ދިވެހި ބަހުން ޕީއެޗްޑީ އަށް ކިޔެވުމުގެ ފުރުސަތު

medium_139204.jpg

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއޮފް އާރޓްސްގައި އެޕްލައިޑް ލިންގުއިސްޓިކްސް (ދިވެހި ބަސް)ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) ހަދަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ޔުނިވާސިޓީ އިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސް އިން ފެށުމަށް ހަމަޖެހިފައިވާ ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އެޕްލައިޑް ލިންގުއިސްޓިކްސް (ދިވެހިބަސް) އަށް އެދި އެޕްލިކޭޝަން ފޯމާއި ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ދާއިރާ އިން ޕީއެޗްޑީ ހާސިލުކުރުމަށް ހަތް ދާއިރާ އެއް ކަނޑައަޅާފައިވާއިރު އެތަނުން ކޮންމެ ދާއިރާއެއްވެސް އިހުތިޔާރު ކުރެވިދާނެއެވެ.

ކޯހަށް ވަނުމުގެ ޝަރުތުތަކުގެ ތެރޭގައި އެޕްލައިޑް ލިންގުއިސްޓިކްސް ނުވަތަ ގުޅުންހުރި ދާއިރާއަކުން އެމް.ކިއު.އޭ ގަބޫލްކުރާ ލެވެލް ނުވައެއްގެ ސަނަދަކާއި ލެވެލް ހަތެއްގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ އެޕްލައިޑް ލިންގުއިސްޓިކްސް ނުވަތަ ގުޅުންހުރި ދާއިރާއަކުން އެމް.ކިއު.އޭ ގަބޫލްކުރާ ލެވެލް އަށެއްގެ ސަނަދެއް ހާސިލްކޮށް އެންމެ މަތީ ދަރަޖައިގައި ފާސްވެފައިވުން ހިމެނެއެވެ. އަދި މިދާއިރާއާ ގުޅޭ ދިރާސީ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައި ވެސް ވާން ޖެހެއެވެ. ޕީއެޗްޑީއަށް މީހުން ހޮއްވެވުމުގައި ޑިގްރީ ނުވަތަ މާސްޓާސް ޑިގްރީ ހެދުމުގެ ތެރޭގައި އަމަލީ ތަޖުރިބާ ލިބިފައި ވާ ފަރާތްތަކަށް އިސްކަން ދެއްވުމުގެ އިތުރަށް ދިވެހި ބަހުގެ ޑިގުރީއެއް ހާސިލް ކޮށްފައިވާ ފަރާތްތަކަށް ވެސް އިސްކަން ދެއްވަން ވަނީ ނިންމައިފަ އެވެ.

ދިވެހި ބަހުން ޕީ.އެޗް.ޑީ ހާސިލްކުރަން ޝައުގުވެރިވާ ފަރާތްތަކުން ދެނެބަސް ލިޔުމަށް ޓަކައި ޕްރޮޕޯސަލް ހުށަހަޅާނެ ބަހަވީ ދާއިރާާގެ ތަފާާތު ރޮނގުތަކެއް ގައުމީ ޔުނިވާސިޓީއިން ވަނީ ކަނޑައަޅައިފަ އެވެ. ބައިވެރިންނަށް އިޚުތިޔާރުކުރެވޭ ރޮނގުތަކުގެ ތެރޭގައި މާދަރީ ބަސް އަށަގަތުމާއި ކުއްޖާގެ ކިބައިގައި ބަސް ތަރައްގީވާ ގޮތާއި ދެވަނަ ބަހެއް ދަސްކުރުމާއި ތަރައްގީވުމާއި ދެބަސް ނުވަތަ ގިނަބަސް ބޭނުންކުރާ މުޖުތަމައެއްގައި ބަސް ބޭނުންކުރާ ގޮތާއި ބަހުގެ ސިޔާސަތުތައް ކަނޑައަޅައި ރާވައި ހިންގުމާއި ބަހުގެ ފެންވަރު ބެލުމާއި ދިވެހިބަހުގެ އޮނިގަނޑު ނުވަތަ ސްޓްރަކްޗަރގެ އިތުރުން ލިޔުންތެރިކަމާއި ވާހަކަދެއްކުމާއި މަލްޓިމޯޑަލް ޓެކްސްޓްސް އެނަލައިޒްކުރުމުގެ ރޮނގު ހިމެނެއެވެ.

ތިން އަހަރުގެ މުއްދަތަށް ހިންގަވާ މި ކޯހުގެ ޖާގަ ކަނޑައަޅުއްވަން ހަމަޖައްސަވައިފައިވަނީ ޕީއެޗްޑީއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ބެއްލެވުމަށް ފަހު، ސުޕައިވައިޒަރުންނާއި ހަޔަރ ޑިގްރީ ކޮމެޓީއިން ނިންމަވާ ގޮތެއްގެ މަތީން ކަމަށް ގައުމީ ޔުނިވަރސިޓީގެ އިއުލާނުގައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top