ޑރ.ނާޒް ގެ އިލްތިމާސް :މައިންބަފައިންނަށް މުހިއްމު މެސެޖެއް

DSCN2020.jpg

މިދުވަސްވަރަކީ ކުޑަކުދިންނަށް ޖިންސީ އަނިޔާ އާއި ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރާ ވާހަކައިގެ އަޑު އެންމެ ގަދަ ގަދަ ދުވަސްވަރެވެ. ފިތްކަނޑައިގެންދާވަރުގެ ކަންތައްތަކާއެކު ކަންބޮޑުވާންޖެހޭ ކަމަކީ މިބާވަތުގެ އަނިޔާ އެންމެ ގިނައިން ލިބފައި ހުންނަނީ ގޭތެރެއިން ނުވަތަ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހެއްގެ ފަރާތުން ކަމެވެ. ކޮންމެ ދުވަހަކުހެން މިބާވަތުގެ ޚަބަރުތައް މީޑިއާތަކުގެ ފަލަ ސުރުޚީތައް ކަވަރު ކުރަމުން ދާއިރު އިއްޔެއަކީ މިބާވަތުގެ އާކަމެއް އަނެއްކާވެސް އަޑުއިވިގެން ދިޔަ ދުވަހެކެވެ. ކުޑަދެކުދިން ގެއެއްގެ ބެލްކަނީގައި ތިބެގެން އެކުދިންގެ އުމުރާ ނުގުޅޭ ކަހަލަ ކަންތައްތަކެއް ކުރަމުން ދަނިކޮށް ނަގާފައިވާ ވީޑިއޯއެއް ލީކުވީއެވެ. ދެޖިންސުގެ މި ދެކުދިން ގައިގޯޅިވެ އުޅެމުން ދިޔައިރު އެ ގޭތެރޭގައި އެހެންމީހުން އުޅޭއަޑު ވީޑިއޯއިން އިވެއެވެ. ހައިރާންވާން ޖެހުނު ކަމަކީ މިއީއެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަޝްހޫރު ޑޮކްޓަރު ،ޑރ. އައިޝަތު އަލީ ނާޒް ވަނީ މި ފަދަ މައްސަލަ ތަކާބެހޭ ގޮތުން ޓުވިޓަރު މެދުވެރި ކުރައްވައި މައިންބައިފައިންނަށް މިއަދު އިލްތިމާސެއް ކުރައްވާފައެވެ.

ޑރ.ނާޒް ކުރެއްވި ފުރަތަމަ ޓުވިޓުގައި ވިދާޅުވެފައިވަނީ މަންމަ އާއި ބައްޕަ ނިދާ ކޮޓަރީގައި އެމީހުންގެ އެނދުގައި އޮވެ ނުވަތަ ބޮޑުވަމުން އަންނަ ދަރިފުޅު އެނދު ކައިރީގައި ގޮދަޑީގައި ނުބޭއްވުމަށެވެ. އަދި ރަނގަޅުގޮތަކީ މަންމަ އާއި ބައްޕަ ނިދަން ވަކި ކޮޓަރިއަކާއި މާމައާއި ކާފައަށް ވަކި ކޮޓަރިއެއްގައި އުޅެވޭނެ ގޮތް ހެއްދެވުން ކަމަށް އެކަމަނާ ވިދާޅުވި އެވެ.

އަނެއް ޓްވީޓުގައި އޭނާ ވިދާޅުވެފައިވަނީ އެކަށީގެންވާ ނުވާ ގޮތަކަށް ކުޑަ ކުއްޖަކު އުޅޭނަމަ، ކޮމްޕިއުޓަރުގައި ހުރި އެކި ވައްތަރުގެ ލިންކުތައް ޑިލީޓުކުރުމަށެވެ. އެއާއެކު، ކޮޓަރި ކުޑަވެ ތޮއްޖެހިފައި އޮތަސް ދަރިންގެ ކުރިމަތީގައި ގައިގޯޅިވެގެން އުޅޭ ނަމަ ނިދާފައި އޮތް ކަމަށް ހެދިގެން އޮވެ އެ މަންޒަރު ބަލާފާނެ ކަމަށާއި އަދި ފަހުން އެގޮތަށް ކަންތައްތައް ކޮށްފާނެ ކަމަށް ވިދާޅުވި އެވެ.

