ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހާ ދެކޮޅަށް އޭދަފުށީގައި ސައިކަލް ބުރެއް

0-02-03-4f4c3c567321203ab367e937f0a93c58e365fdc60afcda61a8a699719c82e83c_a13723ff.jpg

ވަޒީފާގެ ގާނޫނަށް ގެންނަ އިސްލާހާމެދު ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން އިއްޔެ އޭދަފުށީގައި ބޭއްވި ސައިިކަލް ބުރު.

ވަޒީފާއާއި ބެހޭ ގާނޫނަށް ސަރުކާރުން ގެންނަން ހުށައަޅާފައިވާ އިސްލާހާ ދެކޮޅު ހެދުމުގެ ގޮތުން ރިސޯޓުތަކުގައި މަސައްކަތް ކުރާ އޭދަފުށީގެ ޒުވާނުން އިއްްޔެ ހަވީރު ސައިކަލް ބުރެއް ބާއްވައިފިއެވެ.

މި ސައިކަލް ބުރުގައި ބައިވެރިވި ޒުވާނުން ވަނީ އެމީހުންގެ ޚިޔާލާއި ޝުއޫރުތައް ފާޅު ކޮށް، ލިޔެފައިވާ ބޯޑު ތަކާއެކު ރަށުގެ ބޮޑެތި މަގުތަކުގައި ސުލްހަވެރި މުޒާހަރާއެއް ބާއްވާފައެވެ.

ސައިކަލްބުރު އިންތިޒާމް ކުރި ފަރާތުން ބުނީ ވަޒީފާއަށް ގެންނަން ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ތަކުގެ ސަބަބުން ޚާއްސަކޮށް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އެތައް އާއިލާ އަކަށް އެކަމުގެ ނުރަނގަޅު އަސަރާއއެކު ބިކަ ވެގެން ދާނޭ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ.  “މިސާލަށް ޕްރޮބޭޝަންގެ މުއްދަތު ހަ މަސްދުވަހަށް އޮތް އިރު ރިސޯޓުތަކަށް އާއްމުކޮށް ވަޒީފާއަށް މީހުން މިނަގަނީ ލޯ ސީޒަންގަ މާޗް ނުވަތަ އެޕްރިލް މަސް ހާ ތަނުގައި. ދެން ސީޒަން ފެށި ސެޕްޓެމްބަރު ނުވަތަ އޮކްޓޫބަރ ހަމައަށް 6 މަސް ދުވަސްވަންދެން މި ލިބެނީ އަސާސީ މުސާރަ އެކަނި. މިއީ އަޅުގަނޑުމެންގެ ކަންބޮޑު ވުމަކީ. “އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ ޕްރޮބޭޝަން މުއްދަތު މިހާރުވެސް އޮތް ގޮތަށް ތިން މަސްދުވަސް އެންމެ ރަނގަޅު ކަމަށެވެ.

މި ނޫނަސް މިގާނޫނަށް ގެންނަން ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ވަޒީފާ އަދާ ކުރާ އެތައް ބައެއްގެ ހައްގަށް އުނިކަން ލިބޭ ކިތަންމެ ކަމެއް އެބަހުރިކަމަށް އޭނާ ބުންޏެވެ.

ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޕްރޮބޭޝަންގެ މުއްދަތު ހަމަހަށް އިތުރު ކުރަން ސަރުކާރުން ވަޒީފާއާއި ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ އިރު މީގެ ކުރިން މި ގާނޫނުގައި އޮންނަނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތަކަށް 3 މަސް ދުވަހެއެވެ. އެ ގާނޫނުގައި ބުނާގޮތުން ޕްރޮބޭޝަން މުއްދަތުކަމުގައި 3 މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތެއް ވަޒީފާ ދޭ ފަރާތުން އެއްބަސްވުމުގައި ކަނޑައެޅިދާނެއެވެ.

އެހެން ނަމަވެސް ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ވަނީ އެ މުއްދަތު 6 މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ހެދުމަށް ހުށަހަޅާފައެވެ.

މީގެ އިތުރުންވެސް ވަޒީފާގެ އެއްބަސްވުމުގައި ވަޒީފާގެ އެއްބަސްވުން ފެށޭ ތާރީހާއި، އުޖޫރަ ދެވޭ މިންގަނޑާއި އުޖޫރަ ހިސާބު ކުރެވޭނެ ގޮތާއި، އުޖޫރަ ދިނުމަށް ކަނޑައަޅާ މުއްދަތުތަކާއި ޗުއްޓީ ލިބޭނެ ގޮތާއި، މުވައްޒަފުންގެ އަހުލާގާއި ގުޅޭ ގޮތުން އެ މުވައްޒަފަކަށް ފިޔަވަޅު އެޅިދާނެ އުސޫލުތައް އުނިކުރުން މި އިސްލާހުގައި ވަނީ ހިމަނާފައެވެ.

ވަޒީފާގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާއި ބެހޭގޮތުން ބާރަށު ދާއިރާގެ ކުރީގެ މެންމަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ޕްރޮބޭޝަންގެ މުައްދަތު 6 މަހަށް ބަދަލު ކުރުމަކީ އަނިޔާއެއް ކަމަށެވެ. އަދި ޕީޕީއެމް ސަރުކާރެއްގައި މިހާރު އޮތް ގޮތަށް 3 މަހަށް ބަދަލު ކުރާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ސަރުކާރުން ވަޒީފާގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ޕްރޮބޭޝަން މުއްދަތު ހަމަހަށް އިތުރު ކުރަން ހުށަހަޅާފައިވާތީ ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top