ގިނަ ޖަމްއިއްޔާތައް ގުޅިގެން އޭދަފުށީގައި ބޮޑުއީދު ކުލަގަދަގޮތެއްގައި ފާހަގަކުރަން ނިންމައިފި

Backup_of_Backup_of_eid.jpg

އޭދަފުށީގެ ގިނަ ކްލަބް ޖަމްއިއްޔާތަކާ، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލް ގުޅިގެން އޭދަފުށީގައި ކުލަގަދަގޮތެއްގައި މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް ނިންމައި އެކަން އިޢްލާން ކޮށްފިއެވެ.

އޭދަފުށީ ކައުންސިލާ ކްލަބް ޖަމްއިއްޔާތައް އަދި ރަށުގެ އާންމުންގެ ތެރެއިން އެކުލަވާލާފައިވާ “އީދުކުޅިވަރު އިންތިޒާމްކުރާ ކޮމެޓީ”ގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ނިމާލް އީވީއަށް މިއަދު ބުނީ އީދަށް ތައްޔާރުވުމުގެ ގޮތުން ވާންޖެހޭ ތައްޔާރީތައް ވަރަށް ފޯރިއާއެކު ކުރިޔަށްދާކަމަށާ، މިކަމުގައި އާންމު ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާކަމަށެވެ. އޭނާ ބުނީ “އީދު ފެސްޓިވަލް 1435 – އޭދަފުށި” ނަމުގައި ކުރިޔަށްގެންދާ މިކުޅިވަރުތައް އިންތިޒާމް ކުރުމުގައި ވަފާ ޖަމްއިއްޔާ ފިޔަވައި ހުރިހާ ޖަމްއިއްޔާއަކުންވެސް ބައިވެރިވާ ކަމަށާ، ޖަމްއިއްޔާތަކުގެ އެހީތެރިކަންވެސް ވަރަށްބޮޑަށް ފާހަގަކުރެވިފައިވާކަމަށެވެ.

“އަޅުގަނޑުމެން ހުރިހާ ޖަމްއިއްޔާއަކަށް ދައުވަތުދިނިން. އަދި ކައުންސިލުންވެސް ދައުވަތު ދެއްވި. އެހެންނަމަވެސް ވަފާއިން ނިންމީ އެމީހުން އަމިއްލައަށް ކުޅިވަރުތައް ކުރިޔަށްގެންދަން. އެހެންނަމަވެސް ޓީބީ، ސީސީ، ފޭލި، މިޖަމްއިއްޔާތަކާ ޑައުންޓައުން އަދި ވެލާ ސިޓީކަހަލަ ގްރޫޕްތައްވެސް ވަރަށްބޮޑަށް މިކަމަށް އެއްބާރުލުންދެމުންދޭ” ނިމާލް ބުންޏެވެ.

ނިމާލް ބުނީ އީދުގައި ބޭއްވުމަށް ނިންމާފައިވާ ކުޅިވަރު މުބާރާތްތަކުގެ ތެރޭގައި ބަށި، ތިންމުގޯލި، ބައިބަލާ، ވާދެމުން، އެންމެމީރު ބޯކިބާ އެޅުން ހިމެނޭކަމަށާ، މިނޫނަސް ތަފާތު ކުދިކުދި މަޖާ ކުޅިވަރުތަކާ، އީދު ޝޯވެސް އީދު ފެސްޓިވަލުން ފެންނާނެކަމަށެވެ. މިކުޅިވަރުތައް ބޭއްވުމަށް އެއްސަރަހައްދެއްގެގޮތުގައި ބޮޑު މައިދާނެއް ހިއްކިބިމުގައި ތައްޔާރުކުރެވޭނެކަމަށްވެސް ނިމާލު ބުންޏެވެ.

“އަޅުގަނޑުމެން އެބަތައްޔާރުވަން ވަރަށް އާދަޔާހިލާފު ކަންކަން ކުރަން. މިސާލަކަށް ފެންޖެހުންވެސް އޮންނާނެ މުޅިން އާގޮތަކަށް. ދެން ދެލިމާލިކަހަލަ ކުޅިވަރުތައްވެސް. އަނެއްކޮޅުން މުބާރާތްތައް އޮންނާނީ ހުރިހާ އުމުރުފުރާތަކަށް ބައިވެރިވެވޭގޮތަށް. މުހުރިހާ ކަމެއްވެސް ހިނގާނީ އެއްމައިދާނެއްގައި. އެތަނުގައި ހުންނާނެ ސައި ކޮފީ ލިބޭ ކެންޓީންތައްވެސް. އުނދޯލި ޖޯލިކަހަލަ އެއްޗެތިވެސް. ބިރުވެރިހޮހަލަކަހަލަ ތައްތަންވެސް. އަމާޒަކީ އީދު ކުޅިވަރުތައް އެއްސަރަހައްދަކުން ފެސްޓިވަލެއް ގޮތަށް ދެއްކުން. ހަގީގަތުގައި އޭދަފުށީގައި ކުރިން އީދުފާހަގަކުރާއިރު އޮންނަ ފޯރި މިއަހަރު ފެންނާނެ.”

އޭދަފުށި ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވީ އީދު ކުޅިވަރުތައް ބޭއްވުމަށް ކޮމެޓީން ކުރަމުންގެންދާ މަސައްކަތަކަށް ޝުކުރު އަދާކުރާ ކަމަށާ، މިކަމަކީ ކައުންސިލުގެ ފުރިހަމަ ތާއީދާއެކު ކުރިޔަށްދާ ކަމެއްކަމަށެވެ. އަދި މިކަމަށް ކައުންސިލުން ދެވެންއޮތް ހުރިހާ އެހީތެރިކަމެއް ދޭނެކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top