ދެން ތިބޭނީ ވަގުތީ ކައުންސިލަރުން. ބައެއް ބާރުތައް ވަގުތީ ކައުންސިލުތަކަށް ނުލިބޭނެ.

big_UedOlzXK9sFnq13Sui9ykhEKP.jpeg

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް--ފޮޓޯ : މަޖިލިސް އިދާރާ

އިންތިގާލީ ކައުންސިލުތަކުގެ ބޮޑެތި ބާރުުތަކެއް އަތުލާގޮތަށް މަޖިލީހަށް ހުށަހެޅި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ޚާއްސަ ބިލު 2020 އިސްލާހުތަކާ އެކު ރޭ ފާސްކުރުމާއެކު ދެން ތިބޭނީ ވަގުތީ ކައުންސިލަރުން ކަމަށާއި ލާމަރުކާޒީ ގާނޫނުގެ ދަށުން މިހާރު ކައުންސިލުތަކަށް ލިބިދޭ ބައެއް ބާރުތައް ވަގުތީ ކައުންސިލުތަކަށް ނުލިބޭނެ ކަމަށް ބިލުގައި ބުނެއެވެ.

ކައުންސިލް ތަކުގެ ދައުރު މި މަހުގެ 3 ވަނަ ދުވަހު ހަމަވާނެތީވެ ކައުންސިލްތައް ގާނޫނީ ހުސްކަމަކަށް ނުގޮސް، މިހާރު ތިބި ކައުންސިލަަރުންގެ ދައުރު ދަންމާލަން ގާނޫނުއަސާސީ އިސްލާހުކުރަން ވެސް މަޖިލީހުން ރޭ ވަނީ ފާސްކޮށްފައެވެ. އެެހެންކަމުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވާ، އާ ކައުންސިލަރުން އިންތިހާބުކުރެވެންދެން އެ ކައުންސިލަރުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދެމިތިބޭނެއެވެ.

ބިލު މަޖިލީހަށް ހުށަހެޅި އިރު ބިލުގައި ބުނެފައި ވަނީ ކައުންސިލްތައް ދެމިއޮންނަ މުއްދަތުގައި، ގާނޫނުއަސާސީގެ އަށް ވަނަ ބާބާއި ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދޭ އެންމެހައި ބާރުތައް އެއްވެސް އިސްތިސްނާއެއް ނެތި ކައުންސިލްތަަކަށް ލިބިގެންވާނެ ކަމަށެވެ.

އެހެންނަމަވެސް ބިލު ދިރާސާކުރުމަށް ފަހު މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން އެ ބިލަށް ގެނެސްފައިވާ ބޮޑެތި ބަދަލުތަކުގެ ތެރޭގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ނުވަތަ ކައުންސިލުގެ އިހުތިސާސް ހިމެނޭ ބިމެއް ނުވަތަ އިމާރާތެއް ނުވަތަ ރައުސުލްމާލެއް ވިއްކުމާއި ހަމަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ކުއްޔަށް ދިނުމާއި އެހެން ފަރާތަކަށް އަގެއް ނުލިބޭގޮތަށް ދިނުމާއި ނުވަތަ ހަވާލު ކުރެވޭނީ އެލްޖީއޭގެ ހުއްދަ ހޯދުމަށް ފަހު ކަމަށް ފާސްކުރި ބިލުގައި ބުނެފައިވެއެވެ. އަދި ކައުންސިލު ޒިންމާވާގޮތަށް ދަރަންޏަށް ފައިސާ ނެގުމާއި، ދަރަންޏަށް ފައިސާ ދިނުމާއި، އާންމު ހިދުމަތްތައް ދިނުމަށް އިންވެސްޓް ކުރުމާއި، ރައްޔިތުންގެ ނަމުގައި ހުރި ފައިސާއިން ހަރަދު ކުރުމާއި، ސަޕްލިމެންޓްރީ ބެޖެޓް ފާސް ކުރުމާއި ކައުންސިލުގެ އިދާރާގެ އޮނިގަނޑަށް ބަދަލު ގެނައުމާއި، ކައުންސިލަށް މުވައްޒަފުން ލުމާއި ވަކިކުރުމުގެ ކަންކަން ކުރަންވާނީވެސް އެލްޖީއޭގެ ހުއްދަ ހޯދުމަށް ފަހު ކަމަށް ބިލުގައި ބުނެފައިވެއެވެ.

ލާމަރުކަޒީ ކޮމެޓީން ބުނެފައިވާ ގޮތުގައި އެއްވެސް ސަބަބަކާހުރެ، ކައުންސިލެއްގެ ގާނޫނީ އަދަދު ހަމަވާވަރަށް އެ ކައުންސިލެއްގައި މެންބަރުން ނެތްނަމަ، އެ ކައުންސިލެއް މަސައްކަތްކުރާނެ އުސޫލު އެލްޖީއޭއިން އެކުލަވާލައި އެ ކައުންސިލަކަށް އަންގަންވާނެއެވެ. ނަމަވެސް ހުސްވާ މަގާމަށް އިތުރު މީހަކު އިންްތިހާބެއް ނުކުރެވޭނެއެވެ.

އިންތިގާލީ މުއްދަތުގައި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ކައުންސިލްތަކުން ދީ، އެ ގާނޫނުގެ ދަށުން ކައުންސިލްތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރޭތޯ ބެލުމަކީ އެލްޖީއޭގެ ޒިންމާއެކެވެ.

ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި، އެ ކައުންސިލްތަކަށް އަލަށް އިންތިހާބުކުރެވޭ މެންބަރުން އެމީހުންގެ މަގާމާ ހަވާލުވަންދެން މި ގާނޫނަށް އަމަލު ކުރަމުން ގެންދާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top