ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް، ދެވަނަ ޓާމް ފެށޭ އިރު ފުރިހަމަކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެއެވެ.
ހެނދުނުގެ ނާސްތާ ޕްރޮގްރާމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށާއި، އާންމުންގެ ހިޔާލު ހޯދުމަށް ޚިޔާލު ހޯދުމަށް ރޭ އެޑިއުކޭޝަން މިނިސްޓްރީ އިން ބޭއްވި ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ ދިރާސީ އާ އަހަރު ފެށޭއިރު ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމު 25 ސްކޫލެއްގައި ފެށިނަމަވެސް، ދެވަނަ ޓާމުގައި ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމު ފެށޭނެކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކާނާ ތައްޔާރު ކުރުމަށް ބަޔަކާ ހަވާލުކުރާއިރު، ކާބޯތަކެތީގެ ރައްކާތެރިކަން ހިފެހެއްޓުމަށް އިސްކަން ދެއްވުމާއެކު މިހާރު އާންމުކޮށްފައިވާ 10 މެނޫއަށް އާންމުންގެ ހިޔާލާއެކު ބަދަލު ގެންނަވާނެ އެވެ. އަދި ހަމައެއާއެކު ދަރިވަރުން ހެނދުނު ސްކޫލަށް ދާއިރު ރަނގަޅު ނާސްތާއެއް ދިނުން މުހިއްމު ކަމަށާ އެކަމާ ގުޅޭ ދިރާސާތައް ޔުނިސެފާ ގުޅިގެން ކުރިއަށް ގެންދެވިފައިވާކަމަށްވެސް ވިދާޅުވި އެވެ.
ސްޓޭޓް މިނިސްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ ނާސްތާ ޕްރޮގްރަމަކީ ހަމައެކަނި ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާނެ ޕްރޮގްރާމެއް ނޫން ކަމަށާއި އިޖްތިމާއީ ގޮތުން ކުދިންނަށް އެގި ދަސްވާން ބޭނުންވާ ކަންކަން ދަސްކޮށް ދިނުމަކީ ވެސް ޕްރޮގްރާމުގެ މަގުސަދެއް ކަމަށެވެ.