ޝައިޚް މަޖީދުގެ ދަރެސް: ޖަމާޢަތުގެ ނަމާދުގައި މައުމޫމުން ކޮންމެހެން ސަމާލުވާންޖެހޭކަމެއް

182276881-56a5367b5f9b58b7d0db88f2-1.jpg

ކޮންމެ މުކައްލަފަކު، ރެއަކާއިދުވާލު ކުރުމަށް މާތްﷲ ފަރްޟުކުރައްވާފައިވާ ފަސްނަމާދަކީ، ވަޤުތު ކަނޑައެޅިފައިވާ ނަމާދުތަކެކެވެ. އެނަމާދުތައް ކުރުން މޮޅުއިތުރުވެގެންވަނީ ޖަމާޢަތުގައެވެ. ނަމަވެސް ޖަމާޢަތުގައި ކުރުމަށް ޢުޛުރުވެރިވާ މީހުންނަށް އެކަހެރިވެހުރެ ނަމާދު ކުރެވެއެވެ. އެކަހެރިވެހުރެ ކުރާ ނަމާދަށްވުރެ ޖަމާޢަތުގައި ކުރާ ނަމާދު ހަތާވީސް ދަރަޖަ އިތުރުވެގެންވާ ކަމަށް ކީރިތިރަސޫލާޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުން ޘާބިތުވެއެވެ. އެހެންކަމުން ވަރަށްގިނަ ބަޔަކު ޖަމާޢަތުގެ ދަރުމައާއި ޘަވާބު ހާޞިލުކުރުމުގެ ނިޔަތުގައި ޖަމާޢަތުގައި ނަމާދު ކުރުމަށް ވަރަށްބޮޑަށް ފަރުވާތެރިވެއެވެ.

ޖަމާޢަތުގެ ދަރުމައާއި ޘަވާބު ޙާޞިލުކުރުމަށް ޖަމާއަތަށް ދާ މީހުން، އިމާމެއްގެ ފަހަތުގައި ނަމާދުކުރާއިރު ސަމާލުކަންދޭންޖެހޭ ވަރަށްގިނަ ކަންތައްތަކެއްވެއެވެ. އޭގެތެރެއިން އެއްކަމަކީ، އެއް ރުކުނުން އަނެއްރުކުނަށް ނަޤުލުވާހިނދު (ބަދަލުވާހިނދު) މައުމޫމުން އިމާމާއަށްވުރެ ކުރިން ބަދަލުނުވުމެވެ.

ޢިލްމުވެރިން ވިދާޅުވާގޮތުގައި އިމާމާ، އެއްރުކުނުން އަނެއްރުކުނަށް ނަޤުލުވުމުގެ ކުރިން މައުމޫމުން ނަޤުލުވުމަކީ ޙަރާމްކަމެކެވެ. ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެ އަރިހުން، މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު ރިވާކުރެއްވިކަމަށް އަލްއިމާމުލްބުޚާރީއާއި، އިމާމު މުސްލިމު އިންތިފާޤުވެވަޑައިގެންފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، “މާތްﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) ހަމަކަށަވަރުން މާތްނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (ތިޔައިން މީހަކު އިމާމާއަށްވުރެ ކުރީގައި (ރުކޫޢުން ނުވަތަ ސަޖިދައިން) ތިމާގެ ބޯ އުފުއްލާހިނދު، (ދަންނާށެވެ!) ހަމަ ކަށަވަރުން، ﷲ ތަޢާލާ އޭނާގެ ބޯ، ޙިމާރެއްގެ ބޮލަށް ބަދަލުކުރައްވައިފާނެކަމަށްޓަކައި، ނުވަތަ ﷲތަޢާލާ އޭނާގެ ސިފަ ޙިމާރެއްގެ ސިފައަށް ބަދަލުކުރައްވައިފާނެކަމަށްޓަކައި ބިރުވެތިނުވަމުހެއްޔެވެ؟”

އިސްވެދިޔަ ބަސްފުޅުން ދޭހަވަނީ، ހަމައެކަނި ޙަރަކާތްތަކެއް ކުރުމަކުން ނަމާދު މަޤްބޫލު އަޅުކަމަކަށްނުވާނެކަމެވެ. ނަމާދުގެ ޙަރަކާތްތައްކުރުމުގައި ވަކި ހަމަތަކެއްވާކަމެވެ. ޚާއްޞަކޮށް ރުކޫޢުސުޖޫދު ކުރާއިރު މައުމޫމުން ޙަރަކާތް ކުރަންވާނީ އިމާމާ ޙަރަކާތް ކޮށް ނިމުމަށް ފަހުގައިކަމެވެ.

އެހެންކަމުން، އިމާމާވެސް އެއްރުކުނުން އަނެއްރުކުނަށް ނަޤުލުވާހިނދު ތަކުބީރުތައް ކިޔުމުގައި، އިމާމާއަށްވުރެ ކުރިން މައުމޫމުންނަށް ޙަރަކާތް ނުކުރެވޭނެ ގޮތަކަށް ވިސްނުންބަހައްޓައިގެން ތަކުބީރުތައް ކިޔުމަށް ސަމާލުވާންޖެހެއެވެ. އަދި މައުމޫމުންވެސް ޙަރަކާތް ކުރަންވާނީ އިމާމާ ތަކުބީރު ކިޔައި ނިމުމަށް ފަހުގައެވެ.

އަޅަމެންނީ ނަމާދުގެ އަދަބުތަކާ އެއްގޮތަށް ނަމާދުކުރާ ބަޔަކުކަމުގައި ލައްވާށިއެވެ!

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top