65އަހަރުވުމުން ދޭ މާލީ އިނާޔަތް ނާޖާއިޒް ގޮތުގައި ބޭނުންކުރާކަމަށް ބުނެފި

adult-abuse-777x437-1.jpg

އުމުރުން 65 އަހަރުވުމުން ސަރުކާރުން ދޭ މާލީ އިނާޔަތް ނާޖާއިޒް ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ހާމަކޮށްފިއެވެ.

މިކަން ހާމަކުރީ އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ހޭލުންތެރި ކުރުވުމަށް ބައިނަލް އަގްވާމީ ގޮތުން ފާހަގަކުރާ، ދުވަސްވީ މީހުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ހޭލުންތެރި ކުރުމުގެ ދުވަސް ފާހަގަ ކުރުމަށް ޖެންޑަރ މިނިސްޓްރީއާއި ގައުމީ ޔުނިވަރސިޓީ ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަންނެއް ގައެވެ.

މި ޕެނަލް މަޝްވަރާގައި ޖެންޑަރ މިނިސްޓްރީން ބައިވެރި ވަޑައިގެންނެވި ޢަބްދުﷲ އަޝްރަފު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނާ މެދު ހިންގޭ ކޮންމެ ނޭދެވޭ އަމަލަކީ އަނިޔާއެއް ކަމުގައެވެ. އަނިޔާގެ ގޮތުގައި ރިޕޯޓް ކުރެވޭ މައްސަލަތަކުގެ ތެރޭގައި ޖިސްމާނީ، ޖިންސީ، ނަފްސާނީ، އަދި އިހްމާލުވުމުގެ މައްސަލަ ތަކުގެ އިތުރުން މާލީ މައްސަލަތައްވެސް ހިމެނޭކަމަށް ވިދާޅުވިއެވެ. އެގޮތުން އުމުރުން ދުވަސް ވީ މީހުންނަށް ދައުލަތުން ކޮންމެ މަހަކުދޭ 5000 ރުފިޔާގެ މާލީ އިނާޔަތުގެ މައްސަލަތައް އޭނާ ފާހަގަ ކުރެއްވިއެވެ. 

ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން ބައިވެރިވި ޝިފާނާ ވިދާޅުވީ އުމުރުން ދުވަސް ވީމީހުންނަށް ލިބޭ މާލީ އިނާޔަތަކީ އެފަދަ މީހުން ބަލަހައްޓާ މީހުންނަށް ލިބެންޖެހޭ އެއްޗެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކޭ ކަމަށާ މާލީ އިނާޔަތާ ހެދި އާއިލާގެ ތެރޭގައި އަރައިރުންވެ މަސްލަހަތު ގެއްލޭ ހިސާބަށް ކަންތައްތައް ދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. މިފަދަ ކަންތައްތަކާ އެމީހުންނަށް ނަފްސާނީ މައްސަލަތަކާވެސް ކުރިމަތިލާން ޖެހޭކަން ޝިފާނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާގެ މައްސަލަ ތަކުގެ ތެރެއިން ހިއުމަންރައިޓްސް ކޮމިޝަނަށްވެސް އެންމެ ގިނަ އަދަދަކަށް ހުށަހެޅެނީ އިހުމާލު ވުމުގެ މައްސަލައެވެ. މީގެ އިތުރުން ބަލާނެ ބަލަދުވެރިއަކު ނެތުމުގެ މައްސަލަވެސް އެކޮމިޝަނަށް ހުށަހެޅުނެވެ.

ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކަށް ބައްލަވާލައްވައި މި ފޯރަމްގައި ވާހަކަދެއްކެވި ފުލުސް އޮފިސަރ މުޙައްމަދު ޝަރީފު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އިނާޔަތް ދެވެނީ އެންމެ އެކަށީގެންވާ ފަރާތްތަކަށްތޯވެސް ދެނެގަންނަންޖެހޭކަމުގައެވެ. އުމުރުން ދުވަސްވީ މީހާ ބަލަހައްޓާ ފަރާތްނޫން އެހެން ފަރާތްތަކަށް މާލީ އިނާޔަތުގެ މަންފާ ލިބޭކަން ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު ފާހަގަކުރެވޭ ކަމަށްއޭނާ ވިދާޅުވިއެވެ. ހަމައެގޮތަށް އެމީހުންނާ މެދު އިހްމާލުވުމުގެ މައްސަލަތައްވެސް ކަންބޮޑުވާން ޖެހޭ މިންވަރަށް ބޮޑުކަން އޭނާ ފާހަގަ ކުރެއްވިއެވެ. 

“އާއިލާގެ ކޮންމެވެސް އެއްފަރާތަކުން ޒިންމާ އުފުލައިގެން އުޅޭއިރު އާއިލާގައި ދެން ތިބޭ އެހެން މީހުންގެ ފަރާތުން އެހީތެރިކަމާއި އެއްބާރު ނުލިބޭ މައްސަލައާއެކު ބަލަހައްޓާފަރާތަށް ބުރަ ބޮޑުވުމުން ވެސް އިހުމާލުވުމުގެ މައްސަލަ ކުރިމަތިވޭ” ފުލުސް އޮފިސަރ މުޙައްމަދު ޝަރީފު ވިދާޅުވިއެވެ.  

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top