ފަޅުތެރެއަށާއި އަތިރިމައްޗަށް ކުނި އަޅަމުންދާ ފަރާތްތައް ހޯދައިސާފުކުރުވުމަށް މާފުށީ ކައުންސިލަށް އަންގައިފި

ކ.މާފުށީ ފަޅުތެރެއަށާއި އަތިރިމައްޗަށް ކުނި އަޅަމުންދާ ފަރާތްތައް ހޯދައި އެކަން ހުއްޓުމަށް އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި މިކަމާގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އެންގުމަށާއި މޫދަށާއި ފަޅަށް އަޅާފައިވާ ކުނި ސާފުކޮށް ކުނި އެޅުން ވަގުތުން ހުއްޓާލުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މާފުށީ ކައުންސިލަށް އަންގައިފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މާފުށީ ބައެއް ފަރާތްތަކުން ކުނި މެނޭޖް ކުރުމުގެ ގަވާއިދާ ހިލާފަށް ތަކުރާރުކޮށް އަމަލުކުރަމުންދާ މައްސަލަ ބަލައި އެކަން ހުއްޓުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އީޕީއޭ އިން އެ ރަށު ކައުންސިލަށް މިއަދު އަންގާފައިވާ ކަމަށެވެ.

އެގޮތުން ކުނި މެނޭޖުކުރުމުގެ ގަވާއިދާ އެއްގޮތަށް ރަށުގެ ވޭސްޓް މެނޭޖްމަންޓް ޕްލޭން ތައްޔާރުކޮށް އެ އެޖެންސީން ހުއްދަ ހޯދުމަށް ހުށަހެޅުމަށާއި ރަށުގައި އުފެދޭ ކުންޏާ މެދެ މިހާރު އަމަލުކުރަމުން އަންނަ ގޮތުގެ ތަފްސީލު މިއަދުން ފެށިގެން ތިން ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް އެންގުމަށް މާފުށީ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

މީގެ އިތުރުން ކުނި މެނޭޖްކުރާނެ ސެންޓަރެއް ރަށުގައި ގާއިމު ކުރެވެންދެން ރަށުގައި އުފައްދާ ކުނި އަޅާނެ ވަކި ސަރަހައްދެއް ކައުންސިލުން ކަނޑައަޅައި އެ އެޖެންސީން ހުއްދަ ހޯދުމަށާއި ރަށުގައި ބަހައްޓާފައިވާ އިންސަނެރޭޓަރުގެ ބޭނުން ހިފުމަށާއި ރަށުގެ ފަޅުތެރެއަށާއި އަތިރިމަތި ސަރަހައްދަށް ކުނި އަޅަމުންދާ ފަރާތްތައް ހޯދައި އެކަން ހުއްޓުމަށް އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި އެޅި ފިޔަވަޅެއް އެ އެޖެންސީއަށް އެންގުމަށްވެސް އީޕީއޭ އިން ވަނީ މާފުށީ ކައުންސިލަށް އަންގާފަ އެވެ. އަދި ފަޅުތެރެއަށާއި މޫދުގައި ފެންސް ޖަހައިގެން ކުނި އެޅުން ވަގުތުން ހުއްޓާލުމަށާއި އެ ސަރަހައްދަށް އަޅާފައިވާ ކުނިތައް ނަގައި ސާފުކުރުމަށްވެސް އެ އެޖެންސީން ވަނީ އަންގާފަ އެވެ

މި މައްސަލައާ ގުޅޭ ގޮތުން އެ އެޖެންސީ އިން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ވެސް ސިޓީ ފޮނުވައި އެ އެޖެންސީގެ ޓީމެއް މާފުށްޓަށް ދިޔުމަށް ނިންމާފައިވާ ކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top