އޭދަފުށީގައި ޕީސީއާރު ޓެސްޓް ހަދަން ތައްޔާރުވަނީ.

269680_3_2642f69245534475c2f63ed338463f40d0f938da_medium.jpg

އޭދަފުށީގައި ޕީސީއާރު ޓެސްޓް ހަދަން ތައްޔާރުވަމުން ދާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ނަޔާޒް އަހުމަދު ވިދާޅުވީ ޕީސީއާރު މެޝިން ބެހެއްޓުމަށް އޭދަފުށީގެ އިތުރުން އައްޑޫ އާއި ކުޅުދުއްފުށީގައި ބެހެއްޓުމަށް ތައްޔާރު ވަމުން ދާ ކަމަށެވެ.

އޭނާ ވިދާޅުވީ މިކަމަށް ބޭނުންވާ ޓެކްނީޝަނުންގެ ތެރއިން އައްޑޫއާއި ކުޅުދުއްފުށިން، ކޮންމެ ހޮސްޕިޓަލަކުން ދެ ލެބް ޓެކްނީޝަނުން ގެނެސް ޓްރޭނިންގ ދީފައި ކަމަށެވެ.

“އައްޑޫގެ ލެބް ޓެކްނީޝަނުން މިހާރު އައްޑޫއަށް ވަޑައިގެންފި. ކުޅުދުއްފުށީގައި ލެބް ޓެކްނީޝަނުން އިރާދަކުރެއްވިއްޔާ މާދަމާ ވަޑައިގެން، އެބޭފުޅުންގެ ކަރަންޓީނު މުއްދަތު ނިމިގެން ހިދުމަތް ދޭން ފަށާނެ،” އޭނާ ވިދާޅުވިއެވެ.

އޭދަފުށީގެ ލެބް ޓެކްނީޝަނުންގެ ވާހަކަ ވިދާޅެއް ނުވެއެވެ.

ނަޔާޒް ވިދާޅުވީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑަށް ހާއްސަކޮށްގެން ގާއިމްކުރާ ފެސިލިޓީތަކުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށާއި އެ ތަންތަނަށް ބޭނުންވާ އިކުއިޕްމެންޓް ވެސް މިހާރު ފޮނުވާފައިވާ ކަމަށެވެ. އެ ތަންތަނުގައި ފަރުވާދޭނެ އުސޫލުތައް ކަނޑައަޅައި، އިތުރު ތަމްރީނު ދޭން ޖެހޭ ޑޮކްޓަރުން ތަމްރީނު ޕްރޮގްރާމް އަންނަ ހަފްތާގައި ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވީ އޭދަފުއްޓަށް ބޭނުންވާ ލެބް ޓެކްނީޝަނުން އަދި ޓްރޭނިންގެ ކުރެވިފައިނުވާ ކަމަށެވެ. ޕީސީއާރު މެޝިން އަށް މިހާރުވަނީ އޯޑަރު ދީފައިކަމަށާ އެކަމަކު އަދި އަތޮޅު ހޮސްޕިޓަލާ ހަމައަށް ނާންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

“އެމެޝިނަށް ވަނީ އޯޑަރު ދީފަ. ކޮވިޑާ ގުޅިގެން ޓްރެވަލް ބޭންޑެއް އޮންނާތީ ދަތުރު ފަތުރު ކުރުމުގައި އުދަނގޫތަކެއް އުޅޭތީ ލަސްވަނީ.” އޭނާ ވިދާޅުވިއެވެ.

އެހެންވީމާ އޭދަފުށީގެ ފެސިިލިޓީގެ ޚިދުމަތް ދޭން ފަށާއިރު ޕީސީއާރުގެ ޚިދުމަތް ދެވޭނެ ހެން ހީނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ އޭދަފުށީގައި ގާއިމްކުރާ ފެސިލިޓީގެ މަސައްކަތް މުޅިން ނިމިއްޖެ ކަމަށާ މިހާރު ކުރިއަށް ދަނީ އެތަނަށް ބޭނުންވާ އިކުއިޕްމެންޓްސް ވެއްދުމުގެ މަސައްކަތް ކަމުގައެވެ.

މީގެ އިތުރުން އަތޮޅު ހޮސްޕިޓަލަށް އިތުރު ކުރާ އައިސީޔޫ ބައިގެ މަސައްކަތްވެސް ނިމި މިހާރު ކުރެވެމުން ދަނީ ތަން ސާފުކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭދަފުށީގައި ގާއިމްކުރެވޭ ފެސިލިޓީގައި37 އައިސޮލޭޝަން އެނދުގެ އިތުރުން އައިސީޔޫގައި  20 އެނދު ހުންނާނެ ކަމަށް ހެލްތު މިނިސްޓްރީން ކުރިން ވިދާޅުވެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top