އަޅުގަނޑުގެ ވާހަކައިގެ މާނަ އޮޅުވާލައިގެން ދައްކަނީ ފިތުނަ އުފައްދަން -ސަލީމް

ޖަލްސާ.jpg

އެމްޕީ ސަލީމުގެ "ސަންސެެޓް ޖަގަހަ ' ހުޅުވުމުގެ ރަސްމިއްޔާތު

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ ބަހުސްގައި އިދިކޮޅު ކެންޑިޑޭޓް ޔޫސުފަށް ނިސްބަތްކޮށް އަހުމަދު ސަލީމް ވާހަކަ ދައްކަވަމުން ރޫމް ބޯއީންގެ ގަދަރު ކުޑަވާގޮތަށް ވާހަކަ ދެއްކެވިކަމަށް މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ ކުރިންވެސް ރޭވިގެން ހިނގަމުން އައި ޕްރޮގްރާމެއްގެ ދަށުން ފިތުނަ އުފެއްދުމުގެ ގޮތުން ދެކެވެމުން ދާ ވާހަކަތަކެއްކަމަށް ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމުގެ 7ވަނަ ކެމްޕޭން ޖަގަހައިގެ ގޮތުގައި އޭދަފުށީގައި ރޭ ހުޅުވި “ސަންސެޓް ޖަގަހަ”  ހުޅުވައި ދެއްވުމަށްފަހު ސަލީމަށް ތާއީދުކުރާ ގިނަ ބަޔަކު އެއްވި މި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މަޖިލީސް ބަހުސްގެ ފަހު ފުރުސަތުގައި އޭނާގެ ވާހަކަ ކުރިއަށް ގެންދިއުމުގައި ރޫމް ބޯއީގެ ނަން ބޭނުން ކުރީ އެއްގޮތަކަށްވެސް އެމީހުންގެ ގަދަރު ކުޑަކޮށްލުމުގެ ގޮތުން ކަމަށް އެއްވެސް ބޭފުޅަކު ހީކުރައްވައިގެން ނުވާނެ ކަމުގައެވެ. މުޅި ވާހަކައިގެ ކުޑަތަންކޮޅެއްގައި ހިފައިގެން ވާހަކައިގެ މާނަ އޮޅުވާލައިގެން އެ ދައްކަނީ ނާޖާއިޒް ފައިދާއެއްނެގުމަށެވެ.

“އެއީ ކުރިއްސުރެ ރޭވިގެެން ހިނގަމުން އައި ކަމެއް. އެކަން އަޅުގަނޑަށް އެނގުނީ ތަންކޮޅެއް ފަހުން. އެ ޕްލޭނާ އެއްގޮތަށް ކަންތައް ހިނގަމުން ދިޔައިރު އެ ވާހަކަތަކަށް ރައްދު ދޭން އޭރު ބޭނުންވެސް ނުވީ. “ސަލީމު ވިދާޅުވިއެވެ.

“ތަކުރާރު ކޮށް އަޅުގަނޑާ ދިމާއަށް ހަގީގަތާ ޚިލާފު އަދި އަޅުގަނޑުގެ އަބުރަށް އަރައިގަންނަމުން ދިޔައިރުވެސް އަޅުގަނޑު ބެލީ އަޅުގަނޑުގެ ހައިސިއްޔަތާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މަސްއޫލިއްޔަތަކީ ކޮބައިކަން ހާމަކޮށްދެވޭތޯ . އަދި މަޖިލީހުގެ މެންބަރު ކަމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫންކަން ބުނެދޭން ބޭނުންވީ. އެގޮތުން އަޅުގަނޑުގެ އަޚް ޔޫސުފް، ރިސޯޓެއްގެ ރޫމްބޯއީ އަކުން ފަށައިގެން އެދާއިރާއިން މިއަދު ކިތަންމެ މަތީގައި ހުންނެވި ނަމަވެސް މަޖިލީހަކީ ތަފާތު ދާއިރާ އެއްކަން އަންގައިދިނުމަށް ހަމައެކަނި އޭނާއަށް ބޭނުން ކުރެވުނު އިބާރާތެއް އެއީ.

ސަލީމް ވިދާޅުވީ އޭނާއަށް މަސައްކަތް ކޮށްދޭ މީހުންގެ 80 އިންސައްތައަކީ ރިސޯޓް ދާއިރާގައި މަސައްކަތް ކުރާ ޒުވާނުން ކަމަށް ވީހިނދު އެކުދިންނަށް ނިސްބަތްވާގޮތަށް ދެރަ ބަހެއް ނުބުނާނެ ކަމަށާ އެފަދަ ކަމެއްކުރުމަށް ހިތަށްވެސް ނާރާނެ ކަމަށެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ސަލީމު ވިދާޅުވީ ރިސޯޓްތަކުގައި މަސައްކަތް ކުރާ ކޮންމެ ކުއްޖަކީވެސް އަޚްލާގީ މިންގަނޑު ވަރަށް ރަނގަޅު ބައެއްކަމާއި އެދާއިރާއަކީ ރާއްޖޭގެ އިގްތިސާދީ މައި ދޮރާށި ކަމަށް ވެފައި އެތަންތަނަށް އަންނަ މެހެމާނުންނަށް ކަމޭހިތުމާއި ގަދަރު ކުރުމުގެ ގޮތުން ރިސޯޓްތަކުގެ ކޮންމެ މުވައްޒަފަކީވެސް އަޚްލާގީ ގޮތުން ނަމޫނާ ބައެއްކަމަށް ވާންޖެހޭ ކަމުގައެވެ. އެކަން ހިނގަމުން އަންނަނީވެސް އެގޮތަށް ކަމަށާއި އެތަޖްރިބާ ކޮށްފައިވާ ކަމުގައެވެ.

