ހައްވާފުޅު

ރރރރ.jpg

(23 ޖޫން އާ ގުޅޭ )

ހައްވާފުޅަށް ހީވީ މަރުގެ މަލާއިކަތާ ވަގުތުގެ ކުރިން ހާޒިރުވިހެންނެވެ. އޭނާއަށް ތެޅިގަނެވުނެވެ. ކަންފަތުން އިވުނު އަޑަކީ ހަގީގަތްކަމަށް ގަބޫލެއް ނުކުރެވުނެވެ. އޭނާ އަހުމަދު ގާތު އެހިއެވެ. ”ކީކޭ ތިޔަ ކިޔަނީ“

އަހުމަދުގެ ވާހަކަ ތަކުރާރު ކުރިއެވެ.

ރާއިފާއަށް އިވިއްޖެ އެވެ. އޭނާއަށް ގަބޫލެއް ނުކުރެވުނެވެ. އޭނާއާ މެދު އެހާ އިހާނެތިކޮށް ހިތާނެ ކަމަށް ގަބޫލެއް ނުކުރެވުނެވެ. އުފަލުގެ ކުޑަމިންވަރެއް ދީފައި އެންމެ ދޮޅުއަހަރުގެ ކުރު މުއްދަތެއްގައި ނިމި ހިނގައިދާނެ ކަމަށް ގަބޫލުކުރެވޭނީވެސް ކިހިނެއް ހެއްޔެވެ.

”ރާއިފާއޭ……. އިންނަނީ އޭ…… އަހުމަދު މޮޔަވީތަ؟“ އޭނާ ރޯން ފަށައިފިއެވެ. ރޮމުން އޭނާ ބުނަމުން ގެންދިޔައެވެ.  ”ކޮންފަދަ ރާއިފާއެއްތަ ތީ؟ ކޮންތާކުން ފާވެގެން އަހަރެމެންގެ މި ތާހިރު ދިރިއުޅުމަށް ވިހަލާން އައި ހަރުފައެއްތަ.؟“

”ހުއްޓާލާ! ހަމަ މިހާރު…..!“އަހުމަދު ހަޅޭއްލަވައިގަތެވެ. ހައްވާފުޅާ ކައިރިއަށް ޖެހިލާފައި އަތް މުށްކަވާލާފައި  ޝަހާދަތް އިނގިލި ދިއްކޮށްލިއެވެ. ” ހޭބަހައްޓައިގެން ވާހަކަދައްކާ! ކަލޭއަކަށް ނޭގޭތަ އެއީ މިރަށުގައިހުރި އެންމެރީތި ކުއްޖާ ކަމެއް.؟ އޭނާ އަކީ މިރަށުގެ އެންމެ ގަދަރުވެރި ޒަކަރިއްޔާ ކަލޭފާނުގެ ދަރި.“

”ތިޔަ ބުނާ ރީތިކަމާ ގަދަރުވެރި ކަމަކީ އަހަރެމެންކަހަލަ ނިކަމެތި އަންހެނުންގެ ދިރިއުޅުން ލޫޓުވަން ލިބިފަ އޮންނަ ލައިސަންސެއް ކަމެއް އަހަރެން ނުދެނެހުރިން.“ ހައްވާފުޅު އެންމެ ތަންކޮޅެއްވެސް ދުލެއް ނުދީ ވާހަކަ ދައްކަމުން ދިޔައެވެ. ނެވެ.

”އެކަމަކު ރާއިފާއަށް ހިތް ނުބައި ކުރުމުގެ ބޭނުމެއް ނެތް. ކުރިކަމެއް ކުރީ އަހަރެން. “އަހުމަދުގެ އަޑު މައިތިރިވެއްޖެ އެވެ.

ހައްވާފުޅުގެ ދޫ ތަޅުލެވިއްޖެއެވެ. އިތުރަށް އެންމެ ބަހެއްވެސް ނުބުނެވުނެވެ. އަހުމަދުގެ މި އަނިޔާވެރި ނިންމުމަށް އިންސާފު ހޯދަން މުޅި ދުނިޔެއަށް އިވޭވަރަށް ހަޅޭއްލަވަން ބޭނުންވިއެވެ. މިދުނިޔޭގައި އެމީހަކަށްޓަކާ ގުރުބާންވި، އެމީހަކަށްޓަކާ ރަށާ ގާތްތިމާގެ މީހުންނާ އެއްފުރައިގެ ކުދިންތައް ދޫކޮށްފައި އައިސް ދުނިޔެ ސުވަރުގެ އަކަށް ބަދަލުކޮށްލާނެ ކަމުގެ ފޮނިހުވަފެން ދެއްކި ފިރިމީހާ، އޭނާގެ ވަފާތެރިކަމާ ކިޔަމަންތެރިކަމުގެ އަގުވަޒަންކުރި ގޮތަކީ މިއެވެ. އެވާހަކަތަކުން ހައްވާފުޅުގެ ހިތް ޒަކަމްވީ ވަރެއް ހިތަށް ވީ ތަދެއް އަހުމަދަކަށް ނޭގުނެވެ. ގުންފައި ޖަހާފައި ނުކުމެގެން އެދިޔައީ ނިކަމެތި އަންހެނެއްގެ ހިތުގެ އާހު ތަކުގައި ކޮޅުފައިން ޖަހާ ރޮއްވާލާފައެވެ.

ރާފިޔާއަކީ އޭދަފުށީގެ މަޝްހޫރު ޒަކަރިއްޔާ ކަލޭފާނުގެ ދަރިއެކެވެ. ކަލޭފާނަކީ ބާރާއި ނުފޫޒާއި މުއްސަނދި ކަމުގެ ގޮތުން އޭދަފުށީގެ އެއްވަނަ އާއިލާގެ މައި ތަނބެވެ. ގަދަރުވެރި ވެރިއެއްވެސް މެއެވެ. ދަރިންނަށް ކިޔަވައިދެނި މާލޭގައި ބައިތިއްބައިގެން މާލޭގައި ހުންނަ އަމިއްލަ ގޭގައެވެ.

ރާފިޔާގެ ކިޔަވުން މެދުކަނޑުވާލާފައި ރަށަށް ގެނައީ މާލެއިން ދެކުނު މީހަކާ މީހަކާ ހިތާވެ ކައިވެންޏާ ހަމައަށް ދިއުމުން ކަލޭފާނު އެކަމާ ނުގަބޫލު ވެގެންނެވެ. ގަދަރުވެރި އާއިލާއެއްގެ މީހަކު އާދައިގެ ރަށެއްގެ އާދައިގެ ސޮރަކާ އިންނަން ކަލޭފާނު ގަބޫލުނުވީއެވެ. ރަށަށް ގެނައިތާ އެންމެ މަހެއްވެސް ނުވެ އުޅެނިކޮށް ކުރީގެ ލޯބި ހަނދާން ނައްތާލާފައި އާ ލޯބިވެރިއެއް ހޯދީއެވެ. އެއީ އަހުމަދެވެ. އަހުމަދާ ކައިވެނި ކުރަން ރާއިފާގެ އާއިލާގެ އެކަކުވެސް ގަބޫލެއް ނޫނެވެ. ގަބޫލުވެވޭނީވެސް ކިހިނަކުން ހެއްޔެވެ. މީހެއްގެފިރިއެކެވެ. ކުޑަކުޑަ ކުއްޖެއްގެ ބައްޕައެކެވެ. ދެ އަނތްބަށް އިންނަން ގަބޫލުވެވޭނީވެސް ޒިންމާދާރު މީހެއްނަމައެވެ. ދިރިއުޅުމަށް މަސައްކަތެއް ނުކުރާތާ އާއިލާ އެންމެން ހޭބޯނާރާ ކުރާ މަސައްކަތުގައިވެސް ބައިވެރިވުމެއްނެތި ހިހޫތަނުން ކާލައިގެން ހުންނަ މީހެކެވެ. އެކަމަކުވެސް ރާފިޔާއަށް އެވަރެއްނެތެވެ. އޭނާފަދަ ފުރިހަމަ އެހެން މީހަކު މިރަށަކު ނެތެވެ. އޭނާހުރީ އަހްމަދުއާހުރެ މޮޔަވެފައެވެ.

ރާއިފާގެ މި ހުތުރު ވިޔާނުދާ އަމަލު ހުއްޓުވޭތޯ ކަލޭފާނު ވަރަށް މަސައްކަތް ކުރެއްވިއެވެ. ދަންނަ ބޭކަލުން ފޮނުވައިގެން ނަސޭހަތް ދިނެވެ. ދެމަފިރިއެއްގެ ދިރިއުޅުން ހަލާކުކޮށްލުމުން މިދުނިޔޭގައި މީހުންނަށް ދިމާވެފައިހުރި ނިކަމެތިގޮތް ކިޔައިދިނެވެ. އެކަމަކު އެއިން އެއްވެސް ވާހަކައަކުން ރާއިފާގެ ނިންމުން ބަދަލުކުރާ ގޮތެއް ނުވިއެވެ. އެންމެފަހުން ކަލޭފާނު ފަހު ފިޔަވަޅު އަޅައިފި އެވެ. ގެއިން ނެރެލީއެވެ. ބަސްނާހާ ދަރިންނަށް މިގެއަކު ޖާގައެއް ނޯންނާނެއެ ބުނެފައެވެ. މި އަދަބު ދިނުމުން އަމިއްލައަށް ހެޔޮވިސްނިގެން އެނބުރި އަންނާނެ ކަމުގައި ހީކުރެވުނަސް އެކަމުން ވެސް ރާއިފާއަށް ލިބުނީ އާ ހިތްވަރެކެވެ. ބޭނުން އިރަކު ބޭނުންތަނަކަށް ދެވޭ ގޮތަށް މިނިވަންކަން ލިބުނީއެވެ.

ކެލާމާގޭގައި އުޅެން ހައްވާފުޅު ބިރުގަންނަން ފަށައިފިއެވެ. އެގޭ މީހެއް ނޫންކަމަށް ހިތް ބުނަނީ އެވެ. އެކަމަކު އެއްވެސް މަދަދުގާރެއްނެތް މިދުނިޔާގައި އޭނާހިޔާވަހި ކަން ހޯދަން ދާނީ ކޮންތާކަށް ހެއްޔެވެ. މިއީ އޭނާގެ ރަށެއްނޫނެވެ. މިހާރު ހައްވާފުޅު ގިނަވަގުތު ހޭދަކުރަނީ އެގެއާ ކައިރީގައި ހުންނަ ކުދިމާގޭގަ އެވެ. އެގޭ ސިއްތިއަކީ ޚުލްގު ރަނގަޅު މީހެކެވެ.  ހައްވާފުޅަށް ހިތްވަރު ދިނުމުގައި ވަރަށް ގިނަވަގުތު ހޭދަކުރެއެވެ.

އެއީ ހަމަ އިއްތިފާގެކެވެ. ހަވީރު ހައްވާފުޅު ކުދިމާގެއިން ބޮޑުމަގުމައްޗަށް ނުކުތްތަނާ އޭނާއަށް އެރުނީ ރާފިޔާގެ ކުރިމައްޗަށެވެ. ރާފިޔާ ފެނުމުން ހިތުގެ ހިނގުން އަވަސް ވެއްޖެއެވެ. އިންތިހާ ދަރަޖައިގެ ނަފްރަތާ ރުޅިވެރިކަމުގެ އަސަރުތަކުން މޫނު ހަޑިވެއްޖެއެވެ. އެކަމަކުވެސް ކެތްތެރިކަން އިސްކޮށް ރާފިޔާ ގާތު ބުންޏެވެ.

