ރޯދަމަހަށް މަރުހަބާ

ramadan_greeting_card_by_marwanzahran-d5bl9r7.jpg

ބަރަކާތުން ފުރިގެންވީ ރަމަޟާންމަސް ހެޔޮކަމުން ފުރިގެންވީ ރެއަކާއިއެކު އަޅުގަނޑުމެންނާއި ބައްދަލުކުރީއެވެ. އެމަހަށް އަޅުގަނޑުމެން މަރުޙަބާ ކިޔަންވާނީ ހެޔޮހިތުންނެވެ. ހިތުގެ އިޚްލާސްތެރި ކަމާއިއެކުގައެވެ. މިމާތް މައްސަރާއި، މިބައްދަލުވީ ދިގުއިންތިޒާރަކަށްފަހުގައެވެ. އެކަމަށްއެދި ދުރާލާ ތައްޔާރުތަކެއް ވުމަށްފަހުގައެވެ. ޝަރަފްވެރި މެޙްމާނަކަށްވާތީ ހޫނު ހޫނު މަރުޙަބާއެއް ކިޔަންބޭނުންވެއެވެ. ރަތްދޫލައިގެމަރުޙަބާއަކަށް ވުރެވެސް ފުރިހަމަކޮށެވެ.

މިބަރަކާތްތެރި މެޙްމާން އަޅުގަނޑުމެންނަށް ގިނަގުނަ ހަދިޔާތަކެއް ގެނެސްދިނެވެ. އަދި ގިނަގުނަ ހަދިޔާތަކެއް ލިބޭނޭކަމުގެ އުއްމީދު އާކޮށްދިނެވެ. ރޫޙާނީ ޢާލަމަކަށް ގެންގޮސްދޭނެއެވެ. ހިތުގެ އިއްތިޤާދު ހަރުދަނާ ކޮށްދޭނެއެވެ. ﷲސުބްޙާނަހޫ ވަތަޢާލާއަށްޓަކައި މަތިވެރި ޤުރުބާންތަކެއް ވުމުގެ ޖޯޝް އުފައްދައި ދޭނެއެވެ.

އަޅުގަނޑުމެން އެއްބަސްވީ ދުވާލުގެ ވަގުތުގައި ރޯދައަށް ތިބުމަށެވެ. ކެއިންބުއިމާއި އެނޫންވެސް ރޯދަގެއްލޭފަދަ ޢަމަލުތަކުން ދުރުވުމަށެވެ. އަދި މިއާއިއެކު ރޯދައަށް އުނިކަމެއް އަތުވެދާނެ އެންމެހާ ކަންތައްތަކުން ދުރުވެގެން ތިބުމަށް އެއްބަސްވީމެވެ.ފަރުޟު ފަސްނަމާދާއި، ހުރިހާ ސުންނަތް ނަމާދުތައް ކުރުމަށް ޚާއްޞަ ސަމާކަމެއް ދޭން ނިންމީމެވެ. އެއީ އޭގެ ޘަވާބުގެ ގިނަގުނަ ކަމުންނެވެ. ދަރުމައިގެ މަތިވެރިކަމުންނެވެ. ﷲގެ މަތިވެރި ކަލާމްފުޅު ވިސްނުންތެރިކަމާއިއެކު ތިލާވަތު ކުރުމަށް ޢަޒުމް ކަނޑައެޅީމެވެ. ދިރިއުޅުމުގައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ބަރާބަރަށް ކުރުމަށް ނިންމީމެވެ. ރޭގަނޑުގެ ގިނަވަގުތު ތަކެއްގައި ރޭއަޅުކަންކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ޞަދަޤާތް ދިނުމަށް އެއްބަސްވެވުނެވެ.

މިކަމުގެ ސަބަބުން ޢިބްރަތުން ފުރިގެންވީ ދަރުސްތަކެއް އަޅުގަނޑުމެންނަށް ލިބޭނެއެވެ. ތަޤްވާވެރިކަމުގެ މާތްސިފަ ލިބޭނެއެވެ. ކެތްތެރިވުމުގެ ބާރުއުފައްދައި ދޭނެއެވެ. ނިކަމެތި ފަޤީރުންގެ ޙާލު އިޙްސާސް ކުރެވޭނެއެވެ. ނަފްސް ކޮންޓްރޯލް ކުރުމުގެ ހިތްވަރު އުފައްދައި ދޭނެއެވެ.ތަޤްވާވެރިކަމުގެ މާތްސިފައަކީ ކޮންމެ އިންސާނަކުމެ ލިބިގަންނަންވީ ރިވެތި ސިފައެކެވެ. ﷲށް ބޯލަނބައި ކިޔަމަންވެ ނަހީކުރެއްވި ކަންތައްތަކުން ދުރުވެގެން މެނުވީ އިންސާނަކަށް ހެވެއް ލާބައެއް ނެތެވެ. ކެތްތެރިކަމުގެ މާތްސިފަ ލިބިއްޖެ އިންސާނަކީ ނަސީބުވެރިއެކެވެ. ކޮންމެފަދަ މުސީބާތެއް ކުރިމަތިވިޔަސް އެއީ މާބޮޑުކަމަކަށް ނުވާނެއެވެ. ނިކަމެތި ފަޤީރުންގެ މަތީން ހަނދުމަވާނަމަ އެމީހެއްގެ އިންސާނިއްޔަތުކަން ދިރިގެން އަންނާނެއެވެ. އެހެންމީހުންނަށް ހަމްދަރުދީ ވެވޭނޭމެއެވެ. އެންމެންގެ ލޯބި ލިބިގެންދާނެއެވެ. ހަސަދަވެރިއެއް ދެކޮޅުވެރިއެއް ނުހުންނާނެއެވެ. ނަފްސު ކޮންޓްރޯލް ކުރުމުގެ ބާރު ލިބިގެން ދިއުމަކީ މިނިވަންކަން ލިބިގެން ދިއުމެވެ. ޝައިތާނީބާރު ތަކަކަށް އަޅުވެތިވާކަށް ނުޖެހޭނެއެވެ. އެއްވެސް އިންސާނަކަށް ގެއްލުމެއް ނުދޭނެއެވެ.

ކޮންމެދުވަހަކުވެސް ހެޔޮކަންތައް ކުރުމުގެ ފުރުޞަތު ލިބެއެވެ. ރަމަޟާންމަހުކުރާ ހެޔޮކަންތައް އެތައްގުނައަކަށް އިތުރުކޮށްދެއްވިއަތީ އެކަލާނގެއަށް ހަމްދާއި ޝުކުރު ކުރަމެވެ. ދެދުނިޔޭގެ ފަލާހާއި ކާމިޔާބު ހޯދޭނެމަގުތައް ބައިވަރެވެ. އެމަގުތަކުން ހިގައި ކުރިއަށްދާންވީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top