ދިގުކެކުރި (ކިޔުކަންބާ): ފައިދާއިން ފުރިގެންވާ މޭވާއެއް

d8514e_edeb88d66202db03a3c3a814316d0a88.jpg

ދިގުކެކުރި އެންމެ ފުރަތަމަ ފެނިފައިވާ ކަމަށް ބެލެވިފައިވަނީ މީގެ ތިން ހާސް އެތައް އަހަރެއްގެ ކުރިން އިންޑިއާއިންނެވެ. ނުވަތަ ހިމާލިޔާ ސަރަހައްދުންނެވެ. ޤަދީމީ ޒަމާނުގެ އޫރޝަހަރާއި ގިލްމާމިޝް ޤަބީލާގެ މީހުންގެ މެދުގައި ވެސް ކިޔުކަންބާއަކީ ކާނާއެއްގެ ގޮތުގައި ބޭނުންކުރި އެއްޗެއް ކަމަށް ވެއެވެ.

ދިގުކެކުރި (ނުވަތަ ކިޔުކަންބާ ނުވަތަ ކިޔޫކަމްބަރ) (/ˈkyo͞oˌkəmbər/) އަކީ، ވަރަށް ފުޅާ ދާއިރާއެއްގައި އިންދައި ހައްދާ މޭވާއެކެވެ. މޭވާއެކޭ މި ދެންނެވީ އެއީ ހަމަ މޭވާއެއް ކަމަށް ވާތީ އެވެ. ތިޔަ ބޭފުޅުން ތަރުކާރީއެކޭ ވިދާޅުވިޔަސް މައްސަލައެއް ނެތެވެ. އެއީ ކެކުރި އާއި ޗިޗަންޑާ ޢާއިލާގައި ހިމެނޭ ވެލެއްގައި އަޅާ އެއްޗެކެވެ. ހައްދައިލަން ފަސޭހަ އަވަހަށް މޭވާ ލިބޭ ބާވަތެއް ވެސް މެއެވެ. ވައްތަރުތަކާއި ބާވަތްތަކާއި ބައްޓަމާއި ސައިޒުވެސް ވަރަށް ގިނަ ބާވަތެކެވެ. ގަދަ ފެހި ކުލައިގައި ކަޅުފެހިކުލައިން ފާޑެއްގެ ކުރެހުމެއް ފެންނަ، ހަފައިލާން މުރަނަ ގޮތެއް ހުންނަ އެކަމަކު މަޑު، އެތެރެ ތެތް މޭވާއެކެވެ. ސަޓަނި ހަދައިގެންނާއި ރޮލާ ހަފައިގެން ވެސް ފަސޭހައިން ކައިލެވޭ މޭވާއެކެވެ. މަދުން ނަމަވެސް ޖޫސް ގިރައިގެން ބޯން ވެސް ބޭނުންކުރާ މޭވާއެކެވެ.

އިންޑިއާ ސަރަހައްދުން ގްރީކަށާއި އިޓަލީ ވިލާތަށާއި، ފަހުން ޗައިނާއަށް ވެސް ދިގުކެކުރި ފެތުރުނެވެ. އަދި އިހުޒަމާނުގައި މިޞުރުންވެސް ދިގުކެކުރި ލިބޭކަމަށް ވެއެވެ. މިއީ އިހުގެ ޤަދީމީ ޞުޙުފުތަކުގައި ވެސް ނަންގަނެވިގެންވާ މޭވާއެއްކަމަށް ބުނެވެއެވެ.

ޞިއްޙީ ގޮތުން ބަލާ އިރު ދިގުކެކުރި ހިމެނެނީ އެންމެ ފައިދާހުރި އެއް މޭވާކަމުގައެވެ. މިއީ ފެޓާއި ކެލޮރީ މަދު، ވިޓަމިނާއި މިނަރަލް ގިނަ ޢަދަދަކަށް އެކުލެވޭ ބާވަތެކެވެ. އެހެންކަމުން ޞިއްޙީ ގޮތުން މިއީ އެންމެ ފައިދާ ބޮޑު އެއް ބާވަތްކަމުގައި ޤަބޫލުކުރާންޖެހެއެވެ. ދިގުކެކުރީގެ ފައިދާތައް ތަފުޞީލުކޮށް ބަޔާންކުރުމަކީ މާ ފަސޭހަ ކަމަކަށް ނުވާތީ، އޭގެ ބައެއް ފައިދާތައް ބަޔާންކޮށްލާނަމެވެ.

