”ހުސްވަގުތު”ގެ ނަމޫނާ ޒުވާނާ

viber_image_2020-04-27_17-00-11.jpg

އަބްދުލްޖަލީލު، އޭނާގެ ހުސްވަގުތު ޑިންގީގައި މަސްވެރިކަމަށްނުކުމެ ބޭނި މަހެއް ދައްކާލަނީ. ހުސަވަގުތުގައި ޖަލީލްގެ މަސައްކަތަކީ ފަރުމަސްވެރިކަން / ފޮޓޯ: ޖަލީލް

ތައްޔާރު ކުރީ: ގައްޔޫމް، ނަސީރު

ސަރުކާރުގެ ވަޒީފާގައި އުޅޭ މީހުން ރަސްމީ ގަޑި ނިންމާލާފައި ގޭގައި ތިބުމަކީ ބައެއް މީހުން ދެކޭ ގޮތުގައި ކަންނެތް ކަމެވެ. އަނެއް ބަޔަކު ދެކެނީ އެއީ އަށް ގަޑިއިރުގެ މަސައްކަތަށް ފަހު އާއިލާއާ އެކު ހޭދަކުރަން ޖެހޭ ވަގުތުތަކެއްގެ ގޮތުގައެވެ މިކަމަށް އެއްބަސްވާ މީހުންނާ އެއްބަސް ނުވާ މީހުންގެ ބަހުސަކަށްދިއުމަކީ މައުލޫއެއް ނޫނެވެ. އެނގޭ އެއްޗަކީ ކޮންމެ ކަމެއް ފައިސާއާ ގުޅިފައިވާ މި ޒަމާނުގައި ކިތަންމެ ގިނައިން ލިބުނަސް ފުދޭވަރު ނުވާ ކަމެވެ. އެހެންވީމާ އިތުރު ގަޑިގައި މަސައްކަތް ކުރަން ޖެހެއެވެ. އެއީވެސް އާއިލާއަށް ޓަކައެވެ. ފުދުންތެރި ތާހިރު ދިރިއުޅުމަކަށް މަގުފަހި ކުރުމަށެވެ.

ހުސްވަގުތު މަސައްކަތް ކޮށްގެން އެމީހުންގެ ރަސްމީ ވަޒީފާއިން ލިބޭ އާމްދަނީ އަށްވުރެ ބޮޑު އެއްޗެއް ލިބޭ މީހުން މި ބ.އަތޮޅުގައި މަދެއް ނޫނެވެ. ނަމޫނާ ޒުވާނެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ އެކަކީ ބ.މާޅޮހު ސްކޫލްގެ ޓީޗަރެއްގެ ވަޒީފާގައި އުޅެމުން އަންނަތާ 15 އަހަރުވެފައިވާ އަބްދުލް ޖަލީލު ސޯލިހެވެ. އޭނާ ހުސްވަގުތު ހޭދަކުރަނީ ”ހުސްވަގުތު” ގައި ކަނޑުމަތީގައެވެ. ކޮންމެ ދުވަހަކުވެސް ސްކޫލް ނިމިގެން އަސުރު ނަމާދަށްފަހު ޖަލީލުގެ އާދައަކީ ހުސްވަގުތު މަސައްކަތް ކޮށްގެން ލިބުނު ފައިސާއިން އުފައްދާފައިވާ “ހުސްވަގުތު” ކިޔާ ޑިންގީ ގައި މަހަށް ދިއުމެވެ.

އެޑިންގީއަށް ހުސްވަގުތު ކިޔަން ޖެހުނީވެސް އެއީ ހުސްވަގުތު މަސައްކަތްކޮށްގެން ލިބުނު ފައިސާގެ އުފެއްދުމަކަށްވާތީ ހުސްވަގުތު ބޭކާރު ކޮށްނުލުމަށް ޒުވާނުން ދޭ މެސެޖެއްގެ ގޮތުންނެވެ.

ހުސްވަގުތު ޑީންގީގައި ޖަލީލާއި، އޭނާގެ ބައްޕަ މަސްވެރިކަމުގައި / ފޮޓޯ: ޖަލީލް

މަސްވެރިކަމަކީ އެއްގޮތަކަށްވެސް ފަސޭހަކަމެއް ނޫނެވެ. ހާއްސަކޮށް ފަރުމަސްވެރިކަމެވެ. އެކަމަކު ކަމަކަށް މީހަކު ޝައުގުވެރިވެއްޖެނަމަ އެމީހަކަށް އެއީ ބުރައަކަށް ނުވެއެވެ. ޖަލީލުއަށްވީ މިހެންނެވެ. އޭނާ މަސްވެރިކަމުގައި ނޫޅޭ ދުވަސްވަރެއް ހަނދާނަކު ނެތެވެ.

“މަސްވެރިކަމަށް ޝައުގުވެރިކަން އުފެދިއްޖެ ހަނދާން ނުހުންނަ ހިސާބުން ފެށިގެން. މަންމަމެން ބައްޕަމެން ބުނެއުޅޭ ކުޑައިރުވެސް ބައްޕަ ފަހަތުން ގޮސް އަބަދު ގޮނޑުދޮށުގައޭ އުޅެނީ.” އޭނާ ބުނަނީ އެހަނދާން ނެތް ކަމަށެވެ.

މަސް ވެރިކަމުގައި އުޅުން ޖަލީލަށް މަޖާކަމަކަށް ވަނީ ހެއްޔެވެ؟

“މަޖަލަކަށް ވުރެ ބޮޑަށް ކުރާ ހިތްވާތީ. އޭރު ގުރުއާން ކިޔަވަން އޮންނަ ގަޑީގައި ނުކިޔަވާ ބޭބެ ގެންގުޅުނު ދޯންޏެއްގައި މަހަށް ވެސް ދަން. މަންމަމެން ހަޅޭއްލަވާ. އެކަމަކު ކުރާ ހިތްވާ ކަމެއްތާ ކުރާނީ!.” ޅައިރުން ފެށިގެން މަސްވެރިކަމަށް ހުރި ފޯރި ކިޔަދެމުން ޖަލީލު ބުންޏެވެ. ހަމައެއާއެކު އޭނާ ފަހުރުވެރިވެލާފައި ބުނެއެވެ.

“ދުވަހަކުވެސް ފޮތް ލިސްޓަށް ފޮތް ގަންނާކަށް މައިންބަފައިންނަކަށް ނުޖައްސަން. ފަރު މަހަށް ގޮސްގެން ހޯދާ ލާރިން ގަންނަނީ. ލިބޭ ހުރިހާ ލާރިއެއް މަންމައަށް ދެނީ.”

އެގޮތުން އުޅެގެންވެސް އޭނާ ކިޔެވިއެވެ. ސްކޫލުން ރަނގަޅު ނަތީޖާ ހޯދައެވެ. ރަށު ސްކޫލްގެ ޓީޗަރަކަށް ވެވޭނީވެސް ކިޔަވައިގެންތާއެވެ!

އެހެންވީމާ ޖަލީލު ހަނދާން ނުހުންނަހައި ތުއްތު އިރުން ފެށިގެން ޝައުގުވެރިކަން ދެވުނު މި މަސައްކަތް އޭނާއަށް ބުރަ ކަމަކަށް ނުވާނެއެވެ. އޭގެ ބަދަލުގައި މަސްވެރިކަމަށް އޮންނަނީ މާބޮޑު ލޯތްބެއް ޖެހިފައެވެ.  ހަވީރުގެ ހިތްފަސޭހަ ވަގުތާ ރޭގަނޑުގެ ފުރަތަމަ ދެ ދަންވެސް ކަނޑުމަތީގައި ހޭދަކުރެވެނީ އެލޯބީގައި މޮޔަވެގެންނެވެ. ވާރޭ ވެހެންޏާ ވާރޭގައި ރޭގަނޑުގެ ކަނު އަނދިރީގައި، މޫސުން ގޯސްވެ ވައިބާރުވެ ކަނޑުގައި “ހުދު ތާކިހާ” އެޅިޔަސް ޑިންގީއަށް ކެތްކުރެވެންޏާ އޭނާއަށް ވެސް ކެތް ކުރެވޭނެއެވެ.

ޖަލީލް ސްކޫލް ދަރިވަރަކަށް ސެޓްފިކެޓެއް ދެނީ. އޭނާގެ ރަސްމީ ވަޒީފާއަކީ މުދައްރިސްކަން / ފޮޓޯ: ޓީޗަރަކަށް ވުމަށްފަހު މަސްވެރިކަމުގެ އެއްދުވަސް ހޭދަކުރާ ގޮތް އޭނާ ކިޔައިދިނެވެ.

