އިތުރު ދައުރަކަށް ކުރިމަތިލުމަށް އެމްޕީ. ސަލީމު ނިންމަވައިފި

image-0-02-06-6900c49d6fc643765a07be2af1e43dfa90d8b3057aab7f008686a05313b3af9b-V.jpg

30އޮކްޓޯބަރ. އެމްޕީ ސަލީމު އޭދަފުށީގެ ބައެއް އިސް ރަށްވެހިންނާ ބައްދަލުކުރެއްވުން

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އިތުރު ދައުރަކަށް ކުރިމަތިލާން ނިންމަވައިފިކަމަށް އޭނާ ވިދާލުވެއްޖެއެވެ. މިކަން އިއުލާނު ކުރެއްވީ އޭދަފުށީގެ ބައެއް އިސް ރަށްވެހިންނާ ބައްދަލުކުރައްވައި ވާހަކަ ދެއްކެވުމުގެ ތެރޭގައެވެ.

” އަޅުގަނޑު ހުރީ ދެ ދައުރު ހަމަ ކޮށްފައި ދެން އިތުރު ދައުރަކަށް ކުރިމަތިނުލާން ގަސްތު ކޮށްގެން. އެހެންނަމަވެސް މި ގޮޑިއަށް ކުރިމަތިލުމަށް ރައްޔިތުން ގަބޫލުކުރާ ސިފަތައްހުރި މީހަކު ޝައުގުވެރިކަން ފާޅުކޮށްފައިނުވުމާ  އަޅުގަނޑަށް ތާއީދުކުރާ ގިނަ ބައެއްގެ އެދުމުގެ މަތީން އަޅުގަނޑު އިތުރު ދައުރަކަށް ކުރިމަތިލާން މި ނިންމީ.” އާ ދައުރަކަށް ކުރިމަތިލާން ނިންމި ސަބަބު ސާފުކޮށްދެއްވަމުން ސަލީމު ވިދާޅުވިއެވެ.

އޭދަފުށީގައި ހުންނަ ޕީޕީއެމް އޮފީހުގައި ބޭއްވި މި ބައްދަލު ވުމުގައި ޕީޕީއެމްގެ މެންބަރުންގެ އިތުރުން ސަލީމަށް ތާއީދުކުރާ ގިނަ ބަޔަކު ބައިވެރިވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ސަލީމުވަނީ މަޖިލީހުގައާއި މަޖިލީހުން ބޭރުގައި ދާއިރާގެ ކުރިއެރުމަށާ ތަރައްގީއަށް ކުރެއްވި އަދި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރައްވާފައެވެ.  މީގެއިތުރުން ދާއިރާގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ތަރައްގީއަށް ހުރި ގޮންޖެހުންތަކާ އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. ހަމައެއާއެކު މިކަންކަމާ ބެހޭގޮތުން އެބޭފުޅުންގެ ޚިޔާލަށް ފުރުސަތު ހުޅުވާލެއްވިއެވެ.

ސަލީމް ވިދާޅުވީ މަޖިލީހަށް އޭނާ އިންތިޚާބު ކުރެއްވީ ދާއިރާގެ ރައްޔިތުންކަމާއި މަޖިލީހުގައި އޭނާ ދައްކާ ވާހަކަތަކާ ދެއްވާ ވޯޓު ވާންޖެހޭނީ ރައްޔިތުން ގަބޫލުކުރާ ރައްޔިތުންގެ ވިންދާ އެއްގޮތަށް ދެވޭ ވޯޓަކަށްކަމުގައެވެ. އެހެންކަމަށް ވާއިރު އޭނާ މަސައްކަތްކުރައްވާފައިވާނީ އެގޮތަށް ކަމުގައި ވިދާޅުވިއެވެ.

“އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ ތަޅުމުގައި ބިލްތަކާ ބެހޭގޮތުން ބަހުސަށް ހުޅުވާލުމުގެ ކުރިން ނުވަތަ ވޯޓް ދިނުމުގެ ކުރިން ދާއިރާގެ ރައްޔިތުންނާއި ބައްދަލުކޮށް ޚިޔާލު ހޯދަންޖެހޭނެ. އެގޮތުން ސީދާ ދާއިރާއަށް އައިސް ބައްދަލުނުކުރި ކަމުގައި ވިޔަސް ސޯޝަލް މީޑިއާ މެދުވެރިކޮށް އަޅުގަނޑުގެ ދާއިރާގައި ހިމެނޭ ކަމުވޮށިވެގެންވާ ފަރާތްތަކުގެ މަޝްވަރާ ހޯދަން. އަދި ދެން ކުރިއަށް އޮތްތަނުގައި މިކަން ތަންކޮޅެއް ބޮޑަށް ފުޅާ ކުރަން ގަސްދުކުރާ ވާހަކަވެސް ދަންނަވަން. ” ސަލީމު ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ދާއިރާގެ ރަށްތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ބޭނުންތަކާއި ތަރައްގީއަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް ކުރިއަށް އޮތްތަނުގައި ދާއިރާގެ ރަށްރަށަށް ޒިޔާރަތްކުރުން އިތުރު ކުރާނެކަމުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top