ކައުންސިލްތަކަށް ބާރުތައްދޭ ބިލް ތަސްދީގު ކުރައްވައިފި

solih-wr-768x542.jpg

ރައީސް، އިބްރާހީމ މުހައްމަދު ސާލިހު-- ފޮޓޯ :ރައީސް އޮފީސް

ކައުންސިލްތައް ހަގީގީ މާނައިގައި ލާމަރުކަޒުކޮށް، މާލީ ބާރުވެރިކަން ދޭން ގާނޫނަށް ގެނައި އިސްލާހުތަކުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި އިސްލާހުތައް ތަސްދީގު ކުރެއްވީ ކައުންސިލަރުންނާ އެކު މިއަދު ފެށި މަހާސިންތާގަ އެވެ. ކްރޮސްރޯޑްސްގައި ބޭއްވި މި މަހާސިންތާގައި 200 އަށް ވުރެ ގިނަ ކައުންސިލަރުން ބައިވެރިވެވަޑައިގަތެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގަމުން އައި ނަމަވެސް މިހާތަނަށް އޮތީ، ގާނޫނުން ކަނޑައަޅާފައިވާ ބައެއް ބާރުތައް ސަރުކާރުގެ މުށު ތެރޭގައި ހިފަހައްޓާފައެވެ. މިކަން ބަދަލުކުރަން،  ރައްޔިތުންގެ މަޖިލީހުން ވަނީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ.

ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމުގެ ގޮތުން ގާނޫނަށް ގެނައި ބަދަލުގެ ތެރޭގައި ދައުލަތުގެ ބަޖެޓްގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ. މަޖިލީހުން ފާސް ކުރި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ވެސް ވަނީ އެ ބަދަލާ އެއް ގޮތަށް ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ހިމަނައިފަ އެވެ.

ބިލަށް ގެނައި އިސްލާހުގެ ތެރޭގައި އެލްޖީއޭއަށް ކައުންސިލަރުން ސަސްޕެންޑް ކުރުމުގެ ބާރު ލިބިދެވެ އެވެ.

އެލްޖީއޭއިން އެކުލަވާލާ އިންކުއަރީ ކޮމިޝަނަކުން މައްސަލަ ބަލައި، އަދި އެ މައްސަލައިގެ ރިޕޯޓު އެލްޖީއޭއިން ދިރާސާ ކުރުމަށް ފަހު ކައުންސިލަރުންނަށް ކަންކަން އިސްލާހު ކުރުމަށް އެންގޭނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ. އަދި އިސްލާޙު ނުކޮށްފި ނަމަ ތިން މަސްދުވަހަށްވުރެ ދިގު ނޫން މުއްދަތަަކަށް ކައުންސިލަރުން ސަސްޕެންޑް ކުރުމުގެ ބާރު ބިލުން ވަނީ އެލްޖީއޭއަށް ދީފަ އެވެ. މިހާރު ބިލު އިސްލާހު ކުރިގޮތުން ކައުންސިލަރުންނަށް އަޅާ ފިޔަވަޅެއްގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނޯންނާނެ އެވެ.

އޭގެ އިތުރުން ކޮންމެ ރަށެއްގައި އެންމެ މަދުވެގެން ފަސް ކައުންސިލަރުން ތިބެން ޖެހޭ ގޮތަށްވެސް ވަނީ ބަދަލު ގެނެސްފަ އެވެ.

އާބާދީގައި 3000 މީހުންނަށްވުރެ މަދު މީހުން ތިބޭ ރަށްރަށުގައި ފަސް ކައުންސިލަރުން އަދި އޭގެ ތެރެއިން ދެ ކައުންސިލަރުންނަކީ އަންހެނުން ކަމަށް ކަނޑައަޅަން ވަނީ ގާނޫނަށް ބަދަލުގެނެސްފަ އެވެ. އަދި އާބާދީގައި 3000 ކައުންސިލަރުންނަށްވުރެ ގިނަ ވާނަމަ އެރަށެއްހައި ހަތް ކައުންސިލަރުން އަދި އޭގެތެރެއިން ތިން ކައުންސިލަރުންނަކީ އަންހެނުންނަށް ވާން ޖެހޭނެ އެވެ.

މިހާރު ފާސްކުރި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވާގޮތުން ކޮންމެ ކައުންސިލެއްގެވެސް 33 ޕަސެންޓް އަންހެނުންނަށް ދޭން ޖެހޭނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top