ޔުނިވާސަލްގެ ރިސޯޓުތައް ތިންމަހަށް ބަންދު. މުވައްޒަފުންނަށް ތިންމަހުގެ މުސާރައާއެކު ޗުއްޓީ.

img_md_202003190719571584627597.6541.jpg

ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު / ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިގްތިސޯދަށް އައިސްފައިވާ ހީނަރުކަމާ ގުޅިގެން، ޔުނިވާސަލް އެންޓަޕްރައިސަސްގެ ރިސޯޓުތައް ކުރިއަށް އޮތް ތިން މަހުގެ މުއްދަތަށް ބަންދު ކުރުމަށްފަހު މުވައްޒަފުންނަށް ހާއްސަ ޕެކޭޖަކާއެކު ތިން މަސްދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމައިފިއެވެ.

މިކަމާ ގުޅިގެން ޔުނިވާސަލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ދުނިޔެއަށް ދިމާވެފައިވާ އިގްތިސޯދީ ހީނަރުކަން ރާއްޖެއަށް ކޮށްފައިވާ އިރު އެ ކުންފުންޏަށްވެސް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ ކަަމަށެވެ. އެހެންކަމުން އެ ކުންފުނީގެ ދަށުން ހިންގަމުންދާ ރިސޯޓުތައް ހިންގުން އަންނަ އޭޕްރީލް މަހުން ފެށިގެން ތިން މަސް ދުވަހަށް މެދުކަނޑާލަންނިންމީ ކަމަށް އެބަޔާނުގައި ހާމަކޮށްފައިވެއެވެ.

ރިސޯޓުތައް ހިންގުން މެދުކަނޑާލިޔަަސް ކުރިއަށް އޮތް ރޯދަމަހުގެ އިނާޔަތާއި މިހިންގާ މަހުގެ ސާވިސްޗާޖާއި މުސާރައާއި އެއްވެސް އުނިކުރުމެއް ނެތި ހުރިހާ މުވައްޒަފުންނަށް ގާނޫނުގައިވާ ގޮތުގެ މަތިން ދެވޭނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ހަމަ އެއާއެކު އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކޮށް އަދި ހިންގުންވެސް މުޅިން ހުއްޓާނުލާ ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާ ކުންފުނީގައި މިވަގުތު މަސައްކަތްކުރާ 3200 މުވައްޒަފުންނަކީ ކުންފުނީގެ ރައުސުލް މާލު ކަމަށް ކުންފުނިން ދެކޭ ކަމަށް ބުނެއެވެ.

1978 ވަަނ އަހަރުގެ އުފެދުނު ޔުނިވާސަލް އެންޓަޕްރައިސަސް އަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ހިދުމަތް ދެމުންދާ އެންމެ ގިނަ ދުވަސްވީ އެއް ކުންފުންޏެވެ. އެކުންފުނިން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރި ވާއިރު އެދާއިރާއަށް ބޭނުންވާ ޓެކްނިކަލް މީހުން އުފެއްދުމުގެ ގޮތުން ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް)ގެ ނަމުގައި ބ.ކިހާދޫގައި ދަނީ ސްކޫލެއް ހިންގަމުންނެވެ.

ޔުނިވާސަލް ކުންފުނީގެ ދަށުން ހިންގާ ބައެއް ރިސޯޓުތަކުގެ ތެރޭގައި ބ.އަތޮޅުގައި ހިންގާ މިލައިދޫ އައިލެންޑްރިސޯޓުގެ އިތުރުން ކުރުނބާ މޯލްޑިވްސް، ވެލައްސަރު މޯލްޑިވްސް، ހުވަފެންފުށި ރިސޯޓް، ބަރޮސް އައިލެންޑް ރިސޯޓް، ކުރަމަތި އައިލެންޑް ރިސޯޓް ހިމެނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top