އޭދަފުށީގައި ވަގުތީ މަސްމާރުކޭޓް އެޅުމަށް 42ހާސް ރުފިޔާ މާލިއްޔާއިން ނަގަން ނިންމައިފި

fgh-800x450-800x450-800x450-800x450.jpg

އޭދަފުށީ ބަނަދަރަށް ބަޔަކު މަސްބާލާފައި. ވަގުތީ މަސްމާރުކޭޓެއް އެޅުމަށް ކައުންސިލުން 42000ރ ނެގުމަށް ވަނީ ފާސްކޮށްފައި / އީވީ ފައިލް ފޮޓޯ

ބ. އޭދަފުށީ ބަނދަރު ސަރަހައްދަުގައި ވަގުތީ މަސްމާރުކޭޓެއް ހެދުމަށް ރައްޔިތުންގެ މާލިއްޔާއިން 42000 ރުފިޔާ ހަރަދުކުރުމަށް އޭދަފުށީ ކައުންސިލުން ނިންމައިފިއެވެ.

އޭދަފުށީ ކައުންސިލުން މިގޮތަށް ނިންމީ މިދިޔަ ހަފްތާ ބުދަދުވަހު އޮތް އެކައުންސިލްގެ އާންމު ބައްދަލުވެއްގައެވެ. މިހަރަދު ކުރުމަށް މާލިއްޔާއިން ނިންމިއިރު ކުރިން ކައުންސިލުން ބުނެފައިވަނީ ވަގުތީ މަސްމާރުކޭޓް އަޅާނީ ވިޔަފާރިވެރިންނާއި، ކްލަބް ދަބިގިނާސްގެ އެހީގައި ކަމަށެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން އީވީއަށް ވިދާޅުވީ މާލިއްޔާއިން މިހަރަދުކުރުމަށް ނިންމީ މިމަސައްކަތަށް ހެޔޮއެދޭފަރާތްތަކުން އެހީދިނުން ލަސްވަމުން ދިއުމާއި، މާރުކޭޓަކީ ރައްޔިތުންގެ ވަރަށްބޮޑު އެދުމަކަށްވާތީ، މިހާރުން މިހާރަށް މިމަސައްކަތް ނިންމުމަށް ކައުންސިލް މެމްބަރުންނަށް ފެނިގެންކަމުގައެވެ. އޭނާ ވިދާޅުވީ މުޅި މަސައްކަތުގެ އަގަކީ 42000ރ ނަމަވެސް ވިޔަފާރިވެރިންގެ އެހީ ލިބުމުން މިހަރަދު ފަންސަވީހަކަށް ހާސްރުފިޔާއަށް ކުޑަކުރެވޭނެކަމަށެވެ.

“ވިޔަފާރިވެރިންގެ ތެރެއިން ތަކެތީގެ އެހީތެރިކަން ލިބޭނެކަމަށް ބުނެފައި އޮތީ. އެކަމާ މަޝްވަރާވެސް ކުރެވެމުން ދަނީ. ނަމަވެސް ކައުންސިލުން ބޭނުންވީ ވަިޔަފާރިވެރިންގެ އެހީ ފަހުން ލިބުނުނަމަވެސް މިހާރުން މިހާރަށް މިމަސައްކަތް ނިންމަން. ސާޅިސްދެހާސް ނަގަން ފާސްކުރީ މަސައްކަތް ނުހުއްޓި ނިންމަން ބޭނުންވާތީ. އެހެންނަމަވެސް މުޅި ޕްރޮޖެކްޓަށް (ވިޔަފާރިވެރިންގެ އެހީ ލިބުމުން) މާލިއްޔާއިން ހަރަދުވާނެކަމަށް ލަފާކުރަނީ ގިނަވެގެން ފަންސަވީހަކަށް ހާސް ރުފިޔާ” ތޮލާލް ވިދާޅުވިއެވެ.

