މިއަދުން ފެށިގެން އެސްޓީއޯ އިން ވިއްކަމުން ގެންދާ ކާޑުގެ އަގު މާލެއާ އަތޮޅު ތެރޭގައި އެއްހަމަ ކޮށްފައިވާ ކަމަށާ ކާޑުގެ އަގު ހެޔޮކޮށްފައިވާ ކަމަށް އެސްޓީއޯ އާއި ހަވާލާ ދީ ޚަބަރު ފަތުރާ ވަސީލަތް ތަކުން ފަތުރަމުން އެބަ ގެންދެއެވެ. މިކަމުގެ ހަގީގަތް ހޯދާލުމަށް އެސްޓީއޯ އޭދަފުށީ ފިހާރައާ ގުޅާލުމުން ވިދާޅުވީ އެސްޓީއޯއިން ވިއްކަމުން ގެންދާ ކާޑުގެ ބާވަތްތަކާ ބެހޭ ގުޅުން ހުރި މައުލޫމާތު މީޑިއާއަށް ދޭނީ އެސްޓީއޯ މީޑިއާ ޑިޕާޓްމަންޓުން ކަމުގައެވެ.
އެސްޓީއޯ މީޑިއާ ޑިޕާޓްމަންޓުން ބުނީ ކާޑުގެ އަގުތަކާބެހޭ ގޮތުން އެސްޓީއޯގެ ނަން ބޭނުން ކޮށްގެން މިއަދު ދައުރު ވަމުންދާ ބަޔާނުގައި އެވަނީ ރަނގަޅު މައުލޫމާތު ނޫންކަމުގައެވެ. އެެހެންނަމަވެސް މިއަދުން ފެށިގެން އެސްޓީއޯގެ އެޖެންޓުން ތިބި 112 ރަށުގައި ކާޑުގެ އަގުތައް ހުންނާނީ މާލެއާ އެއް އަގުގައި ކަމަށެވެ. އެގޮތުން ހަނޑޫ ބަސްތާއެއްގެ އަގަކީ 240 ރުފިޔާ ،ހަކުރު ބަސްތާއެއްގެ އަގަކީ 241ރުފިޔާ އަދި ފުށް ބަސްތާއެއްގެ އަގަކީ 190 ރުފިޔާ ކަމަށާ ވަކިން ކިލޯއެއްގެ އަގަކަށް ވާނީ ވެސް ހަމަ މިރޭޓު ކަމަށް މައުލޫމާތު ދެއްވިއެވެ. މިއަގުތަކާއެކު އެސްޓީއޯ އޭދަފުށި ފިހާރައިން ވެސް ވިއްކަން ޖެހޭނީ މި އަގުގައި ކަމަށް އެފަރާތުން މައުލޫމާތު ދެއްވިއެވެ.
އެހެންނަމަވެސް އެސްޓީއޯ އޭދަފުށި ފިހާރައިން ބުނަނީ ކާޑުގެ އަގު ބަދަލުވީކަން އަދި އަންގާފައިނުވާ ކަމަށާއި ކާޑުގެ ބާވަތްތައް މިހާރުވެސް ވިއްކަމުން ގެންދަނީ ކުރިންވެސް ވިއްކަމުން އައި އަގު ތަކުގައި ކަމަށެވެ.

ކާޑުގެ ބާވަތްތައް ވިއްކާ އަގުތައް އާއްމުންނަށް އެންގުމަށް އެސްޓީއޯ އޭދަފުށީ ފިހާާރައިގާ ބަހައްޓާފައި ހުރި ލިއުމެއްގެ ސްކްރީން ޝޮޓެއް
މި އަގުތަކަށް ބަލާއިރު އަތޮޅު ތެރެއަށް ވުރެ މާލޭގައި ވިއްކަމުން ގެންދާ ކާޑުގެ ބާވަތްތައް ގަންނަން މި ލިބޭ އަގު ބަސްތާއަކުން 11 ރު. ބޮޑުވެއެވެ. މިވާ ގޮތެއް އެބަ އެނގޭ ހެއްޔެވެ؟