ވީޑިއޯގައި ފެނުނު ފަދަ އަމަލުތައް އެކުދިން ދަސްކުރަނީ އެކުދިންނަށް ފެނިފައި ހުރި ނޫނީ ފެންނަމުން ދާ މަންޒަރުތަކުންނެވެ. އޭގެ ތެރޭގައި ކުދިންގެ އުމުރާ ނުގުޅޭ ޓީވީ ޕްރޮގްރާމްތަކުގެ އިތުރުން ކުދިންގެ އަތަށް ފޯނު ނުވަތަ އައި ޕެޑް ދީފައި ޔޫޓިއުބަށް ވަދެވޭގޮތް ހެދުމަކީ ނޭނގިނަމަވެސް މިފަދަ ކަންކަން ދަސްކުރުމަށް އެކުދިންނަށް ހުޅުވާލަދެވޭ ދޮރެކެވެ.

ޑރ.ނާޒްގެ ދެޓުވީޓް ހިމަނައިގެން ދުވަހު ނޫސް ”މިހާރު” ގައި ޝާއިއުކޮށްފައިވާ ޚަބަރަށް ކޮމެންޓު ކުރި އެކަކު، މިފަދަ ހުތުރު ކަންތައްތަކަށް ކުޑަކުދިން އަރައިގަންނަ ގޮތާ ބެހޭގޮތުން ޚިޔާލު ފާޅުކުރަމުން ލިޔެފައިވެއެވެ.

”ބެލެނިވެރިންގެ އަޅާލުން، ބަލަންޖެހޭ މިންގަނޑުން ފަރުވާތެރި ނުވުން، އުމުރާއި ނުގުޅޭ މަންޒަރު ގެ ވީޑިއޯ އެކުގައި ބެލުން ނުވަތަ ބަލަން ޖާގަ ދިނުން، ދަރިން ކުރިމަތީ ގައިގޯޅިވުން ، އެކަންކަމަކީ އެހާބޮޑު ކަމެއްކަމުގައި ނުދެކުން، ކުދިންނަށް ދައްކާ ކާޓޫން ތަކުން ގައިގޯޅި މަންޒަރު ފެނި އެކަން ކަން ކުދިން ކޮޕީ ކުރުން. އާންމުކޮށް ބަލާ ކާޓޫން ތަކުން މިފަދަ ނޭދެވޭ މަންޒަރު ހުރޭ ނަމަވެސް ބެލެނިވެރިން ފަރުވާތެރި ނުވާ” ކަމަށެވެ.

އެހެން ބޭފުޅަކު ކުރައްވާފައިވާ ކޮމެންޓެއްގައި ލިއުއްވާފައިވެ އެވެ.

”ފިތުރަތުގެ ސާފުކަންމަތީ އުފަންވާކުއްޖާ ޔަހޫދީ،ނަސާރާ ނުވަތަ މަޖޫސީއަކަށް ހަދަނީ އެކުއްޖާގެ މައިންބަފައިން ކަމަށް ﷲ ގެ ރަސޫލާ ޙަދީސްކުރައްވާފައިވޭ. (މިޒަމާނުގައި ސަރުކާރަކީވެސް މައިންބަފައިން ކަމުގައިބަލެވޭ ހާލަތްހުރޭ.) # ސައިންސް ހޯދުންތަކުން ކުއްޖާގެ ސިކުނޑި އޭނާ އުފެދި ބޮޑުވާ މާހައުލާއި ފެންނަ މަންޒަރުތަކަށް ބިނާވާކަމަށާއި “ބޮޑުވެގެން އޭނާގެ ފަރާތުން ފެންނާނީ ކުޑައިރު ފެނުނުކަންކަން” ސާބިތު ކޮށްދީފައިވޭ.” އޭނާ ލިއުއްވާފައި ވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top