“ސްކޫލްން ނިމެނީ 12.30ގަ. އަސުރު ނަމާދު ކޮށްގެން ފުރަންވީ. އެނބުރި ރަށަށް އާދެވޭނީ ރޭގަނޑު ބާރަ ނުވަތަ އެކެއް ޖަހާއިރު. މަސްކަނޑާ ހުރިހާ ކަމެއް ނިމޭއިރު ބައެއް ރޭރޭ ހުންނާނީ ދޭއްވެސް ޖަހާފަ. ފަތިސްވުމާ ދެމެދު ލިބޭ ކުޑަ ވަގުތުކޮޅުގައި ނިދާފައި ފަތިސްނަމާދަށް ބަރާބަރަށް ޖަމާއަތަށް ދާނެ. ”

އަނެއް ދުވަހު ހެނދުނު ސްކޫލަށެވެ. މިއީ ދުވަހުގެ ރޫޓިން އޮންނަ ގޮތެވެ.

ތަންކޮޅެއް ކުރިއަށް ޖެހިލާނަމަ ހުކުރު ދުވަހު ހުކުރުން ނިމިގެން ޑިންގީގައި ނައްޓާލާނީ އެންކޮށި ހިފައިގެންނެވެ. އެނބުރި އަންނާނީ ހޮނިހިރު ދުވަހު ހަވީރު މަސް ކިރައިގެންނެވެ. އޭނާގެ ބަހުންނަމަ 24ގަޑިއރު އޯޕަން އެއަރގައި ދޭހާ އަތްވެއްގައި ވެހޭހައި ވާރޭއެއްގައެވެ.

މަދު ޒުވާނެއްގެ ނޫނީ މި ހިތްވަރު ނުހުންނާނެ އެވެ. އެކަމަކު 35 އަހަރުގެ ޖަލީލުގެ ދިރިއުޅުން ހަމަޖެހިފައި އޮތީ އެގޮތަށެވެ.

ކުޑަވަގުތު ކޮޅެއްގައި ނިދާފައި އަނެއްދުވަހު ހެނދުނު ތެދުވެ ދެން މަސައްކަތުގައި އުޅޭއިރު ދުވަހު މަސައްކަތަށް އުދަގުލެއް ނުވޭހެއްޔެވެ؟

“ނިންޖަކީ ހުސްވާ އެއްޗެއް ނޫން. ކިތަންމެ ވަރަކަށް ނިދިޔަސް ހަމަ ތަނެއްގައި މައިތިރިވެލީ އެ ނިދިއައީ. އެންމެންނަށްވެސް ވާގޮތް އެއީ. އަހަންނަށްވެސް ވާގޮތަކީ އެއީ.”

އެކަމަކު ނިދާށޭ ކިޔާފައި ދުވާލު ތަނެއްގައި އޮށޯތުމަކީ އޭނާ ކުރާ ކަމެއް ނޫނެވެ.

ޖަލީލް މަސްވެރިކަމުގައި / ފޮޓޯ: ޖަލީލް

ޓީޗަރަކަށް ވުމުގެ ކުރިންވެސް ޖަލީލަކީ ފަޅު ކެޔޮޅެކެވެ. އެކަމުގައި އޭނާ ވަނީ ކުރިއަށް ފިޔަވަޅު ތަކެއްވެސް އަޅާފައެވެ. އެގޮތުން އެންމެ ފުރަތަމަ މީހުންގެ ޑިންގީގައި މަހަށް ދިޔަނަމަވެސް 2008 އިން ފެށިގެން މަސްވެރިކަން ކުރަމުން އައީ އަމިއްލަ ޑިންގީގައެވެ. ހުސްވަގުތު ކުރެވޭ މި މަސައްކަތުން ފުދޭ ވަރެއްގެ އާމްދަނީ އެއް ލިބޭތީ ޑިންގީގެ ސައިޒްވެސް 22 ފޫޓަށް ބަދަލުކޮށް ފަރުމަސްވެރިކަމަށް ނުކުތްތާ އަދި މިވީ ދެއަހަރެވެ.

