މޭގައި ރޯގާ ހިފުމުން ގޭގައި ދެވޭނީ ކޮންފަރުވާއެއް

cold-flu-symptoms-e1455838006543.jpg

އާދައިގެ އަރިދަފުސް ރޯގާ ޖެހުމުން ފަރުވާނުކޮށް ހުއްޓާ މޭގައި ރޯގާ ހިފައިގެން ކެއްސާ މެ އަށް ތަދުވެ އަދި ގިނަ ދުވަސްވަންދެން ރަނގަޅުނުވެ ހުންނަން މެދުވެރިވެ އެވެ. އަދި ނޭވާލުމުގެ ނިޒާމުގެ ތެރޭގައި ދަވަ އާއި ފެން ގިނަވެ ހާއްސަކޮށް ފުއްޕާމޭގައި ދަވަ އާއި ފެން ހެދުމުން މޭގައި ރިއްސުމާއި ކެއްސުން މެދުވެރިވެ އެވެ. މި ބަލީގެ ނިޝާންތަކުގެ ތެރޭގައި ކެއްސާފައި އަނގަ އިން ދަވަ އައުމާއެކު މޭގައި ރިއްސުން އަދި ނޭވާގައި ގުމުޓާ އަޑު (ނޭވާ ހިއްލާ އަޑު) ހިފާފައި ހުރުން ހިމެނެ އެވެ.

މި ލިޔުމުގައި މި ބަލާލަނީ މި ގޮތަށް ދިމާވުމުން ޑޮކްޓަރީ ބޭސް ބޭނުންނުކޮށް ގޭގައި ދެވިދާނެ ބައެއް ކަހަލަ ފަރުވާއަށެވެ.
– މޭގައި އަރިދަފުސް ހިފުމުން ގޭގައި ކުރެވިދާނެ އެންމެ އާދައިގެ އެއް ކަމަކީ އާވި އެރުވުމެވެ. ތެއްޔަކަށް ހޫނު ފެން އަޅައި އެއަށް ބޮޑުއާވި ތެޔޮކޮޅެއް ނުވަތަ ޕެޕަމިންޓް ކޮޅެއް އަޅާށެވެ. އާދައިގެ ވަރެއްގެ ކުޑަ ތުވާއްޔެއް ބޮލުގައި ބާއްވާފައި އެ ތެއްޔާ ދިމާލަށް ގުދުވެ ތެލިން އަރާ އާވިތައް ނޯށުން އެތެރެ އަށް ދަމާށެވެ. ތުވާލީގެ ކަންތައް ތެލީގެ ބޭރަށް ވާ ގޮތަށް ވައްޓާލައި ތެލިން އަރާ އާވިތައް ބޭރަށް ނުދާނޭ ގޮތަށް ބަހައްޓައި އަނގަޔައި ނޭފަތަށް އާވި އަރާ ގޮތަށް ބަހައްޓާށެވެ. އާވީގައި އެކުލެވޭ ބައިތަކުގެ ސަބަބުން ނޭވާލާ ނިޒާމުގައި ހަރުލާފައި ހުރި ދަވަތައް ބޭރުވާން ފަސޭހަވެ މެޔަށް ލުއިވާނެ އެވެ.

ހޫނު ދިޔާ ތަކެތި ބުއިމަކީ ވެސް ކެއްސުމާއި އަރިދަފުސް ރޯގާ އަށް ވަރަށް ލުއި ލިބޭ ކަމެކެވެ. އެނައިސް، ކާޑަމޮމް، ރޯޒްމޭރީ ނުވަތަ ގިންސެންގް ހާބަލް ޓީ ބުއިމުން ވެސް ފުއްޕާމޭގަ އާއި ނޭވާލުމުގެ ނިޒާމުގައި ތަތްވެފައި ހުންނަ ދަވަތައް ނެއްޓެ އެވެ. ޕެޕަމިންޓް ސަޔަކީ ވެސް ގޭގައި ތައްޔާރުކުރެވިދާނެ ރަނގަޅު ފަރުވާއެކެވެ. މި ގޮތުން ކުރެވިދާނެ އަނެއް ކަމަކީ ހޫނު ފެނަށް ތުވާއްޔެއް ލާފައި ނަގާ ރަނގަޅަށް ފެލާލުމަށް ފަހު މޭމަތީގައި ކުޑަ އިރުކޮޅެއް ވަންދެން ބާއްވާލުމެވެ. ތުވާލި ހިހޫ ނުވަނީސް ނަގާ އަނެއް ފަހަރު ހޫނުފެނަށް ލައި ފެންތައް ރަނގަޅަށް ފެލާލުމަށް ފަހު އަނެއްކާ ވެސް ބާއްވާނީ އެވެ. މި ގޮތަށް މާގިނަ ފަހަރު ނޫނަސް ހައެއްކަ ފަހަރު ހެދުމުން ވެސް ލުއި ލިބެ އެވެ. މި ގޮތަށް ތުވާލިން މޭ ހޫނުކޮށްލާ ނިމުމާއެކު އަވަހަށް ހިކި ފޮތިގަނޑަކުން ފެން ހިއްކައި މޭމަތި ރަނގަޅަށް ބަންދުކޮށްލަންވާނެ އެވެ. ނޫންނަމަ މެޔަށް ފިނިވެ، ރޯގާ އިތުރަށް ބޮޑުވެދާނެ އެވެ. މި ގޮތަށް މޭމައްޗަށް ހޫނުކޮށްލުމުން ކެއްސާފައި އަރިދަތައް އަނގަ އިން ނުކުމެ މެއަށް ލުއި ލިބެ އެވެ.

