ތުޅާދޫގައި ސަތޭކަ ހައުސިން ޔުނިޓް އަޅަނީ

viber-image-2019-03-07-11.09.07.jpg

ތުޅާދޫ -ފޮޓޯ :އޭދަފުށި ވޮއިސް

ބ.ތުޅާދޫގައި ސަރުކާރުން 100 ހައުސިންގ ޔުނިޓް އެޅުމަށް ސަރުކާރުން ނިންމަވައިފިއެވެ.

މީގެ ކުރިން ރައީސް ނަޝީދުގެ ސަރުކާރުންވެސް އެރަށުގައި ހައުސިންގ ޔުނިޓް ތަކެއް އެޅުމަށް ބަޔަކާ ހަވާލުވެސް ކުރިއެވެ. އެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރިއަށްވެސް ގެންދިޔައެވެ.

އޭގެފަހުން އަނެއްކާވެސް ތުޅާދޫގައި 100 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން މިހާރުވަނީ އިއުލާނު ކޮށްފައެވެ.

ފިނޭންސްގެ އިއުލާނުގައި ބުނަނީ ހައުސިންގ ޔުނިޓްސް އިމާރާތްކުރުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކޮށްދޭން ބޭނުންވާ ޝަރުޠުހަމަވާ ރާއްޖެއާއި ރާއްޖޭންބޭރުގެ ފަރާތްތަކަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް -/1500ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ ނުވަތަ 100 ޔޫ.އެސް ޑޮލަރު) ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 10 މާރިޗު 2019 އިން 3 އޭޕްރިލް 2019 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00އަށް ފިނޭންސް މިނިސްޓްރީންނެވެ.

މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި 10 މާރިޗު 2019 އިން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާ މި ޕްރޮޖެކްޓާއި ބެހޭގޮތުން މައުލުމާތެއް ސާފުކުރަން ބޭނުންނަމަ 19 މާރިޗު 2019 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން، މިނިސްޓްރީ އަށް އީމެއިލް ކުރަން ޖެހޭކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި100000.00 ޔޫ.އެސް ޑޮލަރު (އެއްލައްކަ ޔޫ.އެސް ޑޮލަރު ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ދިވެހި ރުފިޔާއިން) ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

ބީލަން ހުޅުވުން އޮންނާނީ 4 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top