ކޮންމެ ދުވަހަކުވެސް މަސްވެރިކަމަށް ނުކުމެ ދުވާލަކު އެވްރެޖްކޮށް 80 ނުވަތަ 70 ކިލޯގެ މަސް ބާނައެވެ. އެމަސްތައް ކިރުވަން ދަނީ މާޅޮހާ ޖެހިގެން ދެކުނުގައި އޮންނަ ސޮނެވާފުއްޓަށް އެއަށްވުރެ ކުޑަތަންކޮޅެއް ދުރުގައި އޮންނަ ދުސިތަށެވެ. ރަނގަޅު އާމްދަނީއެއް ލިބޭ ހެއްޔެވެ؟

“ބާނާ ހުރިހާ މަސް ކިރޭނަމަ ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ. އެކަމަކު ބޭނުންވާ ވަރަށް މަހެއް ނުކިރޭ. ބޭނޭ ވަރެއްގެ މައްޗަށް ބަލާއިރު ދުވާލަކު 2000 ރުފިޔާ ލިބޭ.”

ޖަލީލު ގަބޫލު ކުރާ ގޮތުގައި ކޮންމެ މީހަކުވެސް އެހެްނ މީހުންގެ އެހީއަށް އެދެން ނުޖެހި ފުދުން ތެރި މީހަކަށް ވުމަށް މަސައްކަތް ކުރަން ޖެހެއެވެ. ސަރުކާރު ވަޒީފާގައި އުޅުނަސް އަދި ވަޒީފާއެއްނެތި ދެއަތް އުރާލައިގެން އުޅޭ މީހުންނަށްވެސް ދޭން ބޭނުންވާ މެސެޖަކީ މިއެވެ. މުސާރައަކީ ލިމިޓް ވެފައިވާ އެއްޗަކަށް ބަލައިގެން ނުވާނެއެވެ. އަމިއްލަ މަސައްކަތުން އެއަދަދު މައްޗަށް ގެންދިއުމަކީ އަނބިދަރިންގެ ހައްގުގައި ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ.

ޖަލީލު ،އާއިލާއާއެކު ގޭގައި

ޒުވާނުން ބެހިގެންވާ ބައިތަކާ އެމީހުންގެ ކަންނެތް ދިރިއުޅުމަށްވެސް ޖަލީލު ބަލާލިއެެވެ.

“އަހަރެމެންގެ ތެރޭގައި އެބައުޅޭ އަނތްބަކު ދަރިއަކު ނެތް މީހުން. އެމީހުންނަށް ރަނގަޅުވާނެ ސިގިރޭޓް ބޯލާނެ ދެތިން ހާސް ރުފިޔާ ލިބެނިކޮށް. މަންމަ ކާންދޭނެ. ދެން އުޅޭނީ މީހުންނާ އިނދެގެން ދަރިއަކު ނެތް މީހުން. އެމީހުންނަށް ދެމަފިރިން ކާލާނެ ވަރަށް ލިބެނިކޮށް އެނިމުނީ. ދެން އުޅޭނީ މީހުންނާ އިނދެގެން ދަރިން ތިބި މީހުން. އެމީހުން ތަންކޮޅެއް ގިނައިން މަސައްކަތް ކުރަން ޖެހޭނެ.”

ޖަލީލު ބުނީ އިތުރަށް ދެން އުޅޭނީ މީހުންތަކަކާ އިނދެގެން ދަރިން ތަކަކާއެކު ދިރިއުޅޭ މީހުން ކަމަށެވެ. . އެމީހުންނަކީ އެންމެ ބޮޑަށް ހިތްވަރު ކުރަން ޖެހޭ މީހުންނެވެ.

ޖަލީލު ފެތެނީ އެކެޓެގަރީއަށެވެ. އޭނާއަކީ މީހުން ތަކަކާ އިނދެގެން އުޅޭ މީހެކެވެ. އެހެންވީމާ ހިތްވަރުވެސް ކުރަން ޖެހޭނެ އެވެ. ކިތަކެއްތޯ އަހާލުމުން ބުނީ “މި ވަގުތު ތިބީ 3 އަނބިންނާ 4 ކުދިން.” ކަމަށެވެ. މިވަގުތޭ އެބުނީ އަނބިންގެ އަދަދު ފަހުން އިތުރުވުން ނުވަތަ މަދު ކުރުމުގެ ނިޔަތް އޮވެގެން ކަމަށް ވެދާނެ އެވެ.

