ލޯކަލް ކައުންސިލް އިންތިހާބު، އަންނަ އަހަރަށް ފަސްކުރަނީ

20190406_224920.jpg

އޭދަފުށީގައި ބެހެއްޓި ވޯޓު ފޮއްޓެއް ގުނުމުގެ މަސައްކަތުގައި --އީވީ ފައިލް ފޮޓޯ

އަންނަ އެޕްރީލް މަހު ބާއްވަން ނިންމާފައިވާ ކައުންސިލް އިންތިޚާބު ކޮވިޑް-19ގެ ސަބަބުން ބޭއްވިދާނެކަމަށް ނުފެންނާތީ އަންނަ އަހަރުގެ ޖެނުއަރީ މަހަށް ފަސްކުރުމަށް ވަގުތީ ގާނޫނެއް، ނުވަތަ ސަންސެޓް ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

”ކައުންސިލް އިންތިޚާބުގެ ޚާއްޞަ ގާނޫނު” ގެ ނަމުގައި އެކުލަވާލާ މި ގާނޫނުގެ މަގްސަދަކީ، މިހާރު އަމަލުކުރަމުން އަންނަ ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ތާރިޚްގައި ނުބޭއްވޭނެތީ އެކަމަށް ހައްލެއް ހޯދައި ދިނުމެވެ. މި ގާނޫނު އެކުލަވާލަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ނިމުމުން އެ ޤާނޫނު އުވިގެންދާނެ ގޮތަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ތާވަލު ކުރީ އެޕްރީލް ހަވަނަ ދުވަހު އެވެ. ނަމަވެސް ކޮވިޑް-19 ވަބާއާއި ގުޅިގެން އެ ތާރީހު އެޕްރީލް 18 އަށް ފަސްކުރި އެވެ. ނަމަވެސް ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްވުމުގެ ސަބަބުން އަލުން އިންތިހާބު ފަސްކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މި އިންތިހާބު ޖެނުއަރީއަށް ފަސް ކުރުމަށް އެޓާނީ ޖެނެރަލް އޮފީހުން މިހާރު ދަނީ ބިލެއް ޑްރާފްޓް ކުރަމުންނެވެ. އެ ބިލުގެ ބޭނުމަކީ އިންތިހާބު ފަސް ކުރުމުން ކައުންސިލުތަކަށް އަންނާނެ ގާނޫނީ ހުސްކަން ފޫބެއްދުން ކަންވެސް އެނގިފައިވެ އެވެ. އަދި ބަންޑާރަ ނައިބުގެ އޮފީހުން އެކަން ކުރިއަށް ގެންދަނީ ރައްޔިތުންގެ މަޖިލީހުން އަންގައިގެން ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ލަސްކޮށްފި ނަމަ، ކައުންސިލަރުން މަގާމުގައި ތިބެން ޖެހޭ މުއްދަތު ހަމަވެ، ކައުންސިލުތައް ގާނޫނީ ހުސް ކަމަކަށް ދާނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top