އަންނަ އަހަރުން ފެށިގެން ބ. އަތޮޅުގެ ކުނި ރ. ވަންދުއަށް

ރ. ވަންދޫ. ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ނިމޭނެކަމަށް އެންވަޔަރުމެންޓް މިނިސްޓަރ ވިދާޅުވޭ / ފޮޓޯ: އިންޓަނެޓް

ރ. ވަންދޫ. ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ނިމޭނެކަމަށް އެންވަޔަރުމެންޓް މިނިސްޓަރ ވިދާޅުވޭ / ފޮޓޯ: އިންޓަނެޓް

ނ، ރ، ބ، ޅ އަތޮޅުގައި އުފެދޭކުނި އަންނަ އަހަރުން ފެށިގެން ރ. ވަންދޫގައި ގާއިމްކުރާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދަން ފަށާނެކަމަށް އެންވަޔަރުމެންޓް މިނިސްޓަރ ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބުރާސްފަތިދުވަހުގެ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގެ ތެރޭގައި އިނގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އިބްރާހީމް ފަލާހް ކުރެއްވި ސުވާލެއްގެ ޖަވާބުގަ އެވެ. މިނިސްޓަރު ވިދާޅުވީ ވަންދޫގައި ހިދުމަތްދޭން ފެށުމުގެ ކުރިން ކުރަންޖެހޭ ކަންކަމުގެ 80 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރެވެމުންދަނީ ވަންދޫގައި ބަހައްޓަންޖެހޭ އިންސިނަރޭޓަރު ނުވަތަ ކުނިއެންދުމަށް ބޭނުންކުރާ މެޝިން ބެހެއްޓުމުގެ މަސައްކަތް ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިމަސައްކަތް ވެސް ކުރިއަށް އޮތް އޮގަސްޓް މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ. ވަޒީރު ވިދާޅުވީ ޝެޑިއުލް ކުރެވިފައިވާގޮތުން އަންނައަހަރު ފެށޭއިރު އެރަށުން ހިދްމަތް ދޭން ފަށާނެއެވެ.

ތޯރިގު ވިދާޅުވީ ވަންދޫގެ މަސައްކަތްތައް ނިމި ހިދުމަތްދޭއިރު މިޕްރޮޖެކްޓް މެނޭޖްކުރުމާއި މެދު ސަރުކާރުން އަދި ވަކިގޮތެއް ނުނިންމާ ކަމަށާއި، ނަމަވެސް ދެ ގޮތަކަށް އެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި މިޕްރޮޖެކްޓް މެނޭޖްކުރުމުގައި ސަރުކާރުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް ވަންދޫގައި ހިދުމަތް ދޭން ފަށާއިރު އެ ސަރަހައްދުގެ ގިނަ ބަޔަކަށް ވަންދޫ އިން ވަޒީފާގެ ފުރުސަތު ހަމަޖެހިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އުތުރުގެ ހަތަރު އަތޮޅު ކަމަށްވާ ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅު އަދި ޅ. އަތޮޅުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް ރ. ވަންދޫގައި ރީޖަނަލް ވޭސްޓްމެނޭޖްމެންޓް ސެންޓަރެއް ގާއިމްކޮށް އެތަނަށް ބޭނުންވާ މެޝިނަރީ ހޯދާ އެތަކެތި ބެހެއްޓުމަށް ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ މިކޭލީސްއާ ސަރުކާރުން ހަވާލުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ.

ވޯލްޑް ބޭންކްގެ އެހީގައި ހިންގާ މަޝްރޫއެއް ކަމަށްވާ މޯލްޑިވްސް އެންވަޔަރަންމަންޓް މެނޭޖްމަންޓް ޕްރޮޖެކްޓް( މެމްޕް)ގެ ބައެއްގެ ގޮތުގައި ވަންދޫގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމްކުރުމަށް 2.6 މިލިއަން ޑޮލަރަށް މިކޭލީސްއާ ހަވާލުކުރީ އަށް މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މިޕްރޮޖެކްޓް ނިމުމުގެ ކުރިން މިރީޖަންގެ ރަށްރަށުގައި ކުނިކޮށިތައް ގާއިމްކުރުމުގެ މަސައްކަތްތައް މިހާރު ކުރިޔަށްދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top