އެކަކަށްވުރެ ގިނަ އަނބިން ގެންގުޅުމަކީ ކުޑަކުޑަ ސަރުކާރެއް ހިންގުން ކަހަލަ ކަމެކޭ ބުނާތީ އަޑު އިވެއެވެ. ޖަލީލުގެ ތަޖްތިބާއަކީ ކޮބާ ހެއްޔެވެ.؟ 24 ގަޑިން 18 ގަޑިއިރު މަސައްކަތުގަ އުޅޭއިރު އެ އަނބިންނަށް ވަގުތު ހުސްކުރަނީ ކިހިނެއް ހެއްޔެވެ؟ ތިން އަނބިން ގެންގުޅެން އުދަނގުލެއް ނޫން ހެއްޔެވެ.

“އެއީ ހަމަ ފެން މެޓައެއް. އެހާވެސް ފަސޭހަ ކަމެއް. ” ހާޒިރު ޖަވާބު ދޭ މީހެއް ފަދައިން ރަނގަޅަށް އަހައި ނުނިމެނީސް ބުނެ ނިންމާލިއެވެ.

“ޑިންގީގެ ނަމަކަށްވެސް މި ކިޔަނީ ހުސްވަގުތު. ވީމާ އަނބިންނަށްވެސް ހުސްވަގުތު ދެވޭނީ ލިބޭ ވަރަކުންތާ. މިސާލަކަށް ރިސޯޓެއްގަ އުޅޭ މީހަކުނަމަ އަނބިމީހާ ގާތު މިއުޅެވެނީ މަހަކު ހަތަރު ދުވަހު. އެއީ އޮފްޑޭ. އެކަމަކު އަހަންނަށް އެބަލިބޭ ދެދުވަހުން އެއް ދުވަސް ނޫނީ ތިން ދުވަހުން އެއް ދުވަސް. އެހެންވީމާ ރަނގަޅެއް ނޫންތަ.؟ އޭނާ ސުވާލުކޮށްލިއެވެ. އެކަމަކު އެކަމަށް ވަކި ޖަވާބެއް ނުދެވި އުޅެނިކޮށް އަނެއްކާވެސް ބުންޏެވެ.

“އަސްލުވާ ގޮތަކީ އެމީހުންނަށް އަންހެނުން ގެންގުޅެން ނޭނގެނީ. އަނބިން މެނޭޖްމެންޓް ކުރުމުގެ ދާއިރާއިން މެނޭޖްމެންޓް ކޯސް ނުހަދަންޏާ ފަހަރުގާ އެހެން ދިމާވެދާނެ.” އޭނާ ލާނެތް ހިނިގަނޑެއް ޖަހާލިއެވެ.

އެހެން ނަމަވެސް ދެން އޭނާ ސީރިއަސް ވެލާފައި ބުންޏެވެ. “ތިމާގެ ބެލުމުގެ ދަށުގައިވާ މީހުންނަށް އިހުމާލު ވެގެން ނުވާނެ. އެއީ ކިތަންމެ މަދު ބައެއް ނަމަވެސް ކިތަންމެ ގިނަ ބައެއް ކަމަށް ވިޔަސް އެއެންމެންގެ ހައްގުތަކަށް ރައްކާތެރި ވާން ޖެހޭނެ. އޭގެ މާނައަކީ ދިރިއުޅުމުގެ ބޭނުންތައް ފުދިގެން އުޅެވޭ ބަޔަކަށް ވާން ޖެހޭނެ. މި ބޭނުންތަކާމެދު އިހުމާލު ވެވޭނަމަ ކޮންމެ އާއިލާ އެއްގައިވެސް އޮންނާނީ މައްސަލަ ތަކުން ފުރިފަ. އެކަމަކު އެފަދަ ފުރުސަތެއް ނުދީ އަނބިންނާއި ދަރިންގެ ބޭނުންތައް ފުއްދައިދޭ ނަމަ ދެން އޮންނާނީ ކޮން މައްސަލައެއް؟ނޫނީ އޮންނަން ޖެހޭނީ ކޮން މައްސަލައެއް؟” އޭނާ ސުވާލު އުފެއްދިއެވެ.(ނިމުނީ )

 

 

 

 

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު