އިތުރުކޮށްލުމެއް: އަލްފާތިޙާ ސޫރަތާއި ގުޅޭ ބައެއް އިތުރު މައްސަލަތައް

Al-Fatihah.jpg

އަބްދުލް ޣަފޫރު އަބްދުއްރަހީމް ގ.މަންޒިލް

(އޮގަސްޓް 2 އާއި ގުޅޭ)  ދެން، އަލްފާތިޙާ ކިޔެވުމުގައި ބިސްމި ކިޔުމަށް ބާރު ލިބިދޭ ހަދީސްތަކުގެ މައްޗަށް ބަލައިލަމާތޯއެވެ. މީގެ ތެރޭގައި ނަޢީމު ބިން ޢަބްދުﷲ އަލްމުޖައްމަރުގެ ހަދީސް ހިމެނެއެވެ. އޭނާ ވިދާޅުވެފައިވެއެވެ. “ތިމަންކަލޭގެފާނު، އަބޫ ހުރައިރަތުގެފާނު ފަހަތްޕުޅުގައި، ނަމާދު ކުރެއްވީމެވެ. އެކަލޭގެފާނު އަލްފާތިޙާގެ ކުރިން ބިސްމި ކިޔަވާވިދާޅުވިއެވެ. އަދި އަބޫހުރައިރަތުގެފާނު ވިދާޅުވިއެވެ. ‘ކަލޭމެންގެ ތެރެއިން ސަލާމާއި ސަލަވާތް ލެއްވި މާތްﷲގެ ރަސޫލާގެ ނަމާދުފުޅާ އެންމެ ވައްތަރުކަން ބޮޑީ ތިމަން ކަލޭގެފާނުގެ ނަމާދެވެ.'” މީގެ އިތުރުން ބިސްމި ކިޔުމަށް ހެކިލިބޭ ހަދީސްގެ ތެރޭގައި އިބްނު ޢައްބާސް ރިވާކުރައްވައިފައިވާ ހަދީސެއް ވެސް ވެއެވެ. އިބްނު ޢައްބާސް ވިދާޅުވެފައި ވެއެވެ. “ސަލާމާއި ޞަލަވާތް ލެއްވި ނަބިއްޔާ ބިސްމި ކިޔަވާވިދާޅުވަނީ އަޑުހަރުކޮށެވެ.” އަދި އުއްމު ސަލަމާ ރިވާކުރެއްވި ހަދީސެއްގައި ވެއެވެ. “ނަމާދުގައި ސަލާމާއި ޞަލަވާތްލެއްވި މާތްﷲގެ ރަސޫލާ ކިޔަވާވިދާޅުވަނީ ‘بسم الله الرحمن الرحيم، الحمد لله رب العالمين .. (މިހެންނެވެ.)” މާނައަކީ ބިސްމި ކިޔަވާވިދާޅުވަނީ އަޑުހަރުކޮށްކަމެވެ.

މިނަންގަނެވުނު ހަދީސްތަކުން ހެކި ލިބިގަންނަން މަސައްކަތްކުރެވިފައިވަނީ އަލްފާތިޙާ ސޫރަތް ކިޔެވުމުގައި ބިސްމި ކިޔަން ޖެހޭނޭކަމެވެ. ނަޢީމު ބިން ޢަބްދުﷲގެ ހަދީސްގައި އަލްފާތިޙާ ސޫރަތް ކިޔެވުމުގައި ބިސްމި ކިޔެވިކަމާއި އަދި، އެދުވަސްވަރު އެމުޖުތަމައުގައި ހިމެނުނު އެހެން އެންމެންގެ ނަމާދާ އަޅާބަލާއިރު، ކީރިތި ރަސޫލާގެ ނަމާދުފުޅާ އެންމެ ގާތްކަން ބޮޑު ގޮތެއްގައި ނަމާދު ކުރައްވަނީ އަބޫހުރައިރަތުގެފާނުކަން މިއަޘަރުގައި ފާހަގަކުރައްވައިފައި ވެއެވެ. އަދި މިކަމުން، އަލްފާތިޙާ ސޫރަތް ކިޔެވުމުގައި ކީރިތި ރަސޫލާ ބިސްމިކިޔަވާ ވިދާޅުވިކަން ވެސް ދޭހަ ވެއެވެ. އަދި މީގެ އިތުރުން، ކީރިތި ރަސޫލާ އަލްފާތިޙާ ސޫރަތް ކިޔެވުމުގައި ބިސްމި ކިޔަވާވިދާޅުވި އަޑުފުޅު، އަބޫހުރައިރާ އެއްސެވިކަން ވެސް ދޭހަވެއެވެ. އަދި އަބޫހުރައިރާގެ މިއަޑު އެއްސެވުން ދޭހަކޮށްދެނީ ކީރިތި ރަސޫލާ ބިސްމި ކިޔަވާވިދާޅުވީ އަޑުހަރުކޮށް ކަމެވެ. ދެން އިތުރަށް ނަންގަނެވުނު ދެހަދީސުން ވެސް މިކަން، އާދެ، ކީރިތި ރަސޫލާ، އަލްފާތިޙާ ސޫރަތް ކިޔާވާ ވިދާޅުވުމުގައި ބިސްމި ކިޔުއްވިކަމާއި އަދި ބިސްމި ކިޔުއްވީ އަޑުހަރުކޮށްކަން، ސީދާ ސަރީހަކޮށް ބަޔާން ކުރެވިފައި ވެއެވެ.