”ތިޔައި ވަރަށް ރީތި ކުއްޖެއް. އެކަމުގައި ޝައްކެއްނެތް. ބޭނުން ކޮންމެ މީހަކު ފަސޭހަކަމާއެކު ހޯދުމުގެ ކުޅަދާނަކަން ތިޔަ ރީތި ކަމުގައި އެބަހުރި. އިއްޒަތާ ޝުހުރަތާ މުއްސަނދިކަމާ ރީތިކަމާ މިހެންގޮސް ހުރިހާ ނަސީބެއް ލިބިފައިވާއިރު ތިޔަ ކަމަށް ޝުކުރުވެރިވާން ވާނެ….. ނިއުމަތްތަކަށް ޝުކުރުވެރި ވާނަމަ ނިއުމަތް އިތުރުވަމުންދާނެ. އެކަމަކު އެނިއުމަތް ތަކުގެ ބޭނުން ނުހަމަ ގޮތުގައި ހިފައި، އެކަމަށް ޝުކުރުވެރި ނުވާނަމަ ހުރިހާ އެއްޗެއް ގެއްލިގެން ހިގައިދާނެ. މިއީ ދުނިޔެ ދައްކަމުން އަންނަ ހަގީގަތް.“ ހައްވާފުޅުގެ ވާހަކަ މެދުކަނޑާލާފައިރާއިފާއަށް ފުންކޮށް ބަލައިލިއެވެ. އޭނާގެ ވާހަކައިން އަސަރުކުރީ ކިހާވަރަކަށް ތޯއެވެ.

އޭނާގެ ވާހަކަފުރިހަމަ ކުރަން ފެށިއެވެ.

”ބުނަން މިއުޅެނީ ޒުވާންކަމާ ރީތިކަމުގެ ބޭނުން ނުހަމަ ގޮތުގައި އަމިއްލަ އުފަލަށްޓަކާ އެހެން މީހުންގެ އިމުގެ ތެރެއަށް ވަދެ ވައްކަން ކުރުމަކީ ނުކުޅެދޭ މީހުންކުރާ ކަންތަކޭ. އެހެންބަޔަކު ހައްދާފައިހުރި ގަހަކުން ވަގަށް މާބިނުމަށް ވުރެ ހަޑި އަދި މުޑުދާރު އަމަލެއް ނޯންނާނެ.“ އަޚްލާގީ މިންގަނޑުން ބޭރުނުވެ ވާހަކަދެއްކޭތޯ ހައްވާފުޅު މަސައްކަތް ކުރިއެވެ. އެކަމަކު  ރާއިފާއަށް އެއަޑުތައް އެހުމުގެ ކެތްތެރިކަމެއް ނުލިބުނެވެ.

”އަހަރެން އުޅޭނެގޮތާ ނޫޅޭނެގޮތް ކިޔައިދޭން ތިއީކާކު.؟ ކަލޭގެ ފިރިމީހާ ކޮންޓްރޯލް ކުރަން ޖެހެނީ އަހަންނަށްތަ؟“ރާއިފާ ރުޅިއަތުވެއްޖެ އެވެ.

”ހުއްޓާލާ!“ ހައްވާފުޅަށް ހަޅޭއްލަވައި ގަނެވުނެވެ. ”އަހަރެން ހީކުރީ ތިއީ ކިޔަވައިގެން އިން އަންހެނެއް ކަމަށް. އެކަމަކު މިހާރު އެނގިއްޖެ ނުކިޔަވާ އިން މީހެއް ކަން. ރަނގަޅު ވާހަކަ އެއް ބުނީމާ ގަބޫލު ނުކުރާނީ ނޫނީ އެކަމާ ދެކޮޅު ހަދާނީ ތަންދޮރު ނުދަންނަ މީހުން. އެންމެ އާދައިގެ ބަހުރުވައިން ބުނާނަމަ ޖާހިލުން.“ ހައްވާފުޅު ދައްކަން ބޭނުންވި ވާހަކަ ކުރިއަށް ގެންދިޔައެވެ.

”އަހަރެން ދެކޭނަން ކަލޭގެ ތިޔަ ގޮތްކުޑަ ދިރިއުޅުމުގެ ނަތީޖާ. ހީނުކުރާތި އަހަރެންގެ ދިރިއުޅުމުގައި އަލިފާން ޖަހާފައި ގޮސް ހަމަޖެހިގެން އުޅެވޭނެކަމަށް. ކޮންމެވެސް ދުވަހަކުން އަހަރެން މިއަދު މިކުރާ ހިތާމަ ކަލޭ ކުރާނެ. މިރުއިން ކަލޭވެސް ރޯނެ. އަހަންނަށް ވުރެ މާބޮޑަށް. އެއީ ޔަގީންކަމެއް އަންހެނާ!  އެދުވަހަކު ނުހުންނާނެ ކަލެއަށް އެހީތެރިވާނެ އެކަކުވެސް. ކަލޭގެ ޒުވާންކަމާ އިއްޒަތާ ގަދަރުވެރި އާއިލާއާ ހުރިހާ އެއްޗެއްވެސް….. ހަމަ އެކައްޗެއްވެސް ނެތި ގެއްލިގެން ހިނގައިދާނެ. “

”އެއީ ކަލޭއާ ބެހޭކަމެއްތަ؟ ހައްވާފުޅުގެ ވާހަކަ ރާއިފާ މެދު ކަނޑާލިއެވެ. ”އެފަދަ ދުވަހަކުން ވެސް އެހީއަށް އެދި ކަލޭގެ ގާތަކަށް ނުދާނެ.“

”އެހެންތަ؟ ފަހަރެއްގާ އަހަރެންގެ ކިބައިން މާފަށް އެދެން ޖެހިދާނެ. އެކަން ހަނދާން ނައްތާ ނުލާތި.“

ދެ އަންހެނުގެ އަޑު ބާރުވާން ފެށުމުން މީހުން އެތަނަށް ޖަމާވާން ފަށައިފި އެވެ. ސިއްތިއަށް މިތަނަށް އާދެވުނީ އެހެންވެގެންނެވެ. އޭނާ އައިސް ހައްވާފުޅުގެ އަތުގައި ހިފައިގެން ގަދަކަމުން އެތަނުން ދުރަށް ގެންގޮސްފި އެވެ.