1- ހަށިގަނޑުން ފެން މަދުވިޔަ ނުދީ ހިފަހައްޓައިދެއެވެ.
ދިގުކެކުރީގައި %96 އަށް ފެން އެކުލެވިފައި ވުމާއެކު އެ ފެނުގައި އާދައިގެ ފެނުގައި ހުންނަ ވަރަށްވުރެ މާ ގިނައިން ހަށިގަނޑަށް ފައިހުރި ކާނާގެ ބައިތައް އެކުލެވެއެވެ. އެހެންކަމުން ހަށިގަނޑުގެ ތެތްކަން ހިފަހައްޓައިދީ، ހަށިގަނޑުގެ ފިނިހޫނުމިން ބަލަހައްޓައި ހަމަޖައްސައިލުމުގައްޔާއި ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކުރުމުގައި ދިގުކެކުރި އެހީވެދޭނެ އެވެ.

2- ހަންގަނޑަށް ހޭހަން ކޮށްދެއެވެ.
މި މޭވާގައި ގިނަ ޢަދަދަކަށް ފައިދާހުރި ފެނާއި ވިޓަމިން އޭ އާއި ބީ އާއި ސީ އެކުލެވިގެންވުމާއެކު، މެގްނޭޒިއަމާއި ޕޮޓޭސިއަމާއި ސިލިކާ ފަދަ ބައެއް މިނަރަލްތަކަކީ ގައިގެ ހަމުގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ އެންމެ އަސާސީ ބައިތައް ކަމަށް ވާއިރު، މި ހުރިހާ މާއްދާތަކެއް ދިގުކެކުރީގައި އެކުލެވިފައިވުމުން މިއީ ގައިގެ ހަމަށް އެންމެ ފައިދާހުރި މޭވާކަމަށް ހަމަ އެންމެންހެން ޤަބޫލުކުރެއެވެ. ބޮޑުކެކުރީގެ ތޮއްޓަކީ އަވިންނާއި އަލިފާނުގެ ހޫނުން ހަމަށް ލިބޭ ގެއްލުންތަކަށް ވެސް ފަރުވާ އެކެވެ.

3- ކެންސަރުބައްޔާ އިދިކޮޅަށް މަސައްކަތްކުރެ އެވެ.
ބޮޑުކެކުރިގައި ވަރަށް ޚާއްޞަ 3 މާއްދާއެއް (ކަމަށް ވާ ލެރިސިރެސިނޯލް، ޕިނޮރެސިނޯލް، ސިކޮއިސޯ، ލެރިސިރެސިނޯލް) ހިމެނިފައިވުމާއެކު މިއީ، ދެތިން ހަތަރު ބާވަތެއްގެ ކެންސަރުގެ ނުރައްކާ ކުޑަކޮށްދޭ މާއްދާތަކެއް ކަމަށް ވެއެވެ. އެހެންކަމުން މިއީ ކެންސަރުގެ ނުރައްކާ ވެސް ކުޑަކޮށްދޭ މޭވާއެއްކަމަށް ބެލެވެއެވެ.

4- ލޭމައްޗަށް ދާ ބައްޔަށް ފަރުވާއެކެވެ.
ދިގުކެކުރީގެ ދިޔައިގައި (ޖޫސް) ގިނަ ޢަދަދަކަށް އެކުލެވޭ ޕޮޓޭސިއަމާއި މެގްނޭސިއަމާއި ފައިބަރަކީ ލޭ މައްޗަށް ދިޔުން ބަލަހައްޓައި މައިތިރިކޮށްދޭ މާއްދާތަކެކެވެ. އެހެންކަމުން ކިޔުކަމްބާ ބެލެވިފައިވަނީ ލޭ މައްޗަށްދާ މީހުންނަށާއި ލޭ ދަށަށްދާ މީހުންނަށް ފަރުވާދިނުމަށް ވެސް ނުހަނު ބޭނުންތެރި މޭވާއެއްކަމުގައެވެ.

5- ދަތާއި ހިރުގަނޑުގެ ފަރުވާއެކެވެ.
ދިގުކެކުރި ޖޫހަކީ ދަތާއި ހިރުގަނޑުގައި މައްސަލަ ހުންނަ މީހުންނަށް ވަރަށް މުހިއްމު ފަރުވާއެކެވެ.

6- ހަޖަމުކުރުމުގެ ނިޒާމަށް އެހީތެރިވެދެއެވެ.
ހަޖަމުކުރުމުގެ ނިޒާމަށް ނޭދެވޭ އަސަރު ފޯރުވައިދޭ އެސިޑްތަކާއި މޭއެންދުމާއި ގޭހު (ގެސްޓްރައިޓިސް) ގެ އުނދަގޫތަކުން ސަލާމަތްވުމަށްޓަކައި ކޮންމެ ދުވަހަކުވެސް ތާޒާ ކިޔުކަންބާ ޖޫސްތައްޓެއް ބޯ ނަމަ، ހަޖަމުގެ މައްސަލަތަކަށް ޙައްލެއް ލިބޭނެ އެވެ.

