ޝައިޚް މަޖީދުގެ ދަރެސް: މުޅި ރޯދަމަހަށް އެންމެ ނިޔަތަކުން ފުދޭނެތޯ؟

Supplication.jpg

ރަމަޟާންމަހު ރޯދަ ހިފުމަކީ ކޮންމެ މުކައްލަފެއްގެ މައްޗަށް ވާޖިބު ކަމެކެވެ. ކުރުމުން ޘަވާބު ލިބޭ، ނުކޮށް ދޫކޮށްލުމުން ޢަޛާބު ލިބޭނެ އަޅުކަމެކެވެ.

ކޮންމެ އަޅުކަމެއްވެސް ބިނާވެގެންވަނީ އެމީހަކު ނިޔަތްގަތް ގޮތެއްގެ މައްޗަށެވެ.

ބައެއްމީހުން ވަރަށް ގިނައިން ކުރާ ސުވާލެއް އެބައޮތެވެ. އެއީ އަޅުކަމަކަށް ނިޔަތް ގަންނާނީ ކިހިނަކުންތޯއެވެ؟ ޚާއްޞަކޮށް ރަމަޟާން މަހުގެ ރޯދައަށް ހުރުމަށް ނިޔަތް ގަންނާނެ ގޮތުގެ ވާހަކައެވެ. ނިޔަތް ދުލުންކިޔާނީހެއްޔެވެ؟ ނިޔަތް ދުލުންކިޔުމާއެކު ހިތަށް އަރުވަނީހެއްޔެވެ؟ ހަމައެކަނި ހިތަށް އެރުވުމުން ރަނގަޅުވާނެހެޔެވެ؟ ޙަޤީޤަތުގައި މިއީ ވަރަށް މުހިންމު ސުވާލެކެވެ.

އެ ސުވާލުގެ ޖަވާބުގައި އަޅުގަނޑު ދަންނަވާނީ، ޖުމްހޫރުލްޢުލަމާއު (ގިނަޢިލްމުވެރިން) ވިދާޅުވާ ގޮތުގައި “ރޯދައަށް ހުރުމަށް ކޮންމެ ރެއަކުވެސް ނިޔަތްގަންނަންޖެހޭނެއެވެ. އެއީ ކޮންމެ ރޯދައަކީ ވަކިއަޅުކަމެވެ.” ނިޔަތްގަތުމަކީ ކަމެއްކުރުމަށް ޤަޞްދުކުރުމެވެ. ނިޔަތްގަތުމުގެ މަޙައްލަކީ ހިތެވެ. ރޯދައަށް ހުރުމަށް ނިޔަތް ގަތުމުގެ ވަޤުތަކީ، އިރުއޮށްސުމަށްފަހު، ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވުމާ ދެމެދެވެ. ކޮންމެ ރެއަކުވެސް މި ދެންނެވި ވަޤުތުގެ ތެރޭގައި ރޯދައަށް ހުރުމަށް ޤަޞްދުކުރުމުން ރޯދައަށް ހުރުމަށް ނިޔަތް ގަނެވުނީއެވެ. މިސާލަކަށް މާދަމާ ރޯދައަށް ހުރުމަށް، މިރޭ ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވުމުގެ ކުރިން ޤަސްދުކުރުމުން، ނުވަތަ މާދަމާ ރޯދައަށް ހުންނާނަމޭ ހިތަށް އެރުވުމުން، މާދަމާގެ ރޯދައަށް ހުރުމަށް ނިޔަތްގަނެވުނީއެވެ.

އަޅުކަމަކަށް ނިޔަތްގަތުމަކީ، ބައެއްމީހުން ތިޔަ ހީކުރާކަހަލަ މާ އުނދަގޫކަމެއްނޫނެވެ. އެހެންނަމަވެސް އެއްވެސް ކަމެއްގައި ޝައްކު އުފެދޭނަމަ އެންމެ ރަނގަޅުގޮތަކީ، ޔަޤީންކަމާއެކު ހިތްކަމަޖެހިލައިގެން އެކަމެއް ކުރުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top