އޭދަފުށީ މަގުހެދުމުގެ ސައިޑް ވޯކް، 90 އިންސައްތަ ނިމިއްޖެ

DSCN2645.jpg

4ޖޫން 2018 - އޭދަފުށީގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ -ފޮޓޯ :އީވީ

ސަރުކާރުން ފަށާފައިވާ އޭދަފުށީގެ މަގުހެދުމުގެ މަޝްރޫއުގެ ސައިޑް މަސައްކަތްތަކުގެ 90 އިން ސައްތަ މިހާރު ނިމިފައިވާކަމަށް ހައުސިންގ މިނިސްޓްރީގެ ފަރާތުން މި މަސައްކަތާ ހަވާލުވެ ހުންނެވި އޭދަފުށީގެ ސައިޓްގެ މެނޭޖަރ އަހްމަދު ބަޝީރު ވިދާޅުވެއްޖެއެވެ.

މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދާ ގޮތާ ބެހޭގޮތުން އީވީ އާ ވާހަކަ ދައްކަވަމުން ބަޝީރު ވިދާޅުވީ 20 މީހުނާއެކު ކުރިއަށް ގެންދާ މި މަސައްކަތުގެ 90 އިންސައްތަ މަސައްކަތް މިހާރު މުޅިން ނިމިފައިވާ ކަމަށާއި އުއްމީދު ކުރަނީ ރޯދަމަސް ނިމޭއިރު ތާރު އެޅުމަށް ފައްކާ ކުރެވޭވަރަށް މަގުތައް މުޅިން ނިންމާލެވޭވަރު ވާނެކަމުގައެވެ.

“މަގުތަކުގައި ވަޅުލަން ޖެހޭ ކާނުތަކާ ހޮޅިތައް އަދި ޕޭމަންޓްތަކުގައި ގާ ޖެހުމާއި މިހެން ގޮސް ސައިޑް މަސައްކަތްތައް އެއްކޮށް ރޯދަމަހާއެކު ނިންމާލެވޭނެ ކަމުގެ ޔަގީން ކަން އެބައޮތް. ” ބަޝީރު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މަސައްކަތް މިހާރު މިގެންދަނީ ވަރަށް ބާރު ސްޕީޑްގައި ކަމަށާ ރޭގަނޑުވެސް މަސައްކަތް ކުރިއަށް ގެންދާ ކަމުގައެވެ.

ހައުސިން މިނިސްޓްރީން ކުރިން ވިދާޅުވެފައިވަނީ މި ހިނގާ ޖޫން މަހުގެ ނިޔަލަށް އޭދަފުށީގެ މަގު ހެދުމުގެ މުޅި ޕްރޮޖެކްޓް އެއްކޮށް ނިންމާލެވޭނެ ކަމުގައެވެ.

ބަޝީރު ވިދާޅުވީ އަމާޒަކީ އެއީ ކަމަށާ އެކަމަކު މުޅި ޕްރޮޖެކްޓް އެއްކޮށް ނިންމާނުލެވި ހިނގައިދާނެ ކަމަށެވެ.

ހަމައެއާއެކު މަސައްކަތް ބޭނުންވާ ސްޕީޑްގައި ކުރިއަށް ގެންދިއުމުގައި ދަތި ތަކެއް ވެސް އެބަހުރިކަމަށާ އެދަތިތައް ހައްލު ކުރެވޭނެ ގޮތްތައް ހޯދައިގެން ވާހަކަ ދެކެވެމުން ދާކަމަށް ބަޝީރު ވިދާޅުވިއެވެ.

“އެއްކަމަކީ މި މަސައްކަތަށް ބޭނުންވާ ވެލި ލިބެން ނެތުން. ޕޭމަންޓް ގެ އަރިމަތީގައި ޖަހާ ގާ ބައެއް ތަންތަނުގައި ނުޖެހި އެހެރީ ވެލި ނުލިބިގެން. މޫސުން ގޯސް ވުމުން އެކަމަށް ބޭނުންވާ ދޮންވެލި ނަގަން ނުދެވޭތީ އެމަސައްކަތް އޮތީ މެދު ކެނޑިފައި.”

ދެވަނަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ރތާރު އަލާން ނިންމާފައިވާ ބައެއް ގޭގެ އިން ފާރުގެ ކަން ވައްނުކޮށް ހުރުމުގެ މައްސަލައެވެ. ” އެއީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫން. ރަށު ކައުންސިލުން  އެކަން ކޮށްދިނީމާ ދޯ ވާނީ.  މިހާރުވެސް ހަތަރު ގެއެއްގެ ކަން ވަށް ނުކޮށް ހުރުމުން އެމަގުތައް އެއްކޮށް ނިންމާ ނުލެވި އެހެރީ. ހަމަ އެގޮތަށް ބައެއް ބިން ތަކުގެ ބައުންޑްރީ ވަކި ނުކޮށް އޮތުމުން ގާ ޖެހުމުގައި އެ ދަތިކަން ވެސް ދިމާވެފައި އޮތީ.” ކައުންސިލްގެ އެއްބާރުލުން ލިބެންވާވަރަށް ނުލިބޭކަން ފާހަކުރައްވަމުން ބަޝީރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މަގު ބައްތިތައް ވެސް މިހާރު އެހުރި ގޮތުގެ ބަދަލުގައި އެއް ލެވެލް އަކަށް ހުރުމުން ރީތިވާނީ ހަމަ ރަށަށް ކަމުގައި ވިދާޅުވިއެވެ. ” މަގުމަތީ ބައްތިތައް ހުންނަން ޖެހޭ ޕޮއިންޓް ތަކެއްވެސް އެބަހުރި ކަނޑައަޅާފައި. އެކަމަކު އެއީ ވެސް އަހަރެމެންނަށް ކުރެވޭނެ ކަމެއް ނޫން. ކައުންސިލުގެ ބެލުމުގެ ދަށުގައި ހުންނަ އެއްޗެއް ވީމާ އެކަން ކުރެވޭނީ ކައުންސިލަށް.”

ބަޝީރު ވިދާޅުވީ މި ހުރިހާ ގޮން ޖެހުމަކާ އެކުވެސް ރޯދައިގެ ފަހުން ތާރު އަޅަން ފެށޭވަރަށް މަގުތައް އެއްކޮށް ނިންމާނޭ ކަމުގައެވެ.

“ތާރު އެޅުމަކީ އުނދަގޫ ކަމެއް ނޫން. އެކަމަކު ތާރު އެޅުމުގެ ކުރިން 150 އެމްއެމްގެ ކޮންކްރިޓް ލޭޔަރެއް ތާރުއަޅާ މަގުތަކުގައި އަޅާނެ. އޭގެ މައްޗަށް ތާރު އަޅާނީ. ކޮންކްރިޓް އެލޭޔަރާ ތާރުގެ ފަށަލައާއެކު ޖުމްލަ 200 އެމްއެމް. ބޯމިނުގައި ހުންނާނެ .” ތާރު އަޅާގޮތާ ގޮތުގެ މައުލޫމާތު ބަޝީރު ހިއްސާ ކުރެއްވިއެވެ.

އެމަސައްކަތުގެ ތައްޔާރީ ތަކާބެހޭ ގޮތުން ވާހަކަ ދައްކަވަމުން ބަޝީރު ވިދާޅުވީ ތާރު ކައްކާ މެޝިންގެ ބުޑުތައް އެޅުމުގެ ކުރެހުން މިހާރު އޮތީ އައިސްފައިކަމަށާ މަގުތަކުގައި އަޅާ ކޮންކްރިޓް ލޭޔަރަށް ބޭނުންވާ ތަކެތިވެސް  މިހާރުލިބިފައިވާ ކަމުގައެވެ.

އެކަމަކު ތާރު އެޅުމުގެ މަސައްކަތަކީ އެކި ތަންތަނުގައި މީހުން ތިބެގެން އެކި މަސައްކަތް ކުރަން ޖެހޭ ކަމަކަށް ވެފައި އެމަސައްކަތުގެ އެކި މަރުހަލާ 24 ގަޑިއިރުވެސް ދެމިގެން ދާނެ ކަމެކެވެ. އެހެންވެ މިހާރު މަސައްކަތް ކުރާ ވިހި މީހުންނާއެކު މަސައްކަތް ކުރުން އުނދަގޫ ވާނެ ކަމަށް ވިދާޅުވެ އިތުރު މީހުން ގެނައުމުގެ މަސައްކަތް މިނިސްޓްރީއާ ވާހަކަ ދައްކައިގެން ކުރަމުން އަންނަ ކަމަށް ބަޝީރު ވިދާޅުވިއެވެ.

އޭދަފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ހައުސިން މިނިސްޓްރީއާއި މިހާރު އުވާލާފައިވާ އެމްއާާރްޑީސީ އާ ދެމެދު އެއްބަސްވެ ސޮއިކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖޫންމަހު އެވެ. މިހާރު މިމަސައްކަތް ކުރަނީ ހައުސިންގ މިނިސްޓްރީގެ ފަރާތުންނެވެ.

33 މިލިއަން ރުފިޔާ އަށް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލު ކޮށްފައިވާ މި މަސައްކަތް ނުނިމި ދިގުލަމުން ދާތާ މިހާރު ތިން އަހަރު ވާން އޮތީ މަދު ދުވަސް ކޮޅެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top