7- ހުޅުހުޅުގެ އުނދަގޫތަކަށް ވެސް މިއީ ފަރުވާއެކެވެ.
ދިގުކެކުރީގައި ހުންނަ ސިލިކާގެ ސަބަބުން އިންސާގެ އެކި ހުޅުހުޅު ގުޅުވައިދިނުމަށް ހުންނަ ޓިޝޫތަކުގެ ބާރުގަދަކޮށްދީ ހުޅުތައް ވަރުގަދަކޮށްދޭނެ އެވެ.

8- ނިޔަފަތީގެ ފަރުވާއެކެވެ.
ބޮޑުކެކުރީގައި ގިނަ ޢަދަދަކަށް ސިލިކާ އެކުލެވިފައިވުމާއެކު އެއީ އިނގިލިތަކުގެ ނިޔަފަތި ޙިމާޔަތްކޮށްދީ ނިޔަފަތި ހަލާކުވުމުން ރައްކާތެރިކޮށްދިނުމުގައި އެހީތެރިވެދޭ ބާވަތެކެވެ.

9- ފަނިވުމުން ސަލާމަތްކޮށްދެއެވެ.
ކުޑަކުދީން ފަނިވުމަކީ ރާއްޖޭގައި ކުރިން ވަރަށް ޢާއްމުކަމެކެވެ. މިހާރު މިކަން ދިމާވުން މަދު ނަމަވެސް މިއީ ޚާއްޞަކޮށް ކުޑަކުދީންނަށް، ޢާއްމުކޮށް ހަމަ ކޮންމެ މީހަކަށް ވެސް ދިމާވެދާނެ ކަމެކެވެ. ދިގުކެކުރިއަކީ މިކަމަށް ވެސް ވަރަށް ރަނގަޅު ފަރުވާއެކެވެ. ދިގުކެކުރީގެ ހިމުންކޮށް ފެނާއެކު ބޭނުންކުރުމުން މިކަމުން ލުއިކޮށްދެއެވެ. ފަނީގެ ތަފާތު ބާވަތްތައް ހުންނައިރު، އޭގެ އެންމެ މަދު ވައްތަރު ކަމުގައިވާ [ފީތާ ފަނި] (tapeworms) ގެ އުނދަގުލުން ސަލާމަތްވުމަށް މިއީ ހަމަ ވަރަށް ރަނގަޅު ފަރުވާއެކެވެ.

10- ރާއްޖެބަލީގެ ރަނގަޅު ފަރުވާއެކެވެ.
ދިގުކެކުރި އަކީ ވިޓަމިންއޭ އާއި ވިޓަމިންބީ1 އާއި ވިޓަމިންބީ6 އާއި ވިޓަމިން ސީ އާއި ވިޓަމިން ޑީ އިން މުއްސަނދިވެފައިވާ މޭވާއެކެވެ. މީގެ އިތުރުން މިނަރަލްގެ ބާތްތަކެއް ކަމަށްވާ ފޮލޭޓާއި ކެލްސިއަމާއި މެގްނޭސިއަމާއި ޕްޓޭސިއަމަކީ ދިގުކެކުރީގައި އެކުލެވިފައިވާ މާއްދާތަކެކެވެ. އެހެންކަމުން ވިލާތުކައްޓަލަ (carrot) ޖޫހާއި ދިގުކެކުރި އެއްކޮށްގެން ބޮއިފި ނަމަ، ޔޫރިކް އެސިޑްގެ މިންވަރު ހަށިގަނޑުން ދަށްކޮށްދިނުމުގެ ސަބަބުން ރާއްޖެބަލީގެ (ޚާއްޞަ ބާވަތެއް ކަމުގައިވާ އާރތުރައިޓިސް (artritis) ގެ) ސަބަބުން ހުޅުހުޅުގައި ރިހޭ ރިހުން ވަރަށް ބޮޑުތަން ކުޑަކޮށްދޭނެ އެވެ.