++++++

ރީތިކޮށް އޮތް ދުނިޔެ ކަޅުވިލާތަކުން ބަނަކޮށްލައިފި އެވެ. ވިދާ ގުގުރަންވެސް ފަށައިފިއެވެ. ވާރޭގެ ބޮޑެތި ތިކިތައް ފުރާޅު މައްޗަށް އެޅޭ އަޑުއަހަން ހައްވާފުޅު އިނެވެ. ހީވަނީ ވާރޭގެ އެތިކިތައް ކަރުނައަށް ވެގެން އޭނާގެ ނިކަމެތި މޭ ތޮރުފަމުން ދާހެންނެވެ. އޭނާއަކަށް ނުނިދުނެވެ. އަމިއްލަ ހާލުގެމައްޗަށް ހަމްދަރްދީ ވެވި ބީރައްޓެހިރަށެއްގައި ބިކަވެއްޖެކަމުގެ އިހްސާސް ކުރެވެނީއެވެ. ކުޑަކުޑަ ހަފީޒަށްވެސް މަންމަ ކުރާ ހިތާމަ ވަޒަން ކުރެވެނީކަން ނޭގެއެވެ. ހަމަ ރޮނީއެވެ. އެއަޑަށް މައިދައިތަ އައިސް ވަދެއްޖެ އެވެ.

”އެވާނީ ބަނޑުގަ ރިއްސަނީކަމަށޭ ބުނެ ބާމް ލައިގެން ހޫނުވެސްކޮށްފިއެވެ. އެކަމަކުވެސް ރުއިމެއް ނުހުއްޓުނެވެ. އެންމެފަހުން ވަރުބަލި ވެގެންކަން ނޭގެއެވެ. އެގާރަވެސް ޖެހިފަހުން ނިދިއްޖެއެވެ. އޭނާ އެނދުގާ ބާއްވާކަށް ހައްވާފުޅު ނޫޅުނެވެ. އެއިން ގޮތަށް އިދެ ދަރިފުޅުގެ ގިސްލުމުގެ އަޑުއަހައިގެން އަމިއްލަ ހިތަށް ތަދުކުރަނީއެވެ.

އަހުމަދު ކޮޓަރިއަށް ވަންއިރުވެސް ހައްވާފުޅު އިނީ އެގޮތުގައެވެ. އަހުމަދު އަޔަސް ނަޔަސް އޭނާއަށް ކީއްހެއްޔެވެ. އޭނާއާއި އަހްމަދުގެ ކައިވެނިގެ ވާފަށް މިހާރު ނުކެނޑިއޮތީ ހަމަކިރިޔާއެވެ. ދެމީހުން ކުރެ ކޮންމެ މީހަކު އެވާފަށަށް ދަމާލިޔަސް ވަގުތުން ކެނޑޭހާ ބަލިކަށި ވެފައެވެ. އަހުމަދު އައިސް މޭޒުމަތީގައިހުރި ފެންތަށި އެއްފަހަރުން ބޮއި ހުސްކޮށްލާފައި ތަށި އަތުކޮޅަށް ހޫރާލިއެވެ. ބިއްލޫރި ތަށި ތެޅުނުއަޑަށް ހައްވާފުޅާއި ހަފީޒު ވެސް ސިހިގެންދިޔައީ އެކުގައެވެ. ނަސީބަކުން ހަފީޒު ނުހޭލައެވެ. ހައްވާފުޅު އަހުމަދަށް ބަލައިލި އެވެ. ފުޅިބައްތީގެ ފަނޑުއަލީގެ ތެރެއިން އަހުމަދަށް ބަލައިލިއިރު އޭނާހުރީ ރުޅިއައިގެން ކެކިކެކިއެވެ. ވާރެއާ ތެމިގެން ގެއަށް އައިގޮތަށް ހެދުންވެސް ބަދަލު ނުކޮށެވެ. އަހުމަދު އަމިއްލައަށް އަލަމާރި ހުޅުވައިގެން ހެދުން ބަދަލު ކުރުމަށްފަހު ހައްވާ ފުޅާ ކުރިމަތިލިއެވެ.

”ކީއްވެގެން މިއަދު ރާއިފާ އާއި ޒުވާބު ކުރީ.؟“ އިތުރު ވާހަކައެއް ނުދައްކާ ފުރަތަމަވެސް ތަހުގީގެވެ. ހައްވާފުޅު ނުސިހެ އެވެ. އޭނާއިނީ މިކަމަށް ތައްޔާރު ވެގެންނެވެ.

”ތިޔަ ސުވާލު އަހަންނާ ކުރަން ތިޔައީކާކު؟“ އޭނާ މަލާމާތުގެ ގޮތަކަށް ހީނލިއެވެ.

”އަހަންނަކީ ކަލޭގެ ފިރިމީހާކަން ހަނދާން ނެތުނީތަ؟“

”އަހަންނަކީ އަހުމަދުގެ އަނބިމީހާކަން ހަނދާން ނައްތާލި ފަދައިން.“ ރާއިފާ ޖަވާބު ދެމުން ގެންދިޔަ އެވެ.

”ލަދެއް ނުގަނޭތަ؟ މި ރަށުގެ ރައްވެއްސަކާ ބީރައްޓެހި އަންހެނަކު ޒުވާބުކުރަން ބިރެއްވެސް ނުގަނޭތަ؟ މީހުން އެއްކޮށްގެން އޭނާ ފަލީހަތް ކުރާއިރު އެއްޗެކޭ ހިތަކަށް ނާރާތަ؟“ ހައްވާފުޅުގެ ވާހަކައަށް ޖަވާބު ދިނުމުގެ ބަދަލުގައި އޭނާ ވާހަކަ ދައްކަން ބޭނުންވި އަސްލު މައުޟޫއަށް ރުޖޫއަ ވިއެވެ.