ނަމާދުގައި އަލްޙަމްދު ކިޔާވާއިރު ބިސްމިކިޔަން ޖެހޭތޯ ނުވަތަ ނޫންތޯއާ ބެހޭ މައްސަލަގައި، އިލްމު ވެރިންގެ ރައުޔު ތަފާތު ވުމުގެ ފުރަތަމަ ސަބަބަކީ މިނަންގަން ފަދައިން ތަފާތު ދެގޮތަށް ދޭހަވާ ހަދީސްތައް ވާރިދުވެފައި ވުމެވެ. މިމައްސަލައިގައި، އިލްމުވެރިންގެ ރައުޔު ތަފާތު ވުމުގެ އަނެއްސަބަބަކީ، ބިސްމިއަކީ އަލްޙަމްދު ސޫރަތުގެ އާޔަތެއްތޯ ނުވަތަ ނޫންތޯއާ މެދު އުފެދިފައިވާ ޚިޔާލު ތަފާތުވުމެވެ. އިމާމު މާލިކު ދެކެވަޑައިގަންނަވަނީ ބިސްމިއަކީ އަލްފާތިޙާ ސޫރަތުގެ އާޔަތެއް ނޫންކަމެވެ. އަދި އިމާމު އަބޫޙާނީފާ ވެސް، އަލްފާތިޙާ ސޫރަތުގެ އާޔަތެއްގެ ގޮތުގައި، ބިސްމި، ނުހިމަނުއްވައެވެ. އިމާމު އައްޝާފިއީ ވިދާޅުވަނީ ބިސްމިއަކީ އަލްފާތިހާ ސޫރަތުގެ އާޔަތެއް ކަމުގައެވެ. ހަމަ އެހެންމެ، އިމާމު އަޙްމަދު ވެސް ވިދާޅުވަނީ މިފަދައިންނެވެ. ބިސްމިއަކީ އަލްފާތިޙާ ސޫރަތުގެ އާޔަތެއްގެ ގޮތުގައި ދެކިވަޑައި ނުގަންނަވާ، ނުވަތަ އެސޫރަތުގައި ނުހިމަނުއްވާ ބޭކަލުންގެ ހެއްކަކީ، އަލްފާތިޙާ ސޫރަތް ކިޔެވުމުގައި، ކީރިތި ރަސޫލާ ބިސްމި ކިޔަވާ ވިދާޅު ނުވާކަމަށް ވާރިދު ވެފައިވާ، ކުރީގައި ނަންގަނެވި ދިޔަ، ހަދީސްތަކެވެ. މިބޭކަލުން، އަލްފާތިޙާ ސޫރަތުގެ އާޔަތްތައް އަދަދު ކުރެއްވުމުގައި ހަތް އާޔަތް ހަމަ ކުރައްވަނީ صراط الذين أنعمت عليهم މިއީ ހަވަނަ އާޔަތް ކަމަށް ބައްލަވައި އަދި غير الغضوب عليهم ولا الضالين މިއީ ހަތްވަނަ އާޔަތް ކަމަށް ބައްލަވައިގެންނެވެ. މިރައުޔު، ބެލެވިފައިވަނީ އޭގެ ބުރަދަން ބޮޑު ރައުޔެއް ނޫން ކަމުގައެވެ. (އައްތަފްސީރު އަލްކަބީރު، 197-196/1، ތަފްސީރު އަލްމަނާރު 92/1، ފިޤްހު އައްސުއްނަތް 115/1)

