ޖަމާއަތް ހަދައިގެން މިސްކިތުގައި ނަމާދު ކުރުމަށް ބ.އަތޮޅުން ހުއްދަ ނުލިބޭ ރަށަކީ ކެންދޫ.

14322677_1344416892249975_966449601420889806_n-800x443-800x443.jpg

މިއަދު ހުކުރު ނަމާދުން ފެށިގެން އަތޮޅުތެރޭގެ 25ރަށް ފިޔަވައި އެހެން ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ހުޅުވާލާފައިވާއިރު, ބ.އަތޮޅުން މި ފުރުސަތު ނުލިބިފައިވަނީ ހަމައެކަނި ކެންދޫއަށް ކަމަށް އިސްލާމިކް މިނިސްޓްރީން އާއްމު ކުރި ލިސްޓުން ހާމަވެއްޖެ އެވެ.

ޖަމާއަތުގައި ނަމާދު ނުކުރެވޭ 25 ރަށް ހިމެނޭ ލިސްޓު، ރޭގެ ދަންވަރުގެ ވަގުތެއްގައި ކައުންސިލްތަކަށް ފޮނުވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަ ކުރެއެވެ.

މިކަމާބެހޭ ގޮތުން އިސްލާމިކް މިނިސްޓަރ ސޮއިކުރައްވާ ނެރެފައިވާ ސާކިއުލާ އެއްގައި ބުނެފައިވަނީ މިއަދުގެ ހުކުރު ނަމާދުން ފެށިގެން މިވަގުތު ރާއްޖޭގައި ފުރަބަންދު ހާލަތުގައި ހުރި ރަށްރަށާއި، މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށާއި، އެރަށެއްގައި މީހަކު ކަރަންޓީނުކޮށްފައިވާ ރަށްތައް ފިޔަވާ އެހެން ރަށްރަށުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރެވޭގޮތަށް ހުޅުވާލުން އެންމެ ރަނގަޅު ކަމަށް އިއްޔެ އިލްމުވެރިންނާއި، ސިއްހީ އިދާރާތަކާއެކު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

“ވީމާ ހެލްތް ޕްރޮޓެކެޝަން އެޖެންސީން ފުރަބަންދު ހާލަތަށް ގެނެސްފައިވާ ރަށްރަށާއި މޮނިޓަރިންގ ހާލަތުގައި ހުރި ރަށްރަށާއި، އެރަށެއްގައި މީހަކު ކަރަންޓީނުކޮށްފައިވާ ރައްތައް ފިޔަވައި އެހެން ރަށްރަށުގައި ރައްކާތެރި ފިޔަވަޅު އަޅައި ޖަމާއަތުގައި ނަމާދުކުރުން އެންމެ ރަނގަޅުކަމުގައި ދެންނެވީމެވެ.” އިސްލާމިކް މިނިސްޓްރީ ފޮނުވި ސަކިއުލަރގައިވެއެވެ.

ސަމާލުކަން ދޭންވީ ކަންކަން

މިސްކިތުގައި ނަމާދުކުރުމުގެ ހުއްދަ ދިން ނަމަވެސް ސަމާލުކަން ދޭން ޖެހޭ ބައެއް ކަންކަން މިނިސްޓްރީން ވަނީ ފާހަގަ ކޮށްފަ އެވެ.

– ގެއިން ވުޟޫކޮށްގެން ދިޔުން، އަދި އަމިއްލަ މުސައްލައެއް ގެންދިޔުން

– މާސްކް އެޅުމާއި ރޯގާ ޖެހި ކިނބިހި އަޅާނަމަ މިސްކިތަށް ނުދިޔުން

– ނަމާދު ނިމުމަށް ފަހު މިސްކިތުގައި ގިނަ އިރު މަޑުނުކުރުން، ދުވަސްވީ މީހުން މިސްކިތަށް ނުދިޔުން

– ޖަމާއަތުގައި ސަފުހެދުމުގައި ގައިދުރުކަން ނުބެހެއްޓުން.

– މިސްކިތުގައި ކާޕެޓް އަޅާފައި ނެތުން، ނަމާދު ވަގުތުގެ ކުރިން މޮޕުލައިގެން މިސްކިތް ދޮވުން

– މިސްކިތުގައި ސައިބޯނި ލައިގެން އަތްދޮވެވޭނެ އިންތިޒާމް ހުރުން، އަދި ކޮންމެހެން ބޭނުން ޖެހިގެން ނޫނީ އޭސީ ބޭނުން ނުކުރުން

އިސްލާމިކް މިނިސްޓްރީން ބުނީ މިހާރު ހުއްދަ ދީފައިވާ ރަށްރަށުގައި ވެސް ކޮވިޑް-19އަށް ޝައްކުވާ ބަލި މީހަކު ހުރެގެން ލޮކްޑައުންކޮށް ނުވަތަ މޮނިޓަރިންގެ ހާލަތަށް ގެނެސްފި ނަމަ އެ ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން ޖެހޭނެ ކަމަށެވެ. އަދި ހާލަތު ރަނގަޅުވަމުންދާ ވަރަކަށް، ހުރިހާ ރަށްތަކަށް ވެސް ލުއި ތަކެއް ދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކޮވިޑް-19 އާއި ގުޅިގެން އެންމެ ފުރަތަމަ ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލީ މާލެ ސަރަހައްދާއި ރިޒޯޓު ތަކުގައެވެ. މާލެ ސަރަހައްދާއި ރިސޯޓުތަކުގައި ފަރުޟު ނަމާދުތައް ޖަމާއަތުގައި ކުރުން އެންމެ ފުރަތަމަ ހުއްޓާލީ، މާޗު 15 ވަނަ ދުވަހު މެންދުރު ނަމާދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހު އަސްރު ނަމާދާ ހަމައަށެވެ. އޭގެ ފަހުން މި ހިނގާ އެޕްރިލް މަހުގެ 30 ގެ ނިޔަލަށް އެމުއްދަތު އިތުރު ކުރި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top