ކުޑަމުދިމުގެ ދުރު ހަނދާނުން ކުޑަ އީދު

DSCN9252.jpg

އޭދަފުށީ އެރޯމާ ، އަބްދުއްރަހީމް އަލީ

އީދަކީ އުފާ ފާޅުކުރުމެވެ. އީދަކީ އެކުވެރިކަމާއެކު އެކަކު އަނެކަކާ ބައްދަލުވެ އެގުޅުން ވަރުގަދަ ކުރުމަށް ލިބޭ އެންމެ ރަނގަޅު ފުރުސަތެވެ.

މުޅި އިސްލާމީ އުއްމަތުގައިވެސް ކަން ހިނގަމުން އަންނަނީ މިގޮތަށެވެ. ޒަމާން ބަދަލު ވިޔަސް މި މިކަމަކަށް ބަދަލެއް ނާދެއެވެ. ބަދަލު އައިސްފައިވަނީ އީދާ ގުޅިގެން ދިވެހިންގެ މެދުގައި އިހުއްސުރެ ގެންގުޅެމުން އައި ބައެއް އާދަ ތަކަށާއި ކުޅުނު ކުޅިވަރު ތަކަށެވެ. އެއިން ކޮންމެ ކުޅިވަރެއްވެސް ގިނަ ބަޔަކު ބައިވެރި ވެގެން ކުޅޭ ކަހަލަ ގޮތަކަށް ހަމަޖެހިފައި އޮންނަނީ އެންމެން އެއްބައެއްގެ ގޮތުގައި އެކަތިގަނޑެއްގެ ގޮތުގައި ރަށްރަށް ދެމިއޮތުމުގެ ބޭނުމުގައި ކަމަށް ބެލެވެ އެވެ.

އެކަމަކު މިހުރިހާ ކަމެއް އުވި ދިޔައީއެެވ. އެ ރީތި ސަގާފަތާއި އެއާދަތައް މިހާރު އޮތީ ހަމައެކަނި އަހާލަން ރީތި އިހުގެ ފަރިއްސަކަށް ވެފައެވެ.

މީގެ ބައި ގަރުނު ކުރިން އޭދަފުށީގައި ކުޑައީދު ނުވަތަ ފިތުރު އީދު ފާހަގަ ކުރާގޮތް ކިޔައިދެއްވީ އޭދަފުށީ އެރޯމާ، އަބްދުއްރަހީމް އަލީއެވެ. އެންމެން ދަންނަ ކުޑަ މުދިމެވެ.

ކުޑައީދު ވިލޭރޭއަކީ އަހަރުގެ އެންމެ ބޮޑު ރެއެވެ. އެރޭގެ އެންމެ މުހިއްމު ކަމަކަށް އޮންނާނީ ހަނދު ބެލުމެވެ. ރޯދަ މަހު 29 ދުވަހުގެ ރޭ ރޯދަ ވީއްލައި ނިމިގެން ރަށުގެ ފައި އިނދޭ ފުރައިން ފެށިގެން އަންހެން ފިރިހެން އެންމެން ބައި ހަދާފައި އަތިރިމައްޗަށް ނުކުމެ ހަނދު ބެލޭތޯ ބަލާނެއެވެ.

ފަޅުރަށް ރަށުގައި އެރަށް ބަލަހައްޓަން ހަވާލުވެ ހުންނަ މީހާވެސް މި ވާޖިބު އަދާ ކުރަނީ ނިކަން ޝައުގު ވެރިކަމާއެކުގައެވެ. އެއިން ރަށަކަށް ހަނދު ފެނިއްޖެނަމަ އެކަން އޭނާ އަންގާނީ ހިކިފަނުގައި އަލިފާން ރޯކޮށްގެންނެވެ.

ހަނދު ފެނިއްޖެ ނަމަ ހަނދު ފެނިއްޖެއޭ ގޮވަމުން ޒުވާނުންތައް ކޮޅުކޮޅަށް ދުވެ ނަގާއިރު އަނެއްބަޔަކު އުޅޭނީ އީދު ބަޑި ޖެހުމަށެވެ. އީދަށް ތައްޔާރު ކޮށްފައިވާ އަންބަލަމުގެ ކައިރީގައި ތިބެގެންނެވެ. މި ބަޑި ޖަހަން ބޭނުން ކުރަނީ އަލިފާން ދަނޑީގައި ހުންނަ ބަޑިބޭސްކޮޅު ނަގައިގެންނެވެ. އަޑުމަޑެއްނުވާނެއެވެ.

