ނައިފަރުގައި ކީމޯތެރަޕީގެ ޚިދުމަތް ދޭން ފަށައިފި

290460_3_45b281dffb50d336212d2f46173a373c75fedd3f_medium.jpg

ޅ.އަތޮޅު ހޮސްޕިޓަލް

އަތޮޅުތެރޭގައި އަލަށް ކީމޯތެރަޕީގެ ޚިދުމަތް ދޭންފެށި ފުރަތަމަ ހޮސްޕިޓަލްގެ ގޮތުގައި ޅ.އަތޮޅު ހޮސްޕިޓަލް ވެގެން ގޮސް އެކަން ތާރީޚުގައި ލިޔެވިއްޖެއެވެ.

ހަކީމީ ބޭސްވެރިކަމުގައިވެސް ”ބޮޑު” ރަށެއްގެ ގޮތުގައި ފަހާގަކުރެވުނު ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުން އެ ހިދުމަތް ފެށީ، ކެންސަރަށް ފަރުވާ ހޯދާ ބަލި މީހަކު އެދިގެންނެވެ. އުމުރުން 70 އަހަރުގެ އެ މީހާ އަކީ، ކޮންމެ ތިން ހަފުތާއަކުން ކީމޯ ފަރުވާ ހޯދަން ޖެހޭ މީހެކެވެ. އެކަމަކު ކޮވިިޑް-19ގެ ބަލިމަޑުކަމާ ހެދި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުގެ ދަށުން، ކޮންމެ ފަހަރަކު މާލެ ގޮސް އައިސް، ގޭގައި ކަރަންޓީނު ވުމަކީ ބަލި މީހާއަށް އިތުރު ވޭނަކަށް ވުމުން، އޭނާގެ އެދުމުގެ މަތިން ހޮސްޕިޓަލުގައި ހިދުމަތް ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

“އަޅުގަނޑަށް އެނގިފައިވާ ގޮތުން، މާލެއަށް ދާން އުނދަގޫވާތީ އެ ޕޭޝަންޓު ވަނީ އެހެން ބައެއް ރީޖަނަލް ހޮސްޕިޓަލްތަކަށް ގުޅައިގެން ވެސް އެ ހިދުމަތް ފަށައިދޭން އެދިފައި. އެކަމަކު އެ ހޮސްޕިޓަލްތަކުން އެކަމަށް ތައްޔާރެއް ނޫން،” ދުވަހު ނޫސް ”މިހާރު” އަށް ދިން ބަސްދީ ގަތުމެއްގައި ޅ. އަތޮޅު ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި އަބްދުﷲ ޖައުފަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެތަނުގައި ވެސް ކީމޯގެ ހިދުމަތް ފަށާނެ އާލާތްތަކާއި އިމާރާތެއް ނެތް ކަމަށާއި އެކަމަކު ބަލި މީހަކު ވަރަށް ހާލުގައި އުޅޭތަން ފެނުމުން، ހިދުމަތް ފަށަން ނިންމީ އެވެ.

ހުޅުމާލޭ ހޮސްޕިޓަލާއި ރައީސް އޮފީހުގެ އެހީތެރިކަމާއެކު، ޅ. އަތޮޅު ހޮސްޕިޓަލުން ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި އާލާތްތައް ހޯދައި، އޮންކޮލޮޖީގެ ހިދުމަތް ދިނުމަށް، 8 އެނދުގެ ވަކި ޔުނިޓެއް ވެސް ގާއިމުކޮށްފަ އެވެ. އެއީ ކީމޯތެރަޕީ އަކީ ވޭން ހުރި ފަރުވާއަކަށް ވުމުން، އެހެން މީހުންގެ އެއްވެސް އުނދަގުލެއް ނެތި އެތަނުގައި ތިބެވޭނެ ގޮތް ފަހިކޮށްދިނުމަށެވެ.

ޖައުފަރު ވިދާޅުވީ އެތަނުގެ އަމާޒަކީ ޅ. އަތޮޅުގެ އިތުރުން ނ. އަތޮޅާއި ރ. އަތޮޅު އަދި އަތޮޅުގެ މީހުން ވެސް ކީމޯ ތެރަޕީގެ ހިދުމަތަށް އެ ރަށަށް ދިޔުމެވެ. އެއީ މި ދަނޑިވަޅު މާލެ ދިޔުމަށް ވުރެ، ހުރިހާ ގޮތަކުން ވެސް އެ ގޮތް ފަސޭހަ ވާނެތީ އެވެ.

ރާއްޖޭގައި ކެންސަރުގެ ގިނަ ބަލި މީހުން ތިބޭއިރު، ބައްޔަށް ހާއްސަ ފަރުވާތައް ހަމައެކަނި މާލޭ ސަރަހައްދުން ލިބުމަކީ ގިނަ ބައެއްގެ ޝަކުވާއެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top