ވަގުތީ މަސްމާރުކޭޓެއް ހެދުމަށް ކައުންސިލުން ނިންމީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ރައްޔިތުން ހުށައެޅި ޝަކުވާތަކަށްފަހު އޯގަސްޓްމަހު 2 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ އާންމު ބައްދަލުވުމުގައެވެ. ކައުންސިލުން ބުނީ ކުރިންވެސް ވާހަކަ ދެކެވިފައިވާ ގޮތަށް މިމަސައްކަތުގެ އަމަލީ ބައި ފުރިހަމަ ކުރުމަށް ކްލަބް ދަބިގިނާސްއާ އެކު ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ. ތޮލާލް ފާހަގަކުރެއްވި ގޮތުގައި ކްލަބް ދަ ބިގިނާސްއަކީ މިފަދަ އިޖްތިމާއީ ކަންކަމުގައި އޭދަފުށީގެ އެހެން ޖަމްއިއްޔާތަކަށް ނަމޫނާއެކެވެ.

ތޮލާލް ވިދާޅުވީ މިމަސައްކަތުގެ ދަށުން އިރުމަތީ ހުރަސްވާޓަރުގެ އުތުރުކޮޅުގައި ސާޅީސްފޫޓް ދިގު، ފަނަރަފޫޓް ފުޅާ މަސްބާލާ ތަޅުންގަނޑެއް ހަދައި މަސްކެނޑޭނޭ އިންތިޒާމް ހަމަޖެއްސޭނެކަމަށެވެ.

“މަސްބާލާ ސަރަހައްދެއްގެ އިތުރުން މަސްކަނޑާ ހަޓެއްވެސް ހެދޭނެ މިފިޔަވަހީގައި. ކައުންސިލުން މިދެނީ ހަމައެކަނި މަސައްކަތަށް ބޭނުންވާ ތަކެތި. ބިގިނާސް އިން ހުރިހާ މަސައްކަތެއް ހިލޭ ސާބަހަށް ކޮށްދޭން ވަނީ އެއްބަސްވުމަކަށް އާދެވިފައި.” ތޮލާލް ވިދާޅުވިއެވެ.

ކްލަބް ދަ ބިގިނާސްއިން ބުނީ ވަގުތީ މަސްމާރުކޭޓްގެ މަސައްކަތް އެކްލަބުން ކުރަން ނިންމީ މިކަމަކީ އޭދަފުށީ ރައްޔިތުންނަށް މިހާރުން މިހާރަށްވެސް ބޭނުންވެފައިވާ ކަމެއްކަމަށް ދެކޭތީ ކަމަށެވެ. އެކްލަބްގެ ރައީސް އަލީ ޝަފީޤް ވިދާޅުވީ ވަގުތީ މާރުކޭޓްގެ މަސައްކަތް ތަކެތި ލިބުނުހާ އަވަހަކަށް ފެށުމާމެދު ވިސްނަމުންދާކަމަށެވެ.

އޭދަފުށީ ކައުންސިލުން ކުރިން ބުނެފައިވަނީ ވާޓަރުމައްޗަށް މަސް ބޭލުމާ، މަސް ކެނޑުން ނުހުއްޓުވިވަނީ، މަސްބާލައި، މަސްކަނޑާނެ ސަރަހައްދެއް ނުވަތަ މަސްމާރުކޭޓެއް ކައުންސިލުން ގާއިމްކޮށްދެވިފައި ނެތުމުގެ ސަބަބުންކަމަށެވެ.

ގާނޫނީ ގޮތުން ބާރުލިބިފައިވާ އޭދަފުށީ ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދުގެ 18 ވަނަ މާއްދާގެ “ހ” ގައިވަނީ “އެއްވެސް އުޅަނދަކުން ނުވަތަ ފަރާތަކުން ފަޅުތެރެއަށާއި ބަނދަރާއި، ބަނދަރު ސަރަހައްދަށް ކުނިފަދަ ތަކެތި އެޅުމާއި، ޑަސްބިން ދޮވުމާއި، މަހުގެ އުކާލެވޭ ބައިތަކާއި، ކަރުގޮހޮރުފަދަ ތަކެތި އެޅުމަކީ މަނާކަމެކެވެ. އަދި ބަދަރާއި، ބަނދަރު ސަރަހައްދަށް ޤަޟާޙާޖާތް ކުރުމަކީ މަނާކަމެކެވެ”

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top