ދެން އޮންނާނީ އީދު ބޯކިބާ އެޅުމެވެ. އެކި ކުދިން ބައިހަދައިގެން ބޯކިބާ އަޅާގޮތް މުދިންބެ ކިޔައިދެއްވިއެެވެ.

“ގްރޫޕް ހަދައިގެން ބޯކިބާ އަޅާނީ. ކޮންމެ ކުއްޖަކަށްވެސް ލިބުނު އެއްޗެއް ގެންނަނީ. އެއްކުއްޖަކު ގެނެސްފާނެ ބައިލާހި ހަނޑު ނޫނީ ހަކުރު. އަނެއް ކުއްޖަކު ގެނެސްފާނެ މިރުސްކޮޅެއް. މިކަހަލަ ގޮތަކަށް ހުރިހާކުދިން ބައިވެރިވެގެން. މިތަކެތި ހަވާލުކުރާނީ ގްރޫޕްގެ ލީޑަރުގެ މަންމަ އަށް. ދެން މަންމަ އެކަމައިގެން އުޅޭނީ. އަހަރެމެން އީދު ނަމާދުން އައިސް ގްރޫޕް އެއްތަންވެގެން އެގެއަށް ދާއިރު ބޯކިބާ ހުންނާނީ ރެޑީގަ.”

އީދުވިލޭރޭ ވަރަށް ދަންވަންދެން ހޭލައި އުޅޭނެއެވެ. އެހެން ތިބުމުގައި މިއުޒިކް ކުޅުމާ ލަވަކިއުންވެސް އޮންނާނެއެވެ.

“އަހަރެމެން އުޅުނީ އެހެން. އީދުވިލޭރޭއާއި ވަޅުއީދު ވިލޭރޭ ވެސް ފޯރިއާއެކު މިއުޒިކާއި ލަވަ ކިއުން އޮންނާނެ. މިއުޒިކް ގްރޫޕެއް އޮންނާނެ. ޑާންސްވެސް ކުރާނެ. އަހަންނަކީވެސް ލަވަކިޔައި އަންހެން ކުދިންނާއެކު ނަށައި އުޅުނު މީހެއް. ދެން ގްރޫޕްގައި ނަގާ ކިޔަން އުޅެނީ ސޮމަދާއި އަހުމަދު ޚަލީލުއާއި ހާމިދުމެން.” މުދިންބެ ހެމުން ހެމުން ބުނެލި އެވެ.

އީދު ދުވަހު އީދު ނަމާދުން އައިސް އީދުވިލޭރޭ އެޅި ބޯކިބާ ކައިގެން ދެން އޮންނާނީ ކުކުޅު ކަތިލުމެވެ. “ކުކުޅު ކަތިލުމަކީ އާދައިގެ ކަމެއް ނޫން. ރަށުގައި ތިބި އެންމެ ތަންދޮރު ދަންނަ މަދު ބަޔަކު އެކަމުގައި އުޅޭނީ. ކުޅުޅު ކަތިލާ ވަކި ތަނެއް އަތިރިމަތީގައި ހުންނާނެ. އެސަރަހައްދަށް އީދު ދުވަހުގެ އެގަޑީގައި ހިނގައްޖެނަމަ އެއް އަޑަކަށް އިވޭނީ ކުކުޅުތައް ހަޅޭއްލަވާ އަޑު.” އުމުރުން 70 އަހަރުގެ މުދިންބޭ ބުންޏެވެ.

އެހިސާބުން އީދު ކުޅިވަރު ފެށުނީއެވެ.

“ކުޅިވަރު ވަރަށް ގަދަވާނެ އޭރު. ފިލާފޮތި ބޯޅަ ކުޅޭނެ. ވަށް ރޮނގާއި ތިން މުގޯލި ކުޅޭނެ. ކައްލި ކުޅޭނެ. ކުޑައީދުގައިވެސް މި ކުޅިވަރު ތައް ހަމަ ގަދައަށް އޮންނާނެ.” ކުޅިވަރުގައި އުޅެނިކޮށް މުދިންބެއަށް ދިމާވި ހިތާމަވެރި ހާދިސާއެއްވެސް ކިޔައިދިނެވެ.

“ވީގޮތަކީ އީދެއްގައި ފޯލި ކުޅެނިކޮށް ކުއްޖަކު އެއްލި ފޯއްޔެއް އައިސް ޖެހުނީ ހަމަސީދާ ލޮލުގެ ކުޑަ ކޮޅުގައި. ވަރަށް ބައިވަރު ލޭވެސް އައި.”

ނަސީބަކުން ދިވެހި ބޭސްކޮށްގެން ލޮލުގެ ފެނުމަށް ގެއްލުމެއް ނުލިބި ސަލާމަތްވިއެެވެ.

މެންދުރު ނަމާދުން ނިމިގެން އޮންނާނީ އީދު ސޮލަވާތް ކިޔެވުމެވެ. ހުރިހާ ގެއެއްގައިވެސް ކުކުޅު ކަތިލާފައި އީދު ސޮލަވާތް ކިޔަވާނެއެވެ. ސޮލާވާތް ކިޔަވައި ނިމިގެން އެމީހުން ކެއުމުގެ ކުރިން އީދު ސަލަވާތަށް ކެއްކި އެއްވެސް އެއްޗެއް ކެއުމަކީ މަނާކަމެކެވެ.

މުދިންބެއަކީ އިސްވެ ސޮލަވާތް ކިޔަވާ އެކެކެވެ. އެހެންވީމާ އީދު ދުވަހު މުދިންބެގެ ޑިމާންޑް ވަރަށް ބޮޑެވެ.

“މެންދުރު ނަމާދުން ނިމި މިސްކިތުން ފައިބާ ތަނުން މީހުން ގަނޑު އަތުގައި ހިފައިގެން ދަމާނީ. ވާ ގޮތަކީ ހުރިހާ ގެއަކުންވެސް ނުކެވޭނެތާ! ކޮންމެ ގެއެއްގައިވެސް އޮންނާނެ ކުކުޅެއް. އޭގަ އެބަ އަތްލަން ޖެހޭ. އެހެންވީމާ ވަކި ހިސާބަކުން ބަނޑަށް އޮބި ނޯވެގެން ފިލަނީ.”

މުދިންބެމެންގެ ޅައިރުގެ އެ އުފާވެރި ހަނދާންތައް މާޒީވެ ހިނގައްޖެއެެވެ. މިހާރު އީދުގައި ކުކުޅު ކަތިލުމެއް ނެތެވެ. އީދު ކުޅިވަރު ކުޅުމެއްވެސް އެގޮތަށް އެފޯރިއަކު ނޯވެއެވެ. އީދު ބޯކިބާވެސް އެޅުން ހުއްޓުނީއެވެ. ޒަމާނަށް އައި ބަދަލެވެ. އެއީ ކޮންމެ ސަބަބަކާ ލައިގެން ކަމަށްވިޔަސް އެހަނދާންތަކުން މުދިންބެއާއި އޭނާއާއި އެއް އުމުރުގެ އިސްރަށްވެހިން ނުވަތަ އެދުވަސް ދުށްމީހުންގެ ހިތުގައި ރިހުމެއް އުފެދޭނެއެވެ. އެރީތި ސަގާފަތާ އާދަތަކާއެކު އެކުވެރިކަމާ އެއް ޖަމާއަތެއްގެ ގޮތުގައި މުޅިރަށް އެކައްޗެކޭ ކިޔައިގެން އުޅުނު “އެދުވަސް”ހަނދާންވެފައި މުދިންބެއަށްވެސް ސުވާލެއްގެ ގޮތުގައި ކިޔާލެވުނީ މަޝްހޫރު ޖޭމު ދޮންކަމަނަ ކިޔާ ލަވައެއްގެ މައިގަނޑެވެ. “ވޭނަކަށް ނުވެދާނީ މާޒީ ހަނދުމަވީމާ ކާކުހޭ؟ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top