އަންނަ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާއަށް 3ވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ އެމްޕީ ސަލީމަށް ތާއިދުކުރާ ހުޅަނގު ކޮޅުގެ ޒުވާނުން ތަކެއް ހިމެނޭ ސަންސެޓް ގްރޫޕްގެ ފަރާތުން ‘ސަންސެޓް ޖަގަހަ ‘ ރޭ އޭދަފުށީގައި ހުޅުވައިފިއެވެ. މިއީ އޭދަފުށީގައި ސަލީމުއަށް ތާއީދުކޮށް ކެމްޕޭން ކުރުމުގެ ގޮތުން ހުޅުވާފައިވާ 7ވަނަ ޖަގަހަ އެވެ.
ސަލީމަށް ތާއީދު ކުރައްވާ ގިނަ ބަޔަކު ބައިވެރިވި މި ޖަގަހަ ހުޅުއްވައިދެއްވީ އެމްޕީ ސަލީމު އެވެ. ޖަގަހަ ހުޅުއްވައިދެއްވުމަށްފަހު ، މިހާ ފުރިހަމަކަމާއެކު އެތައް ބަޔަކު ބައިވެރިވެގެން އޭނާ އަށް ތާއީދު ކުރުމުގެ ގޮތުން މިފަދަ މަސައްކަތެއް ކޮށް ދެއްވީތީވެ ސަންސެޓް ޓީމަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރެއްވިއެވެ.
“ސަންސެޓް ޓީމަކީ އަޅުގަނޑު މި ދާއިރާއަށް ކުރިމަތިލި ފުރަތަމަ ދައުރުގައި އަދި ދެވަނަ ދައުރުގައިވެސް އަދި އަންނަ ތިންވަނަ ދައުރަކަށްވެސް އަޅުގަނޑަށް ތާއީދު ކުރުމަުގައި ބަދަލުވުމެއްނެތި އެއްގޮތެއްގައި އެއް ރޫހެއްގައި މަސައްކަތް ކޮށްދެމުން އައި ކުދިން ކޮޅެއް. އެކަން ޝުކުރުވެރިކަމާއެކު އަޅުގަނޑު ފާހަގަ ކުރަން. އެކަމަށް ޓަކާ މުޅި ޓީމަށް ހިތުގެ އިޚްލާސްތެރިކަމާއެކު ޝުކުރު އަދާ ކުރަން. ” ސަލީމު ވިދާޅުވިއެވެ.
ސަލީމުގެ ވާހަކަ މައިގަނޑު ގޮތެއްގައި ބިނާ ކުރެއްވީ ރަށުގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ގޮތުން އެންމެން އެކަތި ގަނޑަކަށްވެ އެކަކު އަނެކަކާދެމެދު އޮންނަންޖެހޭ އުޚުއްވަތްތެރިކަމުގެ ގުޅުން އެގޮތުގައި ދެމެހެއްޓުމުގެ މައްޗަށެވެ. އެގޮތުން ފިތުނަ އުފެދޭ ކަންކަމުން ދުރުވުމަށާއި އަޅުގަނޑުމެން އެންމެންނަކީ އެއް ރަސަކަށް ނިސްބަތްވާ އެއް ބައެއްކަމުގައި ދެކިގެން އެގޮތުގައި ކުރިއަށް ދިއުމަށް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ސަލީމުގެ އިތުރުން ވާހަކަ ދެއްކެވި ބޭފުޅުންގެ ވާހަކަތަކުގައި ސަލީމު ތިންވަނަ ދައުރަކަށް ހޮވަން ޖެހެނީ ކީއްވެގެންކަން ސާފުކޮށްދެއްވިއެވެ. ރަށުގައި އިތުރަށް ދެން ތަރައްގީގެ އާ މަޝްރޫއެއް ފަށަން ނުޖެހޭ ވަރަށް ސަލީމުގެ ބައިވެރިވުމާއެކު ވަނީ ކަންކަން ފުރިހަމަ ކޮށްދީފައި ކަމަށް އެބޭފުޅުން ވިދާޅުވިއެވެ. އެހެންވިމާ ބަދަލަކަށް ބޭނުން ވޭތޯއާއި އެއީ ކޮން ކަމެއް ނުފުދިގެން ކޮން ކަމެއް ބޭނުންވެގެންތޯ ކީއްވެގެންތޯއާ މެދު ސުވާލު އުފައްދަވައި ވާހަކަ ދެއްކެވިއެވެ.
ރޭގެ ބައްދަލުވުމުގައި މި ދާއިރާގެ މާޅޮހު ކަނބަލެއްގެ ފަރާތުން ސަލީމަށް ތާއީދުކޮށް ރީތި ލަވައަކާއި މުނިފޫހި ފިލުވުމުގެ ކުޅިވަރު އައިޓަމެއްވެސް ހުށައެޅުން އޮތެވެ.