އިންޑިއާގެ ކަލްކަތާގެ ރަނާގަޓް ރޭލްވޭ ސްޓޭޝަނަކީ އޭނާގެ ގެއެވެ. ބަނޑު ފުރާނަ މުއްތިކޮށްގެން އުޅެނީ އެ ތަނަށް އައިސް ގޮސްވާ ދަތުރުވެރިންނަށް ލަވަ ކިޔައިދީގެންނެވެ. އެގޮތަށް އެތައް އަހަރެއް ވޭތުވެގެން ދިޔައިރު ފިރިމީހާމަރުވެ އެދެމަފިރިންނަށް ލިބުނު ހަމައެކަނި އަންހެން ދަރިފުޅުވެސް އޭނާގެ އެކަނިވެރިކަމުގެ ހާލަށް ދުކޮށްލާފައި ދިޔައީއެވެ. މި ދައްކަނީ އިންޑިއާގައި އުފެދުނު އެންމެ މޮޅު ލަވަކިއުންތެރިޔާ، ލަތާ މަންގޭޝްކަރު ކިޔާފައިވާ ލަވަ “އެކްޕިޔާރުކަ ނަޣުމާހޭ” ކިޔައިގެން އެލަވަ މީހަކު ސޯޝަލް މީޑިއާ އަށް އަޕްލޯޑު ކުރުމާއެކު މަޝްހޫރުވެގެން ދިޔަ ރާނޫ މަންޑަލްގެ ވާހަކައެވެ. އުމުރުން 59 އަހަރުވެފައިވާކަން ހަށިގަނޑުން ދެއްކި ނަމަވެސް އޭނާގެ އަޑު އަދިވެސް ޒުވާނެވެ. ހުނަރުން ފުރިފައިވާ މިރީތި އަޑުގެވެރިޔާގެ އަތުގައި ހިފީ މަޝްހޫރު ލަވަލިއުންތެރިޔާ އަަދި އެކްޓަރު ހިމޭޝް ރޭޝްމިޔާ އެވެ. ޔަގީން ކަމާއެކު އެއްވެސް ޝައްކެއްނެތި ހިމޭޝް ފުރަތަމަވެސް ރާނޫ ލައްވާ އޭނާގެ ފިލްމް ހެޕީ ހާޑީ އަދި ހީރުގައި ލަވަކިއުމުގެ ފުރުސަތުދިނެވެ. އެއީ ރާނޫ، ރާނޫއަކަށް ވީ ހިސާބެވެ.
“ކޮންމެ ގޮތަކަށް ދިރިއުޅުން ވޭތުވެގެން ދިޔަނަމަވެސް މިއަދު ޝަކުވާ އެއްނެތް. ފަހަތް ބަލައިގެން ވާނެ ކަމެއްވެސް ނެތް. އެކަމަކު އަހަރެންގެ ނަސީބު ބަދަލުކޮށްލީ ހިމޭޝް. ފިރިމާިހާ މަރުވެ ހުރިހާ އެއްޗެއް ގެއްލި ދިއުމުން މުންބާއީ ދޫކޮށްލާފައި ކަލްކަތާއަށް އައީ. ދިރިއުޅުމުގައި ހޭދަކުރި ގިނަ އަހަރުތަކުގައި އުފަލެއް ނުލިބި އުމުރު ހުސްވާން ކައިރި ވިއިރުވެސް އަބަދުވެސް އަހަރެން ރޮމުން އައީ ހިނދުކޮޅެއްގެ ވިޔަސް ކުޑަކުޑަ އުފަލަކަށް އެދި. މިއަދު އެކަން ފުރިހަމަ ވެއްޖެ. މާޒީވެ ދިޔަ ހުރިހާ ހަނދާންތަކެއްގެ ރިހުންތައް ހިމޭޝް ގެ އޯގާތެރި އަތުން ފޮހެލައިދީފި.” ހިމޭޝް އަށް ޝުކުރުވެރިވަމުން ރާނޫ ބުންޏެވެ.
ރާނޫ ބުނީ މިއަދު ވެސް އޭނާގެ ލޮލުން ކަރުނަ އޮހޭ ކަމަށާއި އެކަމަކު އެއީ އުފަލުގެ ކަރުނަ ކަމަށެވެ. އެކަރުނައިގެ ތެރެއިންވެސް ސިފަވަނީ ހިމޭޝް ކަމުގައެވެ.
އޭނާ އިތުރަށް ބުނީ އަހަންނަށް ހިމޭޝް ގެ ފިލްމަކަށް ލަވަ ކިއުމުގެ ފުރުސަތު ނުދިންނަމަ ހަމަގައިމުވެސް އަހަރެންގެ ދުނިޔެ ބަދަލުވެގެން ނުދާނެ ކަމަށެވެ.