ބިސްމިއަކީ އަލްފާތިޙާ ސޫރަތުގެ އާޔަތެއް ކަމުގައި ދެކެވަޑައި ގަންނަވާ ބޭކަލުންގެ ހެއްކަކީ، އަލްފާތިޙާ ސޫރަތް ކިޔަވާ ވިދާޅުވުމުގައި، ކީރިތި ރަސޫލާ ބިސްމި ކިޔަވާ ވިދާޅުވިކަމަށް އޮންނަ ހަދީސްތަކެވެ. އަދި މީގެ އިތުރުން، މުޞްހަފުގައި (ޚަތިމުގައި،) އަލްފާތިހާ ސޫރަތުގެ ކުރިއަށް ބިސްމި ލިޔެވިފައި، އަދި އެސޫރަތުގެ އާޔަތްތައް އަދަދު ކުރުމުގައި ބިސްމި ހިމަނާފައި އޮންނަ އޮތުމެވެ. ޚަތިމުގައި ކީރިތި ޤުރްއާނުގައި ނުހިމެނޭ އެއްވެސް އާޔަތެއް ލިޔެވިފައި ނޯންނާނޭކަމަށް މިބޭކަލުން ދެކިލައްވައެވެ. އަދި، ނަމާދުގައި، އަލްފާތިޙާ ސޫރަތް ނިމުމުން އާމީން ކިޔުން އޮންނައިރު ވެސް، އަލްފާތިޙާ ސޫރަތުގެ އާޔަތެއްގެ ގޮތުގައި ނުހިމެނޭތީ، އާމީން ލިޔެވިފައި ނުވާކަންވެސް، މިބޭކަލުން ފާހަގަކުރައްވައެވެ. މާނައަކީ، އަލްފާތިޙާ ސޫރަތުގައި ބިސްމި ނުހިމެނޭކަމަށްވާ ނަމަ، އާމީން ފަދައިން ބިސްމި ވެސް ލިޔެވިފައި ނުއޮތީހެވެ.

ބިސްމިއާ ބެހޭ މިވާހަކަ ކޮޅު ނިންމާލުމުގެ ގޮތުން، މިމައްސަލައާ މެދު، މުއުތަބަރު ދެއިލްމުވެރިޔަކު ލިޔުއްވާފައިވާ ބަސްކޮޅެއްގެ ޚުލާސާ ލިޔެލާނަމެވެ. ޝައިޚު މުޙައްމަދު ޢަބްދުހޫ ވިދާޅުވާގޮތުގައި ބިސްމި ސިއްރުންނާއި އަދި އަޑުހަރުކޮށް ކިޔުމާ މެދު އައިސްފައިވާ ތަފާތު އާޙާދު (އެކަހެރި) ރިވާޔާތްތަކަކީ އެރިވާޔަތްތަކުން ހެކިލިބި ގަނެވިދާނޭ ފަދަ ބާރުހުރި ރިވާޔާތްތަކެކެވެ. ނަމަވެސް ބިސްމިއަކީ އަލްފާތިޙާގެ އާޔަތެއް ނޫން ކަމާމެދު އައިސްފައިވާ ރިވާޔަތްތަކަކީ އެއިން ހެކި ލިބިގަނެވިދާނޭ ވަރަށްވުރެ މާބޮޑަށްވެސް ޟަޢީފު (ބަލިކަށި) ރިވާޔަތްތަކެކެވެ (ތަފްސީރު އަލްމަނާރު 90/1). އަދިވެސް އޭނާ ބަޔާން ކުރައްވާފައިވެއެވެ. މިމައްސަލައިގައި އެންމެ ސާފުކޮށް ފެންނަންއޮތް ހެއްކަކީ ޚަތިމުގައި އަލްފާތިޙާ ސޫރަތް ލިޔުމުގައި ބިސްމި ލިޔެވި، އަދި ބިސްމިއަކީ އެސޫރަތުގެ އާޔަތެއް ކަމުގައި ހިމެނިފައި އޮތްކަމެވެ. އަދި މިހެންވެ، މިކަމުން އަލްފާތިޙާ ސޫރަތް ކިޔެވުމުގައި ބިސްމި ކިޔުމާއި، އަދި ބިސްމި އަޑުހަރުކޮށް ކިޔުމަށް ބުރަވެވޭ ކަމުގައިވެސް އޭނާ ބަޔާން ކުރައްވައެވެ. (ތަފްސިރު އަލްމަނާރު 89/1، 94/1).