ޗިކަން ސޫޕް ނުވަތަ ގޭގައި ތައްޔާރުކުރާ ތަރުކާރީ ސޫޕް ހޫނުހޫނުކޮށް ބުއިމަކީ ވެސް މޭގައި ތަތްވެފައި ހުންނަ ދަވަތައް ފިލުވާލަން ފަސޭހަ ގޮތެކެވެ. ހޫނު ސޫޕުން ދަވަތައް ނެއްޓި ސާފުވުމުގެ ފުރުސަތު ލިބުމުގެ އިތުރުން ސޫޕްގައި ހިމެނޭ މުހިއްމު ވިޓަމިންތަކުން އިތުރު ފައިދާތައް ކުރެ އެވެ. އިނގުރު ދިޔައަކީ ވެސް ކެއްސުމަށާއި މޭގައި ހިފާ ރޯގާ އަށް ވަރަށް ރަނގަޅު އެއްޗެކެވެ. އިނގުރާއި މާމުއި އަދި ލުނބޯހުތް އެއްކޮށްފައި ހޫނުފެނުގައި ގިރައިގެން ބުއިމުން ވަރަށް އަވަހަށް ކެއްސުން ރަނގަޅުވެ އެވެ. ހޫނު ކިރުތައްޓެއްގެ ތެރެއަށް ކުޑަ ސަމުސަލެއްގެ ރީނދޫ އަޅައިގެން ބުއިމަކީ ވެސް ރަނގަޅު ފަރުވާއެކެވެ. ތަންކޮޅެއް ކުޅިގަދަކޮށް އަސޭމިރުސް ނުވަތަ ގިތެޔޮ މިރުސް އަޅައިގެން ހަދާފައި ހުންނަ އެއްޗެހި ކެއުމުން ވެސް މޭގައި ހުންނަ އަރިދަރުސްތައް ނެއްޓޭ ގޮތްވެ އެވެ.

ބާމު ފަދަ އެއްޗެއް ރަނގަޅަށް މޭގައި އުނގުޅާލައި މަސާޖުކޮށްލުމުން ފުއްޕާމެ އަށް އޭގެ އަސަރުކޮށް ނޭވާލުމަށް ފަސޭހަވެ އެވެ. – އަރިދަފުސް ރޯގާ ޖެހި ކެއްސަން ފަށައިފި ނަމަ ގިނަގިނަ އިން ފެނާއި ދިޔާ ތަކެތި ބޯށެވެ. ހަށިގަނޑުގައި އެކަށީގެންވާ ވަރަށް ފެން ހުރި ނަމަ ބަލިން އަވަހަށް ރަނގަޅުވުމުގެ މަގު ފަހިވެ އެވެ. – ނިދާއިރު ބޯދޮށަށް އިތުރު ބާލީހެއް ލައިގެން ބޮލަށް އުސްކޮށް އޮންނާށެވެ. އޭރުން ނޭފަތުން ނޭވާލާން ފަސޭހަވެ އަރާމު ނިންޖެއް ނިދާލެވޭނެ އެވެ. އަރިދަފުސް ރޯގާ ފަދަ ބަލިތަކަށް އޮތް އެންމެ ރަނގަޅު އެއް ފަރުވާއަކީ ގިނަ ވަގުތު އަރާމުކުރުމެވެ.

މައުލޫމާތު: ކަވާސާ ޑޮޓް ކޮމް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top