“އަހަރެންގެ އަޑަކީ ގަބޫލުކުރެވޭ އަޑަކަށްވެ ހިމޭޝްގެ ފިލްމަކަށް ލަވަކިއުމުގެ ފުރުސަތު ދިންކަމަށް ޓަކާ މުޅި އުމުރަށް ވެސް އޭނާއަށް ޝުކުރު އަދާކުރާނަން. އަދި އަހަރެންގެ ލަވައަށް ލޯބި ކުރިއެންމެނަށް ޝުކުރު އަދާ ކުރަން.” ލަތާގެ އަޑުން ލަވަކިޔޭތޯ މަސައްކަތް ކުރަމުން އައި ރާނޫ ބުންޏެވެ.
ހިމޭޝް އާއެކު ރާނޫ ކިޔައިދީފައިވާ “ތޭރީ މޭރީ ކަހާނީ” އަކީ އަސްލު އޭނާގެ ދިރިއުޅުމުގެ ވާހަކަ ކަމުގައި ރާނޫ ބުންޏެވެ.
ރާނޫ ބުނީ ރީތިކޮށް ލަވަކިޔޭތޯ އަބަދުވެސް މަސައްކަތް ކުރަމުން އައި ކަމަށެވެ. ކޮންމެ ދުވަހަކުވެސް އޭނާ ލަވަކިޔައެވެ. ލަވަނުކިޔާ ދުވަހެއް ނަމަ އެދުވަހު ހިތްހަމަޖެހުމެއް ނުލިބޭ ކަމަށް އޭނާ ބުނެއެވެ.
“އަހަންނަށް ލިބިފައިވަނީ ރީތި އަޑެއް. ހަމައެއާއެކު ލަވައިގެ ހަމަ ހިފަހައްޓަން ޖެހޭ ގޮތާއި ރާގު ދަސްކުރުމަކީ އެހާ އުނދަގޫކަމެއް ވެސް ނޫން. އެކަމަކު އެކަން ދަސްކުރީ މީހެއްގެ ގާތަކުން ނޫން. އަހަރެންނަށް ލިބިފައިވާ ހުނަރުގެ ބޭނުން ކޮށްގެން އަމިއްލައަށް މޮޅު ލަވަކިއުންތެރިންގެ އަޑުތައް ކޮޕީ ކޮށްގެން. އެގޮތުން ރަފީ ،ލަތާ ،މުކޭޝް ،ކިޝޯރު އަދި ކުމާރު ސާނޫއާއި ސޯނޫ ނިގާމްގެ ލަވަތައް ކެސެެޓްރޯލުގެ ޒަމާނުން ފެށިގެން އަޑުއަހަމުން އެމީހުން ކިޔާ ގޮތަށް ކިޔޭތޯ މަސައްކަތް ކުރިން. އެމަސައްކަތް ކުރަމުން ސްޓޭޖް ތަކުގައިވެސް ލަވަކިޔާފައި ހުންނާނެ.”
ރާނޫގެ ފިރިމީހާ ވަޒީފާއަކީ ކުރީގެ މަޝްހޫރު ފިލްމްސްޓާރ ފީރޯޒު ޚާންގެ ގޭގައި ކެއްކުމުގެ ވަޒީފާއެވެ. “އެކަމަކު އޭނާއަށް އަހަރެން ލަވަ ކިޔާ އަޑެއް ނީވޭނެ. ސްޓޭޖްތަކުގައި ލަވަކިޔަމުން އައި ދުވަސްވަރު އަހަރެން ވާނީ ރިޝީ ކަޕޫރާއި ރާޖް ބައްބަރު ފަދަ ތަރިންނާ ބައްދަލުވިޔަސް ޝުކުރުގެ ބަހެއް ފިޔަވައި އިތުރު އެއްޗެއް ނުލިބުނު. ” ރާނޫ ބުންޏެވެ.
ރާނޫ މިހާރު އަންނަނީ ލަވައަކަށް ފަހު ލަވައެއް ރެކޯޑްކުރަމުންނެވެ. ކުރީގެ ބައެއް ލަވަތައް ކިޔއިގެން މަޝަހޫރުކަން ހޯދަމުން އަންނަ އިރު ލަތާ އަށްވެސް ރާނޫގެ އަޑު އޮތީ އިވިފައެވެ. އެކަމަކު ހަމައެއާއެކު ލަތާ އޭނާއަށް ނަސޭހަތުގެ ގޮތުން ބުނެފައިވަނީ އެއްވެސް މީހަކު ކޮޕީކޮށްގެން ލަވަ ކިއުން ރަނގަޅު ނޫންކަމަށެވެ.
ރާނޫ މިހާރު އަށް ލަވަ ރެކޯޑު ކޮށްފި އެވެ. ފުރަތަމަ ދެލަވައަކީ ހިމޭޝް ގެ ދެ ލަވަ އެވެ. މިހިސާބުން ނިމުނީއެއް ނޫނެވެ. އޭނާއަށް ލިބޭ ފުރުސަތުތައް އަންނަނީ އިތުރު ވަމުންނެވެ.