”އަހަންނަށް ބިރު ދައްކަންތަ ތިޔައުޅެނީ.؟“ އަހުމަދު އެއްޗެކޭ ނުބުނުމުން ހައްވާފުޅު ވާހަކަ ކުރިއަށް ގެންދިޔައެވެ. ”އެހެންވިއްޔާ އަޑުއަހާ! ބިރު ފިލާ ގޮސް ހުރިމީހަކު ބިރެއް ނުގަންނާނެ. ކަނޑުވާން އުޅޭއިރު ބިރުގަތަސް ކަނޑުވުމުން ބިރު ފިލައިދާނެ. ހީކޮށްލާ އަހަންނަކީ ކަނޑުވެފައިވާ މީހެކޭ. ރުޅިގަދަ ވެގެން ތިޔައުޅެނީ ރާއިފާ އާއި އަހަރެން އަރާރުން ވެގެންތަ؟ އެހެންވިއްޔާ ތިޔައީ އޭނާ ހެދި ދޮގެއް. އަހަރެން އޭނާގެ ކިބައިން ކަމަކަށް އެދުނީ. ދެން ނަސޭހަތުގެ ގޮތުން ދެތިން ބަހެއް ބުނެލީ. އެއީ އަރާރުންވުން ކަމަށްވަންޏާ އެކަން އެއޮތީ ކޮށްފަ.“

”އަހަރެން ހިއެއް ނުކުރަން ތިޔައީ އެހާ ގޮތެއްނެތް މީހެއްކަމަކަށް.”

”އަހަރެންތަ ނޫނީ އޭނާތަ ؟ “

އަހުމަދު ހަޅޭއްލަވައިގަތެވެ. ”ގޮތެއްނެތީ ކަލޭ. ކީއްވެގެންކަން އެނގޭތަ. މިއަދު އަހަރެންގެ އަގު ވައްޓާލައިފީމު. އެތައް ބައެއްގެ ކުރިމަތީގައި އަހަރެން ބޭޒާރު ކޮށްފީމު. “

ހައްވާފުޅު ހީލިއެވެ. އޭނާ މަލާމާތުން ފުރިގެންވާ ރާގެއްގައި ބުންޏެވެ. ”އަގުވައްޓާލެވޭނީ އަގެއްއޮތް މީހެއްނަމަތާ! ކާކުބުނީ ތިޔައީ އަގެއް އޮތް މީހެކޭ؟ ދިރިއުޅުމުުގެ ޒިންމާނަގަން ނުދަންނަ، އަމިއްލަ މުލައްދަނޑީގައި ބާރުހުރެ އެބާރުގެ ބޭނުން ނުކޮށް އެހެން މީހުންގެ ތައްޕާހުން ދުނިޔޭގައި އުޅޭމީހުންނަކީ އަގެއްހުރި ގޮތެއްހުރި ބައެއްކަމަށް އަހުމަދަށް ހީވާނަމަ ދެން ކީކޭ ބުނާނީ ؟ ”

ހައްވާފުޅުގެ ވާހަކަ ހުރީ އަހުމަދު ރުޅިއަންނަ ގޮތަށެވެ. އެގޮތް ބޭނުންވަނީކަން ނޭގެއެވެ. އެހެންކަމުން އަހުމަދުގެ ރުޅި އައީ ގަދަވަމުންނެވެ. އެންމެފަހުން އޭނާގެ ފަހު ނިޔާ އިއްވައިފިއެވެ.

”………..އަދި އަހަރެން ކަލޭ، ހަމަ މިހާރުން ފެށިގެން ވަރިކޮށްފިން.“ އެނިޔާ އިއްވާފައި މޭޒު މަތީގައި ހުރި ފެންޖަގުން އަނގައަށް ފެންއަޅައިގެން ބޯން ފެށިއެވެ. އެގޮތުން ހަށިގަނޑުގެ އެތެރޭގައިވާ ހޫނުކަން މަޑުވެދާނެ ކަމަށް ހީވެގެންނެވެ.

”ހަމަ މިހާރު މިގެއިން ނުކުމެގެން ދާންވީ.“ހައްވާފުޅަށް އޭނާ އިންޒާރު ދިނެވެ.

”ތިޔަބަސް ނުބުނެވިގެންނު މާ ރުޅިގަދަ ވެގެން އުޅޭގޮތް ތި ދައްކަނީ. އެކަމަކު ހަނދާން ކުރާތި ފިރިހެނާ! އަހަންނަށް ދިން އަނިޔާގެ ބަދަލުހިފާނަންް. އަނިޔާ ލިބިގެންވާ އަންހެނާގެ ދުޢާއަކީ ފަހަރެއްގައިވެސް ރައްދު ކުރެވޭނެ ކަމެއްނޫން. އަހަރެންގެ ޒުވާންކަން ލޫޓުވާލާފައި ޒުވާން އުމުރު ހުވަފަތްކޮށް މުޅިރަށަށް ގިނަކޮށްލީ އަހަރެންގެ ވަފާތެރިކަމުގަ ބަދަލުގައި. އަހަރެންގެ ކިޔަމަންތެރި ކަމާއި އޯގާތެރިކަމުގެ ބަދަލުގައި. ކުށެއް ކުރެވިފައިވާނަމަ އަހަރެންގެ ކުށަކީ ތިޔައީ އަހަރެންގެ މުޅިދުނިޔެ ކަމަށް ދެކިގެން އުޅުން… ތިޔައީ މާތްކަލާނގެ ފިޔަވައި ދެވަނަ ފަރާތަކަށް ސަޖިދަ ކުރަން ތިމަން ކަލޭގެފާނު އަންގަވާނޭނަމަ ސަޖިދަކުރަން ޖެހޭ ފިރިމީހާކަން ދެނެހުރެ އެދަރަޖައަށް އަހުމަދުދެކެ ލޯބިވީކަން.“ އޭނާ ވާހަކަ ހުއްޓާލާފައި ހަފީޒް އުރާލައިގެން ތެދުވެއްޖެއެވެ. ގިސްލުމުގެ އަޑު އަދިވެސް ނުކެނޑެއެވެ.

“އަހަންނަށް ޓަކައެއްނޫން. މިކުޑަކުޑަ ދަރިފުޅަށްޓަކާ މާދަމާ އިރުއަރަންދެން މިގޭގައި އިނދެވޭނެ ގޮތެއް ނުވާނެތަ؟“ އާދޭހާއެކު ހައްވާފުޅު އެދުނެވެ.

“މިއީ އަހަރެންގެ ފަހުގެ ނިންމުން. ތިޔަ ހުތުރު މޫނު ކޮންމެވެސް އެހެން މީހަކަށް ދައްކައިގެން ހަމްދަރްދީ ހޯދަން ކުރިމަތިން ދުރަށްދޭ!.”

ހައްވާފުޅު ހަފީޒް ގައިމަތިން ފޮތިގަޑެއް އަޅާލައިގެން ނުކުމެއްޖެއެވެ. ހުސްއަތާއެވެ. ވާރޭ ހުއްޓާލަންދެން ގޭގެ ފެންޑާގައި މަޑުކޮށްލަން ހިތަށް އެރި އެވެ. އެކަމަކު މަޑުނުކޮށް ބޯވާރޭގެ ތެރެއަށް ނުކުމެއްޖެއެވެ. އޭނާގޮސް ޓަކިޖެހީ ސިއްތި މެންގެ ގޭގައެވެ. ހަމަތަކި ޖަހާލުމާއެކު ސަސީބަކުން ސިއްތީގެ ފިރިމީހާ ނުކުމެއްޖެއެވެ. ތެމި ފޯވެފައިވާ ހައްވާފުޅު ދަރިފުޅާއެކު ފެނިފައި އޭނާގެ ނިދިން ބަރުވެފައިވާ ދެލޯ ތަންމިނަށް ހުޅުވިގެން ދިޔައެވެ.

”މިގެއިން އަހަރެމެންނަށް ހިޔާވަހިކަމެއް…….“ ހައްވާފުޅަށް ބުނެވުނީ އެހާވަރަށެވެެ. އޭނާއަށް ރޮއިގަނެވުނީ އެވެ. ހަމަ އެސިކުންތު ސިއްތި އެތަނަށް އައިސް ދެމައިން ގޭތެރެއަށް ވައްދައިފިއެވެ. ހަފީޒް އޮތީ ހޭލައެވެ. އެކަމަކު އަޑެއް ވެސް އިއްވައި ނުލައެވެ.

”މިއީ ހައްވާފުޅުގެ ގެ. މިގޭގާ އުޅޭ! އަހަންނަށް ލިބުނު އެއްޗެއް ކާންދޭނަން. އެއްވެސް ކަމަކާ ފިކުރު ކުރުމުގެ ބޭނުމެއްނެތް.“ ވެގެން އުޅޭގޮތް އޮޅުން ނުފިލުވައި ސިއްތީގެ ފިރިމީހާ ހައްވާފުޅުގެ ހިތްހަމަޖައްސައިދެވޭތޯ އުޅުނެވެ. ސިއްތިއަކީ އަންހެނެކެވެ. ހައްވާފުޅުގެ ރުއިން އަޑުއެހުމުގެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އެފަކީރަށް ޖެހިފައިވާ ހާލުފެނިފައި އޭނާއަށްވެސް ރޮވިއްޖެއެވެ. އަދި ބުންޏެވެ. ”މިގޭގައި ހައްވާފުޅު ބޭނުން ދުވަހަކު އިނދެވޭނެ. ބޭނުން ކަމެއްކުރެވޭނެ. ހައްވާފުޅަށް ތިޔަހާލު ޖެއްސި މީހަކީ އިންސާނެއްނޫން. އިންސާނަކަށް ނުކެރޭނެ މިފަދަ ރަޙުމް ކުޑަ އަމަލެއް ހިންގާކަށް. އިރާދަކުރެއްވިއްޔާ ހައްވާފުޅަށް ދެރަގޮތެއް މެދުވެރިއެއް ނުވާނެ. އަހަރެމެން މިތިބީ ހައްވާފުޅާއެކު.“އޭނާ ހައްވާފުޅަށް ހިތްވަރު ދެމުން ދިޔައެވެ.

”އެ ރަހުމެއް ނެތް އިންސާނާ އަހަރެން ވަރިކޮށްލާފައި ފޮނުވާލީ.“ ސިއްތި އެހުމަކާނުލައި ހައްވާފުޅުގެ ދެތުންފަތް ދޭތެރެއިން މި އަޑު ނުކުތެވެ.

”ނުރޮއި ހައްވާފުޅާ! ތިޔަކަމުގައިވެސް ފޮރުވިފައިވާ ޙިކްމަތެއް އޮންނާނެ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށް. ތިޔައީވެސް ރަނގަޅެއްގެ ފެށުން ކަމަށް ހީކޮށްލާ! “

ސިއްތީގެ އެ އާދަޔާ ޚިލާފު ވާހަކަކޮޅުން ހައްވާފުޅަށް އާ ދިރުމެއް ލިބުނު ކަހަލައެވެ. ސިއްތި ބުނިހެން މިއީ އޭނާއަށް ދިމާވާން އުޅޭ ރަނގަޅެއްގެ ފެށުން ވެދާނެއެވެ.މޮޅަށް ދެނެވޮޑިގެންވާނީ ﷲ އެވެ.

