އޭދަފުށި ރަސްމީ ފުޓްބޯޅަ ދަނޑުގައި ވިނަ އިންދަން އިންޑިޔާ ކުންފުންޏަކަށް؟!

DJI_0122-1024x576.jpg

އޭދަފުށި ރަސްމީ ދަނޑު ހިމެނޭ ސްޕޯޓްސް އެރީނާގެ އޭރިއަލް ފޮޓޯއެއް / ފޮޓޯ: އީޓީ

އޭދަފުށި ރަސްމީ ފުޓްބޯޅަ ދަނޑުގައި ގުދުރަތީ ވިނަ އިންދުމަށް އިންޑިއާގެ ކުންފުންޏަކާއެކު މަޝްވަރާކުރަމުން އަންނަކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ބައްސާމް މިހެން ވިދާޅުވީ އަތޮޅު ތެރޭގައި ދިވެހި ލީގް ކުޅުމުގެ ވިސްނުން އެފްއޭއެމުން ގެންގުޅެމުންދާ ކަމަށް ވިދާޅުވެ ދާދިފަހުން މީޑިއާތަކަށް ދެއްވި ޕްރެސް ކޮންފަރެންސްގެ ތެރޭގައެވެ. ބައްސާމް ވިދާޅުވިކަމަށް ރާއްޖޭގެ ބޮޑެތި ނޫސްތަކުގައިވަނީ ރަށްރަށުގައި، ދިވެހި ލީގް މެޗުތައް ކުޅުމުގެ ޕްލޭން ބިނާ ވަނީ، ރަށްރަށުގެ ދަނޑުތައް ތަރައްގީ ކުރާ ހިސާބުންކަމަށެވެ. އެ މަޝްރޫއުގެ ފުރަތަމަ ބަޔަކީ ދަނޑުތަކުގައި ގުދުރަތީ ވިނަ ހެއްދުމެވެ. އެގޮތުން ފީފާގެ ސްޓޭންޑަޑަށް ދަނޑުތަކުގައި ވިނަ ހެއްދުމަށް އިންޑިއާގެ ކުންފުންޏަކާއެކު ވާހަކަ ދައްކަމުން އަންނަ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ ވިނަ ހެއްދުމުގެ ފުރަތަމަ ފުރުސަތު ދޭނީ، މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ އަށަކަށް ދަތުރު ކުރި ރަށްރަށުގެ ޓީމުތަކަށެވެ. މިދިޔަ އަހަރުގެ މިނިވަން ޗެންޕިއަންޝިޕްގައި ގަދައަށަކަށް އޭދަފުށީގެ އިތުރުން ހޮވުނީ ހދ ކުޅުދުއްފުއްޓާ، ށ. މިލަންދޫ، އއ. މާޅޮސް، ދ. ކުޑަހުވަދޫ ، ތ. ތިމަރަފުށި ، ގދ. ތިނަދޫ އަދި އައްޑޫ ސިޓީގެ ފޭދޫއެވެ. އެގޮތަށް ކޮންމެ އަހަރަކުވެސް މިނިވަން ޗެމްޕިއަންޝިޕްގައި ގަދަ އަށަކަށް ދާ ޓީމުތަކަށް ދަނޑުގައި ވިނަ ހެއްދުމުގެ ފުރުސަތު އެފްއޭއެމުން ދޭނެކަމަށް ބައްސާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއް ޓީމުތަކެއް ކާމިޔާބު ހޯދި ކަމުގައި ވީނަމަވެސް ބޭނުމަކީ އަތޮޅު ތެރޭގައިވެސް ރަނގަޅު ދަނޑުތަކެއް ހެދިގެން ދިއުން ކަމަށެވެ.

“ދަނޑުތައް ތަރައްގީކޮށް އިންފްރާސްޓްރަކްޗާ ރަނގަޅު ކުރުމުގެ ބޭނުމަކީ ވަރަށް ދުރު ރާސްތާ ޕްލޭނަކާއެކު އަޅުގަނޑުމެންގެ ދިވެހި ޕްރިމިއާ ލީގް އަތޮޅު ތެރެއަށް އެއްކޮށް ފެތުރިގެން ދިއުން،” ބައްސާމް ވިދާޅުވި އެވެ.

“އެކަން ކުރުމަށްޓަކައި ރަނގަޅު ވަސީލަތްތައް އަތޮޅު ތެރޭގައި ގާއިމު ވާން ޖެހޭ، ރަނގަޅު ދަނޑުތައް އެބަ ހުންނަން ޖެހޭ، ހަމައެކަނި ގްރާސް ދަނޑެއް އޮތުމެއް ނޫން، ރަނގަޅު ޗޭންޖިން ރޫމްތަކެއް ހުންނަން ޖެހޭ، ސީޓިން އޭރިއާ ހުންނަން ޖެހޭ، ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓްތައް ޖެހިގެން ދާން އެބަޖެހޭ ވަރަށް ގިނަ ކަންކަމަެއް އަތޮޅުތެރޭގެ ދަނޑުތައް ތަރައްގީ ކުރުމަށްޓަކައި ކުރަން ޖެހިފައި އެބައޮތް.”

އޭދަފުށި ރަސްމީ ފުޓްބޯޅަ ދަނޑުގައި ގުދުރަތީ ވިނަ ހެއްދުމަށް އެފްއޭއެމުން މަޝްވަރާކުރަމުން އަންނައިރު، އޭދަފުށިގައި ފެންވަރު ރަނގަޅު ޓާފް ދަނޑެއް ތަރައްޤީ ކުރުމުގެ މަސައްކަތް އޭދަފުށީގެ މަހުޖަނު އަހްމަދު ނަޒީރުވެސް އަންނަނީ ކުރަމުންނެވެ. އެދަނޑު ތަރައްޤީ ކުރަން ހަމަޖެހިފައިވަނީ އޭދަފުށި ޒުވާނުންގެ މަރުކަޒާ އިންވެގެން އިރުމަތީ ސަރަހައްދުގައި އޮތް ބިމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top