ސަރުކާރާ އިދިކޮޅުގަ ހުރީމަ ފުލުހަށް ގެނައީ. އެހެން ނޫންނަމަ ނުގެންދާނެ: ރައީސް ވަހީދު .

raees-waheed-1.jpg

މިދިޔަ ހުކުރު ދުވަހު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ބޭއްވި ސައިކަލު ބުރާއި ގުޅިގެން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ ސަރުކާރާއި އިދިކޮޅުގައި ހުރީމާ ކަމަށާ އެހެން ނޫންނަމަ ނުގެންދާނެ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރ. ވަހީދު މިހެން ވިދާޅުވީ މިއަދު ހަވީރު 4:00 އަށް ޕޮލިހަށް ހާޒިރުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ރައީސް ޑރ. ވަހީދު ވިދާޅުވީ، އެއްވުމުގައި އެމަނިކުފާނު ހުންނެވީ މާސްކު އަޅުއްވައިގެން ކަމަށާއި އެހެން ނަމަވެސް މާސްކު ތިރިކޮށްލީ ވާހަކަ ދައްކަން އުނދަގޫވާތީ ވާހަކަ ދައްކަން އެކަނި ކަމަށެވެ. އަދި އެކަމާއި ގުޅިގެން ފުލުހަށް ހާޒިރު ކުރިއިރު، އެމަނިކުފާނަކީ ރާއްޖެއިން އެންމެ ފުރަތަމަ މާސްކު އެޅި އެކަކު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ފުލުހަށް ހާޒިރު ކުރައްވާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު އެޗްޕީއޭގެ މިންގަނޑުތަކާއި ޚިލާފަށް މާސްކުވެސް ނާޅާ، އިދިކޮޅުން އިންތިޒާމު ކޮށްގެން މާލޭގައި ބޭއްވި ސައިކަލު ބުރެއް ބޭއްވި ކަމުގެ ތުހުމަތުގައެވެ.

ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ދުވަހަކުވެސް އެއްވެސް މުއައްސަސާއެއްގެ އަގުވައްޓާލާފައި ނުވާނެ ކަމަށާއި އެހެންނަމަވެސް މިހާރު މިފެންނަނީ، ރައީސް ސޯލިހު ރާއްޖޭގައި ކުރިން ވެރިކަން ކޮށްފައިތިބި ފަރާތްތައް ފުލުސް އޮފީހަށް ދަމާތަން ކަމަށެވެ.

“އަޅުގަނޑު އެކަނި ގެންދަންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. އަޅުގަނޑުގެ ކުރިން ރައީސްކަން ކުރެއްވި ބޭފުޅާވެސް މިދޭތެރެއަކުން ފެނިއްޖެ އެބޭފުޅާ ލިޔުއްވި ފޮތެއްގައި ސޮއި ކުރަން މާސްކު ނާޅުއްވާ މީހުންނާއި އެކީގައި އުޅުއްވިތަން. އަދި އޭގެ އިތުރުން ފުރާވަޑައިގަންނަވަންް އެއާޕޯޓުގައި ވެސް އެތައް ބައިވަރު މީހުންނެއް ގޮވައިގެން މާސްކު ނާޅާ އިންނެވިތަން އަޅުގަނޑު ދުށިން.” ކުރީގެ ރައީސް ޑރ. ވަހީދު ވިދާޅުވިއެވެ.

މީގެއިތުރުންް ރައީސް ވަހީދު ވިދާޅުވީ، ރާއްޖޭގެ ފުލުހުން މިހާރު އެބޭނުން ކުރައްވަނީ ސިޔާސީ ގޮތުން ކަމަށާއި އެކަން ހުއްޓުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

“ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަކީ މިއަށްވުރެ ފުދޭ މީހަކަށް ވާން ޖެހޭނެ. ހިތްވަރު ހުރި މީހަކަށް ވާން ޖެހޭނެ. އަޅުގަނޑުމެން ހަމަ އެއްފަހަރު އަނގައިން ބުނާއިރަށް ނުޖެހޭ ޕޮލިސް ސްޓޭޝަނަށް ދަމާކަށް. އަޅުގަނޑުވެސް ދެ އަހަރެއްހާ ދުވަހު މިގައުމު ދަމަހައްޓަން ހިފަހައްޓަން ވަރަށް ބުރަ މަސައްކަތްތަކެއް ކުރިން. އެހެންވީމަ މިހާ ދަށު ދަރަޖައަށް އަޅުގަނޑުމެން ވައްޓާލީމަ އަޅުގަނޑު ދަންނަވާނީ ރައީސުލް ޖުމްހޫރިއްޔާ ގެ ވެސް އެއްވެސް ގޮތެއް ފޮތެއް ނެތިއްޔޭ” ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ސަރުކާރަށް ފެނިގެން ދިޔައީ ކުޑަ ކުޑަ މަންޒަރެއް ކަމަށާ އެއަށްވުރެ ބޮޑު މަންޒަރެއް އަދި ދައްކާލާނަން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top