11- ހަކުރުބަލީގެ ވެސް ފަރުވާއެކެވެ.
ދިގުކެކުރި ޖޫސް އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ، ހަކުރުބަލީގެ މީހުންނަށް ރަނގަޅު ފަރުވާއެއްގެ ގޮތުގައެވެ. އެހެނީ ކުޑަގޮހޮރު ގައި އިންސިޔުލިން އުފެއްދުމަށް ބޭނުންވާ ސެލަށް ބޭނުންވާ ހޯމޯނެއް ދިގުކެކުރީގައި އެކުލެވިފައިވެއެވެ.

12- ދުޅަހެޔޮ އިސްތށިގަނޑެއް ލިބިގަތުމަށް އެހީތެރިވެދެއެވެ.
ދިގުކެކުރީގައި ސިލިކޯނާއި ސަލްފަރ އެކުލެވިފައިވާތީ މިއީ ދުޅަހެޔޮ އިސްތަށިގަނޑަކަށް ވަރަށް ބޭނުން މޭވާއެކެވެ. މި މޭވާއިން އިސްތަށިގަނޑަށް ލިބޭ ފައިދާ އިތުރުކުރުމަށްޓަކައި ލެޓިޔުސްއާއި ވިލާތުކައްޓަލައާއި އެއްކޮށްގެން ޖޫސްކިރައިގެން ބުއިން ރަނގަޅުވާނެ އެވެ.

13- ކޮލެސްޓަރޯލް ދަށްކޮށްދެއެވެ.
މިހާތަނަށް ހޯދިފައިވާ ޢިލްމީ ހޯދުންތަކުން ދައްކަ ގޮތުގައި ދިގުކެކުރީގައި އެކުލެވޭ އިސްޓަރޯލް (isterol)ގެ ސަބަބުން ހަށިގަނޑުގައި ހުންނަ (ނުރައްކާތެރި) ކޮލެސްޓަރޯލގެ މިންވަރު ދަށްކޮށްދިނުމަށް އެހީތެރިވެދެއެވެ.

14- ކިޑްނީގައި ހިލަ އުފެދުމުން ރައްކާތެރިކޮށްދެއެވެ.
ކުޑަކަމުދާ ނިޒާމުކުޑަކަމުދާ ނަޖިހުގެ އެހީގައި ހަށިގަނޑުގެ ވިހަތައް ބޭރުކޮށްދެއެވެ. ދިގުކެކުރީގައި ފައިދާހުރި މާއްދާތަކުން މުއްސަނދިވެފައިވާ ފެނުގެ ބައި ގިނަ ޢަދަދަކަށް ހިމެނިފައިވާތީ ކުޑަކަމުދާ ނަޖިސް އުފެދި އޭގެ ސަބަބުން ވިހާ މާއްދާތައް ކުޑަކަމުދާ ނިޒާމުން ބޭރުވެއެވެ. ނަތީޖާއަކަށް ވަނީ ކިޑްނީގައި ހިލަ އުފެދުމުން ރައްކާތެރިކޮށްދިނުމެވެ.

15- ބަރުދަން އިތުރުވުން ކުޑަކޮށްދެއެވެ.
މި މޭވާގައި ހުންނަ ފެން ގިނަ، ކެލަރީ ދަށް، މާއްދާތަކުގެ ސަބަބުން ދިގުކެކުރިއަކީ ހަށިގަނޑު ބަރުވިޔަ ނުދިނުމަށްޓަކައި ބޭނުންކުރާ ރޭވުންތެރި ކެއުމަށް (diet) ވަރަށް ވެސް ރަނގަޅު މޭވާއެކެވެ.

އާދޭހެވެ! ދިގުކެކުރިއަކީ އޭގެ ފައިދާތައް މިހެން ފަސޭހައިން ލިޔެ ހުސްކޮށްލެވޭ ވަރަށްވުރެ މާ ފައިދާ ބޮޑު މޭވާއެކެވެ. ނުވަތަ (ތިޔަބޭފުޅުން ވިދާޅުވާ ގޮތުން ނަމަ) ތަރުކާރީއެކެވެ. އެއީ ގޯތިތެރޭގެ ކުޑަ ތަންކޮޅެއްގައި ނުވަތަ ގޭގެ ހާމަ ފެންޑާގައި ވަށިގަނޑެއްގައި ވެސް ހައްދައިގެން ފަސޭހައިން ބޭނުންކުރެވިދާނެ ބާވަތެކެވެ. ކުޑަކުޑަ މަސައްކަތަކުން މިހާ ބޮޑު ފައިދާއެއް ލިބޭ މޭވާއަކާ މެދު އަޅުގަނޑުމެން ދޭންވާ ސަމަލުކަން އެބަ އިތުރުކުރާންޖެހެއެވެ.

މަސްދަރު: ލިޔުންތެރިން ޑޮޓް އޯގް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top