އަންނަ މަޖިލިސް އިންތިޚާބުގައި ރައްޔިތުން ވޯޓުލާން ވޯޓުފޮއްޓާ ހަމައަށް ދިއުމުގެ ކުރިން ވަރަށް ބޮޑަށް ވިސްނަން ޖެހޭކަމަށާ ވޯޓުލާންވާނީ ދާއިރާއަށް އެންމެ ވަފާތެރި މީހާއަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި ކުރިއަށް އޮތް ދައުރަށް ވެސް ކުރިމަތިލައްވާފައިވާ އަހްމަދު ސަލީމު ވިދާޅުވެއްޖެއެވެ.
އީވީ އާ ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ އޭދަފުށީ ދާއިރާގެ ގޮޑި އޭނާ ހޯދާފައިވަނީ ބުރަ މަސައްކަތް ކޮށްގެން ކަމަށާ ބޭނުންވީ މި ގޮނޑި އަތޮޅުން ބޭރު މީހުންގެ ކިބައިން މިނިވަން ކޮށް އަނބުރާ ދާއިރާގެ ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ބ.އަތޮޅުގެ ގޮނޑި ފަހުން ދާއިރާތަކަކަށް ބަދަލުވެ އޭދަފުށި ހިމެނޭ ދާއިރާގެ ގޮނޑި ސަލީމުގެ ކުރިން ފުރުއްވާފައިވާ ބޭފުޅުންގެ ފަރާތުން އަތޮޅަށާއި ދާއިރާއަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައިވާކަމަށް އޭނާއެކޭ އެއްފަދައިން ރައްޔިތުންވެސް ގަބޫލު ނުކުރާ ކަމަށް ވިދާޅުވިއެވެ.
“އަޅުގަނޑު މިދާއިރާ އަށް ކުރިމަތި ލުމުގެ އެންމެ ބޮޑު ބޭނުމަކީ އެއީ. އަޅުގަނޑަށް ގަބޫލު ކުރެވެނީ ކޮންމެ ދާއިރާއެއް ކަމަށް ވިޔަސް އެ ދާއިރާއެއްގައި ހުރި މައްސަތަކާއި ބޭނުންތައް އަދި ރައްޔިތުންގެ ވިންދު އެންމެ ގާތުން އެންމެ ރަނގަޅަށް އެނގޭނީ ދާއިރާއަށް އުފަން ރައްޔިތަކަށް ކަމަށް.” މަޝްހޫރު ރެޑްވޭވް ކުންފުނީގެވެސް ވެރިޔާ ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ދެވަނަ ދައުރުވެސް އަދި ކުރިއަށް އޮތް ދައުރަށްވެސް ކުރިމަތިލާން ނިންމީ އޭދަފުށީ ދާއިރާއަށް އެކަށީގެންވާ މެންބަރަކު ދާއިރާއިން ކުރިމަތި ލައްވާފައި ނުވާތީއާއެކު އެތައް ރައްޔިތުންގެ އިޚްލާސްތެރި އެދުމާވެސް އެކުގައި ކަމަށެވެ.
“ވަރަށް ބުރަ މަސަކްތުން މި ގޮނޑި ކާމިޔާބު ކުރެވުނީ. އެހެންވީމާ ވާނެ ގޮތެއް ވާން ދޫކޮށްލައިގެން ހުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން. އަދި އެއީ ދާއިރާ ދެކެ ލޯބިވާ ދަރިންވެސް ގަބޫލު ކުރާ ހަމައެއް ނޫން.”ސަލީމު ވިދާޅުވިއެެވެ.
ވޭތުވެދިޔަ ދެ ދައުރު މަޖިލީހުގައި އޭދަފުށީ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި އަހްމަދުސަލީމް ފާހަގަ ކުރެވިފައިވަނީ މަޖިލީހުގައި ކުރެވޭ ބަހުސް ތަކާއި ދާއިރާގެ ބޭނުންތަކާމެދު މަޖިލީހުގެ ތަޅުމުގައި ހޫނު ކަމާއެކު ވާހަކަފުޅު ދައްކަވާބޭފުޅެއްގެ ގޮތުގައެވެ. އަދި ވިދާޅުވާން ބޭނުންފުޅުވާ ވާހަކައެއް ޖެހިލުން ވުމެއްނެތި ވިދާލުވުމުގެ ގާބިލުކަން ލިބިފައިވާ މަދު މެންބަރުންގެ ތެރޭގައެވެ.