ހައްވާފުޅު ރުއިން ހުއްޓާލައިފިއެވެ. ދުވަހަކުވެސް ދެން އެ ބޭވަފާތެރިޔާ ހަނދާންކޮށްގެން ނުރޯން އަޒުމްކަނޑައެޅިއެވެ. އޭނާ ފުންނޭވާ އެއް ލުމަށްފަހު އޮށޯވެއްޖެއެވެ. ގަޑިބަލައިލިއިރު ދަންވަރު ތިންގަޑި ބައިވަނީއެވެ.

ހެނދުނު ރަނގަޅަށް އިރު ނާރާ އުޅެނިކޮށް ހޫނު ވައިރޯޅިއެއް ހެން އަހުމަދު ރާއިފާއާ އިންނަން ހައްވާފުޅު ވަރިކުރި ވާހަކަ ރަށުތެރެއަށް ފެތުރިއްޖެއެވެ…. އެއާއެކު އަހުމަދުގެ މުޅި އާއިލާ ސިއްތިމެންގެ ގެއަށް ޖަމާވެއްޖެ އެވެ. އެންމެން ހައްވާފުޅު ގާތު އެދެމުންދިޔައީ އަނބުރާ ގެއަށް އައުމަށެވެ.

ހިނގާ ހައްވާފުޅާ! އެއީ ހައްވާފުޅުގެ ވެސް ގެ. އެގެއިން ހައްވާފުޅު ނެރެން އަހުމަދަކީ ކާކު “ ދޮށީ ބޭބެ އިބާރހިމް ހައްވާފުޅު ގާތު އެދުނެވެ.

މައިދައިތަ އައިސް ކުޑަކުޑަ ހަފީޒު އުރާލާފައި ބުންޏެވެ. ”ގެއަކީ އަހަރެންގެ އަމިއްލަ ގެ. އެއީ ހައްވާފުޅުގެ ވެސް ގެ. ހިނގާ ދާން. ހައްވާފުޅު ގަބޫލު ނޫންނަމަ އަހުމަދަށް  އެގެއަށް ވަނުން މަނާކުރެވިދާނެ. “އޭނާ އަނެއް އަތުން ހައްވާފުޅުގެ އަތުގައި ހިފި އެވެ.

”ނޫން މަންމާ . ނޫން ބޭބޭ “އޭނާ ބުންޏެވެ. ”އެގެއަށް ގެނދިޔާ މީހާ އަހަރެން އެގެއިން ނެރެލައިފި. އަހަރެންގެ އެއްވެސް ހައިސިއްޔަތެއް ނެތް ތަނެއްގައި އުޅުމަކީ ރީތިކަމެއް ނޫން.. އާއިލާގެ ގުޅުމަކީ ﷲ ލެއްވި ގުޅުމެއް. އެގުޅުން ކަނޑާލަން އުޅުނަސް އެކަމެއް ނުކުރެވޭނެ. ޖަޒްބާތުގައި ޖެހިގެން އަހުމަދު ގެއިން ނެރެލިޔަސް އެއީ އޭނާގެވެސް ގެ. ކައިވެނީގެ ގުޅުމަކީ އަހަރެމެން އުފައްދާ ގުޅުމެއް. އެ ގުޅުން މިހާރު އެކެނޑުނީ. “

ހައްވާފުޅު މައިދައިތަގެ މުސްކުޅި ހަށިގަނޑުގައި އޮޅުލައިގަތެވެ. އޭނާއަށް ރީތިކޮށް ރޮވިއްޖެއެވެ. އެފަދަ ހެޔޮމައިދައިތައެއް ދޫކޮށްލާފައި އަންނަންޖެހުނީތީވެ އެކަމާ ދެރަވަނީއެވެ. އުފަން މަންމައާ އެއްފަދަ މީހަކާ ވަކިވާން ޖެހޭތީވެ ހިތަށް ކުރާ އަސަރުންނެވެ.

”މަންމާ.! މާފުކުރާތި. އަހަންނަށް ރަނގަޅުގޮތް މެދުވެރިކޮށްދެއްވުން އެދި ދުޢާ ކޮށްދިނުމަކީ މަންމަގެފަރާތުން ހަމައެކަނި ބޭނުންވާކަމަކީ. މަންމައަށް ޚިދުމަތްކުރުމުގައި ދެމިހުރެވޭގޮތް ނުވިކަމީ އަހަރެންގެ ނަސީބު ދެރަކަން. “

މައިދައިތަ އަކީ ވަރަށް ބަސްމަދު މީހެކެވެ. އޭނާ އެއްޗެއް ނުބުންޏަސް ވަރަށް އަސަރު ކޮށްފިކަން ލޮލުން އޮހެމުން އަންނަ ކަރުނަތައް ހެކިދެއެވެ.

އެހެން ގެއެއްގައި އުޅުނަސް ހައްވާފުޅު އުޅޭ ގޮތް ކެލާމާގޭ އެންމެންވެސް އައީ ކައިރިން ބަލަމުންނެވެ. ޚާއްޞަކޮށް އެއާއިލާގެ އިސްމީހާ، އިބްރާހީމްއެވެ. އޭނާއަކީ އަތޮޅު އޮފީހުގެ ސެކްރެޓަރީއެވެ. އެއީ ގަދަރާއި އިހްތިރާމް ލިބިފައިވާ މީހެކެވެ. ހައްވާފުޅާމެދު ކަންތައް ކުރިގޮތުން އޭނާ ހުރީ އަހުމަދު ދެކެ ވަރަށް ބޮޑަށް ނުރުހިފައެވެ.