އަލްފާތިޙާ ސޫރަތް ކިޔެވުމުގައި ބިސްމި ކިޔެވުމާބެހޭ ގޮތުން އައިސްފައިވާ ތަފާތު ރިވާޔާތްތައް އިއްތިފާގު ކުރެއްވުމުގެ ގޮތުން، އިބްނު އަލްގައްޔިމު، އޭނާގެ ޒާދު އަލްމަޢާދު ގައި ބަޔާންކުރައްވައިފައި ވެއެވެ. ސަލާމާ ޞަލަވާލެއްވި މާތްﷲގެ ރަސޫލާ، (ރޭގަނޑުގެ) ނަމާދުތަކުގައި، އަލްފާތިޙާ ސޫރަތް ކިޔަވާ ވިދާޅުވާއިރު، ބައެއް ފަހަރު ބިސްމި އަޑުހަރުކޮށް ކިޔުއްވާފައި ވެއެވެ. އަދި އަނެއްބައިފަހަރު ސިއްރުން ވެސް ކިޔުއްވާފައި ވެއެވެ. އަދި އޭނާ ދެކިލައްވާގޮތުގައި ކީރިތި ރަސޫލާ ނަމާދުގައި ބިސްމި ގިނައިން ވިދާޅުވެފައިވަނީ ސިއްރުންނެވެ. (ޒާދު އަލްމަޢާދު 200-199/1).

މަތީގައި ލިޔެވުނު ވާހަކަތަކުން ނަމާދުގައި އަލްފާތިޙާ ސޫރަތް ކިޔެވުމުގައި ބިސްމި ކިޔުމާއި އަދި ބިސްމި ކިޔާނީ ސިއްރުންތޯ ނުވަތަ އަޑުހަރުކޮށްތޯއާއި ގުޅޭގޮތުން އައިސްފައިވާ ހަދީސްތަކާއި އަދި އިލްމުވެރިންގެ ވާހަކަތައް ކޮންމެވެސް ވަރަކަށް ނަމަވެސް ސާފުވެދާނެކަމަށް އުއްމީދު ކުރަމެވެ. މިފަދަ ފަރުއީ މައްސަލަތަކަކީ އެއާމެދު އެންމެން އެކައްޗެއް ކިޔައި އެއްބަސް ވުމަކަށް އާދެވުން ދުރު މައްސަލަތަކެކެވެ. މިކަމުގެ ހުރި ހެކިތަކުގެމައްޗަށް ބަލައި އަދި އިލްމުވެރިންގެ ވާހަކަތަކަށްވެސް ރިއާޔަތްކޮށް، އެއާމެދު ގޮތެއް، ތިމާގެ އަމިއްލަ ވިސްނުން ބޭނުންކޮށްގެން، ކޮންމެ މީހަކުވެސް، ޚިޔާރު ކުރަންވީއެވެ. އެހެން މީހުންގެ ރައުޔަށް ވެސް އިހުތިރާމުކޮށް، އެކަމަކީ އަރާރުންވެ ބައިބައިވާން ޖެހޭ ސަބަބަކަށް ނުހަދައެވެ. ހީވާގޮތުގައި، ނަމާދުގެ ބޭރުފުށުގެ ކަންތައްތައް ވީހާވެސް ރަގަޅަށް އަދާ ކުރެވޭތޯ ބަލާ ފަދައިން، ނަމާދުގެ އަސްލު މަގުސަދާ ދޭތެރޭ ފުންކޮށް ވިސްނައި އެކަން ހާސިލު ކުރެވޭތޯ ބެލިއްޖެނަމަ، މިދެންނެވި ފަދަ އަރާރުންތަކާއި ބައިބައިވުމުން ދުރުހެލިވުމަށް އެހީވެދޭނެއެވެ. ކުރީ ހަލަގާއެއްގައި ބަޔާން ކުރެވި ދިޔަފަދައިން، ނަމާދުގެ ބޭނުމަކީ، ނަމާދު ކުރާމީހާ، މާތްﷲއާއި ގުޅުވާލަދީ އަދި އެގުޅުމުގެ ސަބަބުން މީހާ ހެޔޮލަފާ މީހަކަށް ވުމަށް އެހީވެދިނުމެވެ. إن الصلاة تنهى عن الفحشاء والمنكر … (ހަމަ ކަށަވަރުން ނަމާދަކީ ފާޙިޝް ކަންތައްތަކާއި މުންކަރާތްތަކުން … ދުރުހެލިކުރުމަށް (އެހީވެދޭ) … (ވަސީލަތެކެވެ)، މިއާޔަތުގައި ވާފަދައިންނެވެ. އެހެންވެ، ނަމާދު ކުރުމުގައި އެންމެ އިސްކަން ދެވެން ޖެހޭނީ މި މަގުސަދު ހާސިލުވެވޭތޯއެވެ.

