

ބީއެމްއެލް އިން މިއަދު އާއްމު ކުރި ބަޔާނުގައި ބުނެފައިވަނީ ފައިސާ ދައްކާފައިވާކަން ޔަގީންކުރުމަށްޓަކައި ބައެއް ކަސްޓަމަރުން ތާޑް ޕާޓީ ވެބްސައިޓް ބޭނުންކުރަމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށާ އެގޮތުން www.kashavaru.com ހިމެނޭހެން ބައެއް ވެބްސައިޓްތަކުން ބޭންކުގެ އިންޓަނެޓް ބޭންކިންގ ޕްލެޓްފޯމް ބޭނުން ކުރުމަށް މަސައްކަތްކޮށް ތާޑް ޕާޓީ ޓްރާންސްފާ ކޮންފާމް ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ބޭންކުން ބުނީ މިފަދަ ވެބްސައިޓު ތަކުން ފުރަތަމަ ކަސްޓަމަރުންގެ ނަން، ފޯނު ނަންބަރު، އެކައުންޓް ނަންބަރު ފަދަ ޒާތީ މައުލޫމާތު ފޯރުކޮށްދޭން އެދެއެވެ. އެއަށްފަހު ކަސްޓަމަރަށް ކޮންފަމޭޝަން ކޯޑު ލިބުމުން އިންޓަނެޓް ބޭންކިންގ ޔޫސަ ނޭމް އަދި ޕާސްވޯޑް ޖެހުމަށް އެދެއެވެ.

“އަޅުގަނޑުމެން ކަސްޓަމަރުންނަށް ކިބައިން އެދެނީ އިންޓަރނެޓް ބޭންކިންގެ މައުލޫމާތު މިފަދަ ސައިޓްތަކާ އަދި އެެހެން އެއްވެސް ފަރާތްތަކާ ހިއްސާ ނުކުރުމެވެ. އަދި ޕޭމަންޓް ކޮންފަރމް ކުރުމަށް މިފަދަ ވެބްސައިޓްތައް ބޭނުން ނުކުރުމަށް ވެސް އެދެމެވެ. ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ އަދި މޯބައިލް އެޕް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ޔަގީންކުރެވޭނެއެވެ.”

ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ރައްކާތެރިކަންމަތީ ބެލެހެއްޓުމުގެ ޒިންމާ އަކީ ބޭންކުން މުހިންމު އަހުމިއްޔަތުކަންދޭ އެއްކަންތައް ކަމަށްވެފައި އެހެން ފަރާތަކުން ކަސްޓަމަރުންގެ މިފަދަ މައުލޫމާތު ބޭނުންކުރުމާއި، ވަގަށް ނެގުމާއި ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ބޭންކުން މުހިންމު ސަލާމަތީ ފިޔަވަޅުތަކެއްވެސް ވަނީ އަޅާފައި ކަމަށް ބޭންކުން ބުނެއެވެ. ނަމަވެސް، ކަސްޓަމަރުން އަމިއްލައަށް އެހެން ފަރާތަކާ މިފަދަ ޒާތީ ސިއްރު މައުލޫމާތު ހިއްސާ ކުރުމުން މި މައުލޫމާތު ރައްކާތެރިކުރުމަށް ބޭންކުން ކަނޑައަޅާފައިވާ ކޮންޓްރޯލް ތަކަށް ނޭދެވޭ އަސަރުކުރެއެވެ.

“އަޅުގަނޑުމެން ކަސްޓަމަރުންގެ ފަރާތުން ތަކުރާރުކޮށް އެދެނީ އެއްވެސް ފަރާތަކާ ޒާތީ މައުލޫމާތު ހިއްސާ ނުކުރުމެވެ. ބޭންކުން މިފަދަ ވެބްސައިޓްތައް މޮނީޓަރ ކުރުމަށްފަހު ކަސްޓަމަރުން ރައްކާތެރިކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅަމުންދާނެކަމުގެ ޔަގީންކަން އަރުވަމެވެ.” ބޭންކުގެ ބަޔާނުގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top