އޭނާ ގަސްދުކުރީ ހައްވާފުޅަށް ރަނގަޅު ދިރިއުޅުމެއް އުޅެވޭނެ މަގެއް ހޯދައިދޭށެވެ. މިމަގު ފަހިވީ ހީ ނުކުރާ ކަހަލަ ގޮތަކަށެވެ. ސަރުކާރުގެ ޚަރަދުގާ ފޫޅުމައިކަން ކިޔަވަންދާން ބޭނުންވާ ތިން މީހުންނަށް އެފުރުސަތު ހުޅުވާލީއެވެ. އަތޮޅު އޮފީހަށް ފޮނުވި އެމެސެޖް ފުރަތަމަ ލިބުނީ އިބްރާހީމް އަށެވެ. އެކަމަށް އެދޭ މީހުން ހޯދަން އިއުލާން ކުރުމުގެ ކުރިންވެސް ހައްވާފުޅު މި ކޯހަށް ފޮނުވަން އޭނާވަނީ ނިންމާފައެވެ. އެދުވަހު އޮފީހުން ނިމިގެން ގެއަށް ދިއުމުގެ މަގުމަތީގައި ހައްވާފުޅު ގާތަށް އައިސް މިވާހަކަ ދައްކައިފިއެވެ.

މިއީ ހައްވާފުޅަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެކަމަކު އެކޯހަށް އޭނައަށް ދެވިދާނެ ކަމާމެދު ޝައްކު އުފެދުނެވެ. ކުޑަދަރިފުޅާ އެކު މާލެގޮސް ހުންނާނެ ތަނަކާ މެދުގައެވެ. ކިޔަވަންދާއިރު ދަރިފުޅު ބަލާނެ މީހަކާ މެދުގައެވެ. މި ވިސްނުމުގައި އިންދާ އިބްރާހީމް އަތުވެއްޖެ އެވެ، އެވާހަކަ އޭނާ ގާތު ބުންޏެވެ.އިބްރާހީމްގެ ޖަވާބަކީ މިއެވެ. ”ތިޔައީ ބޭކާރު ވިސްނުންތަކެއް. ހުރިހާ ކަމެއް އަހަރެން ހަމަޖައްސައިދޭނަން. “

އެކަމާ އެއްބަސްވުމުގެ ގޮތުން ހައްވާފުޅު ބޯޖަހާލިއެވެ.

”ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މާލެ ފުރަން ޖެހޭނެ.“އިބްރާހީމް ހިނގައްޖެ އެވެ.ބ ހައްވާފުޅުގެ ނިވެމުންދާ ބައްތިއަށް ތެޔޮ އަޅައިދީފަ އެވެ.

ދުނިޔެއިން ފޫހިވެފައި ހުރި ހައްވާފުޅު، ދުނިޔޭގައި އުޅޭހިތް ވާން ފަށައިފިއެވެ. ފޫޅުމައިކަމަކީ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެކެވެ. އިޖްތިމާޢީ ރީތި މަސައްކަތަކަށް ވެފައި ޖަމާއަތަށްް ޚިދުމަތެއް ކޮށްދެވުމަކީ އެކަމުން ރޫޙާނީ އުފަލެއްވެސް ލިބޭ ޝައުޤުވެރި ކަމެއްކަމުން އޭނާ ހުރީ ވަރަށް އުފާވެފައެވެ. އޭނާ ހިނިތުންވެލައިފިއެވެ.  ބަނޑުހައިވެއްޖެ ކަމުގެ އިހްސާސް ކުރެވިއްޖެ އެވެ. ކާއެއްޗަކަށް ބޭނުން ވެއްޖެއެވެ. އެތަކެއް ދުވަސް ވަންދެން ރަނގަޅަށް ނުކައި ހުރުމަށްފަހުއެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި އަރުން އެއްޗެއް އެތެރެކުރިނަމަ އެއީ ދަރިފުޅަށް ބުއްދޭން ޖެހޭތީ ރުހުމާ ދެކޮޅަށް ދަރިފުޅަށްޓަކާ ކުރި ކަމެކެވެ. އޭނާ ތަންކޮޅެއް ބާރަށް ސިއްތިއަށް ގޮވާލިއެވެ. އެއަޑަށް ބަދިގޭގައި އިން ސިއްތިވެސް ހައިރާން ވިއެވެ.  ވަރަށްމަޑުން އަދި މަދުންނޫނީ ވާހަކަ ނުދައްކާ ހައްވާފުޅަށް ކޮންމެވެސް ކަމެއް ވެއްޖެކަން އެނގިގެން އަވަހަށް ގޭތެރެއަށް ވަދެއްޖެއެވެ.

”އަނެއްކާ ކިހިނެއްވީ ފުޅާ.! “ އޭނާއަށް ފެނުނީ މުޅިން ބަދަލުވެފައިވާ ހައްވާފުޅެކެވެ. ހެވި ދިލިފާ ހުރި ހައްވާ ފުޅެކެވެ.

”ބަނޑު ހައިވެއްޖެ ވަރަށްބޮޑަށް……..“ ސިއްތިއަށް ދެންވެސް ލިބުނީ ހައިރާން ކަމެވެ. ގަދަކަމުން އާދޭސް ކޮށްގެންވެސް މަދު ކާއެތިކޮޅަކުން ފުއްދާލައިގެން އުޅޭ ހައްވާފުޅު ބަނޑުހައިވެއްޖެއޭ ބުނުމުންނެވެ. އޭނާ ހައްވާފުޅަށް ނިކަން ރަނގަޅަށް ބަލައިލިއެވެ. ”އަނެއްކާ ކަލޭ …ފުޅު….. ތަބީއަތް ރަނގަޅުތަ؟ ނުނީ މޮޔަވީތަ؟ އަހަންނަށް ގަބޫލު ނުކުރެވިގެން މި އުޅެނީ.“ ހައްވާފުޅަށް ބައެއްފަހަރު ސިއްތި ފުޅު އޭ ކިޔަނީ ހެއްވާލާށެެވެ.

”އާނ.. ތަބީއަތް ރަނގަޅު. އެނގޭތަ ވީގޮތް.؟ އޮފީހުން ނިމިގެން ދަމުން އިބްރާހީމް ބޭބެ އެދިޔައީ މި ގެއަށް ވަދެ އަހަންނާ ވާހަކަ ދައްކާފައި.“ (ނުނިމޭ)

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top