ޑީއައިކަޕް 2019: ދޮންފަނު ބަލިކޮށް އޭދަފުށި ތަށި ދިފާއުކޮށްފި

80221360_2449779665310030_8820239062058139648_o.jpg

ޗެންޕިއަން އޭދަފުށި ޓްރޮފީއާއެކު / ފޮޓޯ: ދޮންފަނު އިންވިޓޭޝަން ކަޕް އިންތިޒާމް ކޮމެޓީ

23 އަހަރުން ދަށަށް ހުޅުވާލައިގެން ބ. ދޮންފަނުގައި ބޭއްވި ދޮންފަނު އިންވިޓޭޝަން ކަޕް 2019 މުބާރާތުގެ ޗެމްޕިއަންކަން އޭދަފުށި ދިފާއުކޮށްފިއެވެ.

އޭދަފުށި، ޗެމްޕިއަންކަން ދިފާއުކުރީ މުބާރާތުގެ ފައިނަލްމެޗްގައި މިއަދު ދޮންފަނާ ބައްދަލުކޮށް 4-3ގެ ނަތީޖާއަކުންނެވެ. ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ން އެއްވަރުވުމާ ގުޅިގެން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އޭދަފުށި ކުރިހޯދީ 4-3ން ނެވެ.

މިއަދުގެ މެޗްގައި ދެޓީމުންވެސް ޖެހި ލަނޑު ފެނިގެން ދިޔައީ ފުރަތަމަ ހާފްގައެވެ. 11 ވަނަ މިނެޓްގައި އޭދަފުށި ލީޑް ނެގީ އިބްރާހީމް ޝަރީފްގެ ގޯލުންނެވެ. ސޯޅަ ވަނަ މިނެޓްގައި ދޮންފަނުން ހަމަހަމަ ކުރީ ކެޕްޓަން އިފްހާމެވެ. ފެށުނީއްސުރެ ވެހެމުން ދިޔަ ވާރޭގެ ތެރޭގައި މިމެޗްގައި ދެޓީމުންވެސް ލަނޑުޖަހަން ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވީއެވެ.

ދޮންފަނުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ދެ ޕެނަލްޓީ އެވެ. އޭދަފުށިން ވަނީ ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. އޭދަފުށީ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ އަހުމަދު ޝިޔާން އާއި އަލީ ނަސީމް އަދި ޔަމާން އެވެ. ހައްމާދު ޖެހި ޕެނަލްޓީ ކީޕަރު ޒަޔާން މަތަކުރިއިރު ލުއްޑަ ޖެހި ޕެނަލްޓީ އަމާޒުވީ ހުރަސް ދަނޑިއަށެވެ. ދޮންފަނު ޓީމުގެ ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ އިފްހާމް އާއި މުހައްމަދު ރީހާން ޖެހި ޕެނަލްޓީ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ އޭދަފުށީ ޓީމުގައި މިފަހަރު މޮޅު ކުޅުމެއްދެއްކި އިބްރާހީމް ޝަރީފް (ލުއްޑާ) އެވެ. މުޅިމުބާރާތުގައި އޭނާ 6 ގޯލު ޖެހިއެވެ. އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ދޮންފަނު ޓީމުގެ ގޯލު ބެލެހެއްޓި ޒަޔާން ހޯދިއިރު އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމް ހޯދީ ދޮންފަނު ޓީމުގެ އިސްމާއީލް ލިއާޒް އެވެ. ފެއަރ ޕްލޭ ޓީމަކަށް ރަނަރަޕް ދޮންފަނު ޓީމު ހޮވުނުއިރު ފެއަރ ޕްލޭ ކުޅުންތެރިޔާގެ މަގާމް ލިބުނީ ކިހާދޫ ޓީމުގެ ކެޕްޓަން ހުސައިން އީމާންއަށެވެ.

މިއަދުގެ މެޗު ޝަރަފްވެރި ކޮށްދެއްވީ ކުޅިވަރަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އިބްރާހީމް އިސްމާއީލް އެވެ.

2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ދޮންފަނު އިންވިޓޭޝަންކަޕް ހަތަރު މުބާރާތް ނިމުނުއިރު އޭދަފުށި ވަނީ ދެއަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ މިދިޔައަހަރާއި މިއަހަރުއެވެ. 2017 ވަނައަހަރު މުބާރާތް ކާމިޔާބުކުރީ ގޮއިދޫއެވެ. 2016ގައި ކިހާދޫއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top