މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުން މިހާރު މުވައްޒަފުންނަށް ރިސޯޓްތަކަށް ދެވޭނެ.

amirandes-beach-service.jpg

ކޮވިޑް އާއި ގުޅިގެން މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުންނާއި މޮނިޓަރިންގެ ހާލަތުން ނެގިފަހުން 14 ދުވަސް ހަމަވެފައިވާ ރަށްރަށުގައި ތިބި ރިސޯޓްތަކުގެ މުވައްޒަފުންނަށް ރިސޯޓްތަކަށް ދެވޭނެ ގޮތް ހަމަޖައްސައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މޮނިޓަރިން ހާލަތުގައި ނެތް ރަށްރަށުންނާއި، މޮނިޓަރިންގެ ހާލަތުން ނެގިފަހުން 14 ދުވަސް ހަމަވެފައިވާ ރަށްރަށުން ރިސޯޓުތަކަށް ވަޒީފާއަށް ދާންބޭނުންވާ މުވައްޒަފުންނަށް، އެރިސޯޓުތަކަށް ދިއުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ.

ހަމަ އެއާއެކު މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުންނާއި، މޮނިޓަރިންގެ ހާލަތުން ނެގިފަހުން 14 ދުވަސް ހަމަނުވާ ރަށްރަށުން ރިސޯޓުތަކަށް ވަޒީފާއަށް ދާންބޭނުންވާ މުވައްޒަފުންނަށް، އެރިސޯޓެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވުމަށްފަހު ވަޒީފާއަށް ނުކުތުން އެންމެ ރަނގަޅުކަމަށްވެސް އެޗްޕީއޭއިން ނިންމަވާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މިގޮތަށް ރަށްރަށުން ރިސޯޓުތަކަށްދާ މުވައްޒަފުންގެ މައުލޫމާތު އެޗްޕީއޭއަށް އެންގުމަށް އެ އޭޖެންސީން އަންގާފައިވާތީ، ރިސޯޓުތަކަށް ވަޒީފާއަށްދާން ބޭނުންވާ މުވައްޒަފުންގެ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީގެ ހޮޓްލައިން 7273131 އަށް ނުވަތަ އީމެއިލް [email protected] އަށް ފޮނުއްވުމަށް އެމިނިސްޓްރީންވަނީ އެދިފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް ރޯގާ ރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ ރިސޯޓުތަކުންނެވެ. މި ރޯގާ ރާއްޖޭގައި މިހާރު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވެމުން އަންނައިރު ސަރުކާރުން މިހާރު އަންނަނީ އިގުތިސާދީ މަސައްކަތްތައް ފެށުމަށް ތައްޔާރު ވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top