‘އާމީން’ އާއި ބެހޭ ބައެއް މައްސަލަތަކުގެ މައްޗަށް ބަލައިލުން

ދެން އާމީން ގެ މައްޗަށް ބަލާލަމާތޯ އެވެ. އާމީން އާ ބެހޭ ގޮތުން މުފައްސިރުން ވާހަކަ ދައްކަވާއިރު، އެބޭކަލުންގެ ވާހަކަތައް، އާއްމު ގޮތެއްގައި، އަމާޒުވަނީ ތިންކަމެއްގެ މައްޗަށެވެ. އާމީން ކިޔުމަކީ ޝަރުޢުކުރެވި، ދީނުގައި ކަނޑައެޅިފައިވާ ކަމެއްތޯއާއި އާމީން ކިޔަނީ ކިހިނެއްތޯއާއި އަދި އާމީންގެ މާނައިގެ މައްޗަށެވެ. މިތަނުގައި މިތިންކަމުގެ އިތުރުން، އާމީން މިލަފްޒުގެ އަސްލުގެ މައްޗަށްވެސް ބަލައިލާން ގަސްދުކުރަމެވެ.

އެންމެ ފުރަތަމަ ‘އާމީން’، މިލަފްޒުގެ އަސްލުގެ މައްޗަށް ބަލާލަމާތޯއެވެ. ޝައްކެއްނެތް ގޮތުގައި ކީރިތި ޤުރްއާން ބާވާލެއްވުނު އިރު މިލަފްޒަކީ އަރަބި ބަހުގައި ބޭނުން ކުރެވެމުން އައިސްފައިވާ ލަފްޒެކެވެ. މިލަފްޒުގެ އަސްލާމެދު ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެއެވެ. ބައެއް ބޭކަލުން ދެކިލައްވާ ގޮތުގައި މިލަފްޒަކީ ޚާލިސް އަރަބި ލަފްޒެކެވެ. މިބޭކަލުންގެ ރައުޔު ބިނާވެފައިވަނީ ސާމީ ބަސްތަކުގެ އަސްލަކީ އަރަބި ބަސްކަމާއި މިބަހުގެ ފެންކޮށްޓަކީ އަރަބި ކަރަކަމުގެ މައްޗަށެވެ. އަދި ސާމީ އެހެން ބަސްތަކަށް މިލަފުޒު ގޮސްފައިވަނީ އަރަބި ބަހުންކަމެވެ.

އަރަބި ބަހުގެ ބައެއް އިލްމު ވެރިން، މިބަހުގެ އަސްލު ސީރިއެކް ބަހާވެސް ގުޅުވާލައެވެ. ސީރިއެކް ބަހަކީ އަރަމައިކް ބަހުގެ ބަހުރުވަތަކުގެ ތެރެއިން ބަހުރުވައެކެވެ. ހީބްރޫބަސް ނުވަތަ ޢިބްރާނީ ބަހުގެ ވެސް އަސްލުކަމުގައި ބެލެވިފައިވަނީ އަރަމައިކް ބަހެވެ. އަރަމައިކް ބަހާއި ސީރިއެކް ބަހާއި ހިބްރޫބަހާއި އަދި އަރަބި ބަހަކީވެސް ސާމީ ބަސްތަކުގެ ތެރޭގައި ހިމެނޭ ބަސްބަހެވެ. މިރައުޔުގެ މައްޗަށް ބަލާއިރު ‘އާމީން’ މިލަފްޒު ސާމީ ބަސްތަކަށް ގޮސްފައިވަނީ އެބަސް ތަކުގެ އަސްލު ސީރިއެކް ބަހުންނެވެ.(ނުނިމޭ)

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top