“އެކަމަކު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ އެދާއިރާގައި މަސައްކަތް ކޮށް ތަޖްރިބާ ހޯދާފައިވާ ބޭފުޅަކު، ކުރާ ސުވާލުތަކަށް ޖަވާބުނުދީ އެހެން މީހަކަށް އެއްޗެތި ގޮވާ ރައްދުދެމުން ދިޔަ ތަން. އެހިސާބުން އަޅުގަނޑުމެންނަށް އެނގިގެން ހިގައްޖެ މިއީ އެދާއިރާގައި އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތް ކޮށްފައި ހުރި މީހެއް ނޫންކަން.” ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އޭނާގެ ވާހަކައިގާ ރޫމް ބޯއީންނަށް ދެރަ ބަހެއް ނުވަތަ އެމީހުންނަށް ގަދަރު ކުޑަވާގޮތަށް  ވާހަކައެއް ބުނެވިފައިވާކަމަށް އެއްވެސް ބަޔަކަށް ހީވާނަމަ އެއީ ކުށްހީއެއް ކަމަށާއި އެގޮތަށް ހީވާނަމަ އެބައެއްގެ ފަރާތުން މާފަށް އެދޭ ކަމުގައެވެ.” މާފަށް އެދުމާ މާފު ކުރުމަކީ އިސްލާމް ދީން އެންމެ ބޮޑަށް ބާރު އަޅާ އެއްކަންތައް. ބައެއްމީހުންނަށް ހީވެދާނެ މާފަށް އެދުމާ މާފު ކުރުމަކީ ވަރަށް ދަށް ކަމެކޭ. އެކަމަކު އެއީއެއްނޫން އެކަން އޮންނަގޮތަކީ. ”

ވާހަކަ ކުރިއަށްގެންދަވަމުން ސަލީމު ވިދާޅުވީ މިހާރު މިއީ މުސާރައިގެ މިންގަނޑުތަކެއް ކަނޑައެޅިގެން ދާ ދުވަސްވަރަކަށް ވާތީ ރިސޯޓް ތަކުގައި މަސައްކަތް ކުރާ މީހުންގެ މުސާރަ ބޮޑުކުރުމަށްޓަކާ މަޖިލީހުގ ތެރއިން ބުރަ މަސައްކަތްތަކެއް ކުރެވެން އޮތް އެންމެ ބާރު މިނެއްގައި ކުރާނެކަމަށާ މިވާހަކަ ރިސޯޓް ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުންނަށް ދަންނާވާލަން ބޭނުން ކަމުގައެވެ.

“އަޅުގަނޑުގެ ހުންނާނެ އެހިތްވަރު، އަޅުގަނޑަށް ކެރޭނެ. އަޅުގަނދަށް ކެރޭނެ އެކަމުގައި ވަކާލާތު ކުރަން އަޅުގަނޑަކީ އެއްވެސް މީހެއްގެ ދަށުވެފައިވާނެ މީހެއް ނޫން.”

ރޭގެ ބައްދަލުވުމުގައި އެންމެ އެކުވެރިވެ އެއްބައެއްގެ ގޮތުގައި ދެމި ތިބުމަށްވެސް ސަލީމް ގޮވާލެއްވިއެވެ. ވިދާޅުވީ އަޅުގަނޑުމެން އެންމެންނަކީ އެއްބައެއް ކަމާއި އަވަށްތަކަށް ވަކިން ނަން ކިޔަމުން އައި ނަމަވެސް އެންމެންނަކީވެސް އެއް ރަށަކަށް ނިސްބަތްވާ އެއްބައެއްކަމުގައެވެ. ”

“އަޅުގަނޑުމެން އެއް އިރަކުވެސް ގަބޫލު ކުރާ އެއްޗެއް ނޫން އަވަށަކީ. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން އައީ މިއީ އެއްބައެއްގެ ގޮތުގައި މުޅި ރަށުގެ މަސްލަހަތަށް ބަލައިގެން . އެންމެ ޒުވާން އިރު ވެސް އަޅުގަނޑުމެން އުފެއްދި އޭދަފުށީ ޒުވާނުންގެ ޖަމިއްޔގެ މުޅި މަގްސަދަކަށް ވެފައި އޮންނާނީވެސް އެއްބައެއްގެ ގޮތުގައި މަސައްކަތް ކޮށް މުޅި ރަށުގެ މަސްލަހަތު ރައްކާތެރިކޮށް މުޅިރަށުގެ ތަރައްގީއަށް. މިއަދުވެސް މަސައްކަތް ކުރަމުން މި އަންނަނީ މި މަގްސަދުގައި އަޅުގަނޑުމެންގެ ތެރޭގައި ފިތުނަ އުފެދުނަ ނުދިނުމަށް.” ފިތުނަ ފަސާދަ އުފެދޭ އެންމެހާ ކަންތަކުން ރައްކާތެރުވެ ތިބުމަށް އިލްތިމާސް ކުރަމުން ސަލީމު ވިދާޅުވިއެވެ .

 

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު