އެޑެން ހަޒާޑް

Eden-Hazard-Full-HD-Wallpaper-2013-04.jpg

މެސީ އާއި ރޮނާލްޑޯގެ ފަހަތުން ދުނިޔޭގެ މޮޅުކުޅުންތެރިންގެ ލިސްޓަށްގިނަބަޔަކު އިތުރުކުރާނެ ތިންވަނަ ކުޅުންތެރިޔާ އެޑެން ހަޒާޑަކީ މިވަގުތު ޔޫރަޕްގެ އެންމެ ވިދުންގަދަ ތަރިއެވެ. ޖުމްލަ ހަތަރު ކުދިން ހިމެނޭ ފުޓްބޯޅައިގެ އާއިލާއަކަށް އުފަން އުމުރުން 23 އަހަރުގެ ހަޒާޑް ފުޓްބޯޅައިގެ ތެރެއަށް ވަނުމުގެ ހަޤީގީ ސިއްރަކީ އޭނާގެ މަންމަ އާއި ބައްޕައެވެ. ހަޒާޑުގެ މަންމަ ބެލްޖިއަމްގެ އަންހެން ފުރަތަމަ ޑިވިޝަނަށް ކުޅުން ހުއްޓާލީ އޭރު އޭނާގެ ބަނޑަށް ތިންމަސް ވުމުންނެވެ. ދޮށީ ދަރިފުޅު ހަޒާޑާއި އެއްފެންވަރެއްގައި ފުޓްބޯޅަ ނުކުޅެވުނު ނަމަވެސް ބައްޕަ ތިއެރީ އަކީ ބެލްޖިއަމްގެ ދެވަނަ ޑިވިޝަނަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. މީގެ އިތުރުން ހަޒާޑުގެ މަންމަ އާއި ބައްޕަވެސް ވަނީ ބެލްޖިއަމްގެ ކުޅިވަރު ޓީޗަރުންގެ މަޤާމް ފުރާފައެވެ.

އިނގެރޭސިވިލާތުގެ ޗެލްސީގައި މިހާރު ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުން ގިނަ ބައެއްގެ ލޮލުގައި މިކުޅުންތެރިޔާ އަޅައިގަތް ނަމަވެސް އޭނާ އަކީ އެންމެ ކުޑައިރުންސުރެވެސް ކޯޗުންގެ ފޭވަރިޓެވެ. 2005 ވަނަ އަހަރު ޢުމުރުން 14 އަހަރުގައި ހަޒާޑުގެ ބައްޕަ އޭނާފްރެންޗް ލީގުގެ ޓީމެއްކަމަށްވާ ލީލްގެ އެކަޑަމީއަށް ގެންދިޔައީ ބެލްޖިއަމްގައި ޒުވާން ކުޅުންތެރިންނަށް އޮތް ފުރުޞަތުތައް މަދުވުމުންނެވެ. ހަޒާޑުގެ ހުނަރު ފެނުމުން އޭނާއަށް ވަނީ އުމުރުން 16 އަހަރުގައި ލީލްގެ ޓީމަށް ކުޅުމުގެ ފުރުޞަތު ލިބިފައެވެ. ފްރާންސްގައި އޭނާ ދެއްކި މޮޅު ކުޅުމާއިއެކު ދުނިޔޭގެ މަޝްހޫރު ޓީމްތަކުން އޭނާ ބޭނުންވިއެވެ. ހަޒާޑަށް ގިނަ ޓީމްތަކަކުން ފާރަލަމުން ދަނިކޮށް އޭނާ ކުޅޭނެ ޓީމެއް ދުނިޔޭގެ ގިނަ ބަޔަކަށް ޔަޤީންވެގެން ދިޔައީ މިކުޅުންތެރިޔާ ކުރި ޓުވީޓަކުންނެވެ. ހަޒާޑުގެ އޮފިޝަލް ޓްވިޓާ އެކައުންޓްގައި އޭނާ ޗެލްސީއަށް ކުޅެން ބޭނުންވާކަމަށް ބުނުމުން އެކަމަށް އެދިއެދި ތިބި ގިނަ ކޯޗުންނަށް ލިބިގެންދިޔައީ ނުތަނަވަސް ކަމެކެވެ.

ކޮށްޓުމާއި ނެއްޓުމުގެ އާދަޔާ ހިލާފު ހުނަރެއް ލިބިފައިވާ ހަޒާޑަކީ އޭނާގެ ހުނަރުން މެޗެއްގެ ނަތީޖާ ބަދަލުކޮށްލަން މާގިނަ ވަގުތު ބޭނުންވާނެ ކުޅުންތެރިއެއް ނޫންކަމަށް އޭނާއާއި އެކު ފުޓްބޯޅައިގެ ތަޖުރިބާ ކޮށްފައިވާ ގިނަބަޔަކު ބުނެއެވެ. އެކަން އޭނާ ދަނީ މިސީޒަންގައި ޗެލްސީގައި ސާބިތުކޮށްދެމުންނެވެ.

ކްލަބް ލެވެލްގެ ފުޓްބޯޅައިގެ އިތުރުން މިފަހަރުގެ ވޯލްޑްކަޕަށްދާ ބެލްޖިއަމް ޓީމްގެ އެންމެ ވަރުގަދަ ހަތިޔާރަކީވެސް ހަޒާޑެވެ. އެހެންކަމުން ޤައުމީ ޖޯޒީގައި ހަޒާޑުގެ ކުޅުން ބަލާލުމަށް ތިބި އޭނާގެ ސަޕޯޓަރުންނަށް ޖަވާބުދާރީވުމަށް އޭނާ މިހާރުވެސް ހުރީ ތައްޔާރަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top