ބ.ކަމަދޫގައި ސަރުކާރުން އަލަށް އިމާރާތްކުރަމުން ދާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ދާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، އެ ރަށުގައި ބިނާކުރާ މިސްކިތުގެ ވަށާފާރު ރޭނުމުގެ މަސައްކަތުގެ 90 އިންސައްތަ މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. އަދި މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ޢިމާރާތުގެ ލެވެލް 2 ގެ ރޫފް ބީމްތަކުގެ ރީއެންފޯސްމަންޓް މަސައްކަތްތައް ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ. މި މަސައްކަތްތައް ނިމުމުން މިސްކިތުގެ ކޮންކްރީޓް ސްޓްރަކްޗަރގެ ބޮޑުބައި ފުރިހަމަވެގެންދާނެއެވެ.
މިއީ ރަށުގެ އާބާދީ އިތުރުވަމުން އަންނާތީ، ނަމާދުކުރުމަށް އެކަށީގެންވާ ޖާގަ ތަނަވަސްކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއް ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
މި މަޝްރޫޢު ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް ގެންގޮސް، ވީއެންމެ އަވަހަކަށް މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމައި ރައްޔިތުންނަށް ހުޅުވާލުމަށްޓަކައި ކޮންޓްރެކްޓަރާ ގުޅިގެން ގާތުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.




