ދޮގު ހެދުން ނޫން ކަމެއް ނުދަންނަ މީހެއްގެ ބަސް ދިވެހިން ދެން ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވެ ގުރައިދޫ ދާއިރާގެ މެމްބަރު އަދި ރައީސް މައުމޫންގެ ހަގު ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ނަޝީދަށް އަމާޒުކޮށް ޣައްސާން ރައްދު ދެއްވާފައި މިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ކޮންމެ ވޯޓެއް ވެސް އެމަނިކުފާނު ވަނީ އޮޅުވާލައްވާފައި ކަމަށް ވިދާޅުވެ ނަޝީދު، ރައީސް މައުމޫނަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރެއްވުމާ ގުޅިގެންނެވެ.
ޣައްސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯޓަކުން ބަލިވާ ކޮންމެ ފަހަރަކު އަނެއްކޮޅުން އޮޅުވާލީ ކަމަށް އަދި އިސްތިއުފާ ދިނުމަށްފަހު ބަޣާވާތެއް ކަމަށް އަދި ވެރިކަމާއި މަޖިލީހާއި ހުރިހާ ބާރެއް ލިބި ނުހިންގުމުން އެކަން ކުރީ ސަރުކާރު ނޫނީ ކޯލިޝަނަށް ޖަހަމުންދާ ކަމަށެވެ.
“ދޮގު ހެދުން ނޫން ކަމެއް ނުދަންނަ މީހެއްގެ ބަސް ދިވެހިން ދެން ގަބޫލެއް ނުކުރާނެ” އޭނާ ވިދާޅުވިއެވެ.
Vote akun balivaa komme faharaku: anehkolhun olhuvaalee kamah. Isthiufaa dheefa: baghaavaatheh kamah. Verikan, majlis hurihaa baareh libi nuhinguneema kuree sarukaaru noonee coalition. Dhogu hedhun noon kameh nudhanna meehegge bas dhivehin dhen gabooleh nukuraane!
— Mohamed Ghassan Maumoon (@mgmaumoon) August 25, 2020
ނަޝީދުގެ މި ވާހަކަތަކަށް މައުމޫން ވެސް މިއަދު ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ 30 އަހަރުގެ ތެރޭގައި އައި ހުރިހާ އިންތިޚާބެއް އޮޅުވާލި އިރު 2008 ގެ އިންތިޚާބު އޮޅުވާނުލެވުނީ ކީއްވެގެންތޯ ސުވާލުކުރައްވާފައެވެ. އަދި ބުއްދި ޤަބޫލުކުރާ ޖަވާބެއް ދެއްވުމަށް ވެސް މައުމޫން ވަނީ ގޮވާލައްވާފައެވެ.
ނަޝީދާއި މައުމޫން ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވަން ފައްޓަވާފައިމިވަނީ، ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް މައުމޫން ވިދާޅުވި ހިސާބުންނެވެ. ނަޝީދަކީ ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނޫނު އަސާސީ އަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިއްޔެ ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ.